ކުޅިވަރު

ރެއާލްގެ ބްރަހީމް ޑިއާޒް މޮރޮކޯއަށް ކުޅެން ނިންމުމުން އެ ގައުމުގައި އުފާފާޅު ކުރަނީ

12 މާޗް 2024 - 12:28

ރަބާތު (މާޗު 12) - ރެއާލް މެޑްރިޑަށް ކުޅޭ ބްރަހީމް ޑީއާޒް، މޮރޮކޯގެ ގައުމީ ޓީމަށް ކުޅެން ނިންމުމާ ގުޅިގެން އެ ގައުމުން އުފާފާޅު ކުރުމުގެ ގޮތުން ބޮޑެތި ކަންކަން ރާވަމުން އަންނަ ކަމަށް މީޑިއާތަކުން ހާމަ ކޮށްފި އެވެ.

ސްޕެއިން އަށް އުފަން މި ކުޅުންތެރިޔާގެ މަންމަ އަކީ ސްޕެއިންގެ ރައްޔިތެކެވެ. އޭނާ ވަނީ ސްޕެއިންގެ ޔޫތު ލެވެލްގައި ގައުމީ ޓީމުތަކަށް ކުޅެ، ކާމިޔާބު ވެސް ހޯދައިފަ އެވެ. އުމުރުން 24 އަހަރުގެ މި ކުޅުންތެރިޔާ ސްޕެއިންގެ ސީނިއާ ޓީމަށް މިހާތަނަށް ކުޅުނު ހަމައެކަނި މެޗު ކުޅެފައި ވަނީ 2021 ވަނަ އަހަރެވެ. ލިތުއޭނިއާއާ ދެކޮޅަށް ކުޅުނު އެ މެޗުގައި އޭނާ ވަނީ ކުޅެން އަރައި ގޯލެއް ވެސް ޖަހައިފަ އެވެ.

ނަމަވެސް ސީނިއާ ލެވެލްގައި ބްރަހީމްގެ ބައްޕަ ނިސްބަތްވާ ގައުމު، މޮރޮކޯ ތަމްސީލު ކުރަން ނިންމާފައި ވާކަން މީޑިއާގައި ވަނީ ރިޕޯޓް ކޮށްފަ އެވެ.

"ސްޕެއިންގެ ފަރާތުން ބްރަހީމް އަށް އެއްވެސް ފޯނެއް، އެއްވެސް ހަބަރެއް ނުވޭ. ނިންމުން ފައިނަލް ކުރެވިފަ މިއޮތީ، އޭނާ ކުޅޭނީ މޮރޮކޯ އަށް،" އިޓަލީގެ މަގުބޫލް ސްޕޯޓްސް ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ ކުރި ޓްވީޓެއްގައި ވެއެވެ.

"މޮރޮކޯ ފެޑެރޭޝަނުން އަންނަނީ، ބްރަހީމް ޑިއާޒް ގައުމީ ޓީމަށް ކުޅެން ނިންމުމާ ގުޅިގެން އުފާފާޅުކުރުން ކުލަގަދަކޮށް ފާހަގަ ކުރަން ތައްޔާރީތައް ވަމުން."

މަލާގާ އާއި އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީގެ އެކަޑަމީން ތަމްރީނު ހޯދައިގެން ޑިއާޒްގެ ސީނިއާ ކެރިއަރު ފެށީ 2016 ވަނަ އަހަރު އިނގިރޭސި ލީގް ކަޕުންނެވެ. ޕްރިމިއާ ލީގު ކުޅުނީ އޭގެ ދެ އަހަރު ފަހުންނެވެ. ސިޓީ ދޫކޮށް ރެއާލް މެޑްރިޑާ ގުޅުމަށް ފަހު އޭނާ ވަނީ އޭސީ މިލާނުގައި މުހިއްމު ތިން ސީޒަން ހޭދަ ކޮށްފަ އެވެ.

މިހާރު ކުރިއަށްދާ 2023/2024 އަކީ އޭނާ ރެއާލްގެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރާ ފުރަތަމަ ސީޒަނެވެ. އޭނާ ވަނީ މި ސީޒަންގައި މިހާތަނަށް ކުޅުނު 32 މެޗުން އަށް ގޯލު ޖަހައިފަ އެވެ.

"ވަރަށް ދުވަސްވެދާނެ އަހަރެމެން އޭނާ އަށް ޝައުގުވެރި ވެގެން އުޅޭތާ. އަދިވެސް އޭނާއަށް ޝައުގުވެރިކަން އެބަހުރި. އޭނާ ތައްޔާރުކަމަށް ވަންޏާ އަހަރެމެން ދައުވަތު ދޭނަން. އެކަމަކު އޭނާގެ ޝައުގުވެރިކަން ނެތިއްޔާ އެކަން އެހެނެއް ނުވާނެ،" އެންމެ ފަހުން އޮތް އެފްރިކަން ކަޕް އޮފް ނޭޝަންސް ތެރޭގައި، ގައުމީ ޓީމަށް 100 ޕަސެންޓުު ދޭ ކުޅުންތެރިންގެ މުހިއްމުކަން ހާމަކުރަމުން މޮރޮކޯގެ ކޯޗު ވަލީދު ރެގްރުގާނީ ބުނެފައި ވެއެވެ.

މޮރޮކޯ ޓީމުން އަންނަނީ މި މަހު އެންގޯލާ އާއި މައުރީޓާނިއާއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ ދެ މެޗު ކުޅެން ތައްޔާރު ވަމުންނެވެ. މި މެޗުތަކަކީ ޖޫން މަހު ވޯލްޑް ކަޕް ކޮލިފައިންއަށް ތައްޔާރު ވުމުގެ ގޮތުން ކުޅޭ ދެ މެޗެވެ.

މޮރޮކޯ ވަނީ 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ބޮޑެތި ޓީމުތަކަށް ވަރުގަދަ ފައިޓެއްދީ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށް ބޮޑު މަގުބޫލުކަމެއް ހޯދައިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454