ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް، (ކ) ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާ އެކު: ވީއޭއެމްގެ އިންތިހާބާ ގުޅޭ ގޮތުން އެ އެސޯސިއޭޝަނުން ނިންމާފައިވާ ނިންމުންތައް ބަލައި ނުގަންނަކަމަށް އޭނާ ވަނީ ވިދާޅުވެފަ --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
14 މާޗް 2024 - 12:53
ވީއޭއެމްގެ އިންތިހާބާ ގުޅޭ ގޮތުން އެ އެސޯސިއޭޝަނުން ނިންމާފައިވާ ކަންކަން ބަލައި ނުގަންނަ ކަމަށް، ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.
މި މަހުގެ ތިންވަނަ ދުވަހު ވީއޭއެމުން ވަނީ، މިހާރު ހިނގަމުންދާ ދައުރުގެ ބާކީ އޮތް އެއް އަހަރަށް ރައީސް އާއި އެކްސްކޯގެ އިތުރު އަށް މަގާމުގެ އިންތިހާބު އިއުލާންކޮށް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.
އޭގެ ތިން ދުވަސް ފަހުން، ސްޕޯޓްސް ކޮމިޝަނުން ވީއޭއެމަށް ފޮނުއްވި ސިޓީން އަންގާފައި ވަނީ އިންތިހާބާ ގުޅިގެން އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކައުސިލުން، ވީއޭއެމްގެ މިހާރުގެ އެކްސްކޯއާ ބައްދަލުކޮށް ގޮތްތަކެއް ހަމަޖެހެން ދެން އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށެވެ.
ނަމަވެސް، އެ ބައްދަލުވުން އެ އިދާރާތަކާ އެކު ވީއޭއެމުން ބާއްވާފައެއް ނުވެ އެވެ. އަދި އިންތިހާބީ މަސައްކަތް ވެސް ހުއްޓާނުލައި ކުރިއަށް ގެންދެ އެވެ.
އިންތިހާބުގެ ތާރީހު ފަސް ކުރުމަށް ވީއޭއެމުން ބޭއްވި ކޮންގްރެސްގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިލައިގެން
ކުރިން، މާދަމާ ބާއްވަން ހަމަޖައްސާފައި އޮތް އިންތިހާބު، މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ކޮންގްރެސް އަކުން ވަނީ އަންނަ އަންގާރަ ދުވަހަށް ފަސްކޮށްފަ އެވެ. އަދި އޭގެ ކުރިން، މި ދިޔަ އާދިއްތަ ދުވަހު ކެންޑިޑޭޓުންގެ ނަންތައް ވެސް ވީއޭއެމުން އިއުލާން ކުރި އެވެ.
ތޮލާލް ވިދާޅުވީ އެ ނިންމުންތައް އޭނާ ބަލައި ނުގަންނާނެ ކަމަށެވެ.
ގާނޫނުގެ ދަށުން، ކުޅިވަރު އެސޯސިއޭޝަން އަދި ކްލަބްތަކުގެ ބެލެނިވެރި ފަރާތަކީ ސްޕޯޓްސް ކޮމިޝަނަރެވެ. މިދިޔަ ހޯމަ ދުވަހު ބޭއްވި ކޮންގްރެސް އޮބްޒާވްކުރަން ވެސް ސްޕޯޓްސް ކޮމިޝަނާ އޮފީހުގެ މަންދޫބުން ހާޒިރެއް ނުވެ އެވެ.
ވީއޭއެމްގެ އާ ހިންގާގަވާއިދުގެ ދަށުން 15 މެންބަރުން އެކްސްކޯގައި ހިމެނެ އެވެ. މިވަގުތު އޮތް އެކްސްކޯގައި ތިއްބެވީ ހަ މެންބަރުންނެވެ. އަނެއް 9 މަގާމަށް އިއުލާން ކުރުމުން ކޮންމެ މަގާމަކަށް ވެސް ކުރިމަތިލީ އެއް ކެންޑިޑޭޓެވެ. ރައީސްކަމަށް ކުރިމަތިލެއްވީ، އެ އެސޯސިއޭޝަންގެ ރައީސްކަން 2016-2021 އަށް ކުރެއްވި މުހައްމަދު ލަތީފެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންގޮގުލޯ
14 March 2024
ދެން ވަޓްސް ނެކްސްޓް؟ ނޫހަށް އެރުވީމާ ނިމުނީ؟ އެފްއޭއެމް މައްސަލަވެސް ހަމަ ޗޮކުން. ތޮލާލު ތަންކޮޅެއް ހަރުކަށިވާނެވެއްޖެ. މިނިސްޓަރު ދަތްނެތް ސިންގާއަކަށްވީމާ ކަޑަ. ޔޫޒް ޔުއާ އިންފުލުއެންސް އެންޑް ގެޓް ދިސް އަންޑާ ކޮންޓްރޯލް. ބައްސާމް، ރަނޭ ފަދަ "ބެއިފުޅުން" ކަހެރުވަކެކޭވެސް ހިތަށްނާރާ. ކުޅިވަރުތަކުގެ ޕާފޯމަންސް ހަމަ ފަތުއަޑުކިޔާފައި ދަށަށް.
ހަސަނު1
14 March 2024
އަމިއްލައަށް ގަޑުބަޑުކުރި އެތުލެޓިކްސް އެސޯސިއޭޝަން ހަމަ މަގަށް އަޅުވަންކެރޭނެތޯ. ތޮލާލުގެ ޕާޓްނަރު ފާއިލް އާއި މުންތަޤިމްގެ ނޮހޮރުއްޕާނުން މިންޖުކުރެވޭނެ ތޯ
ލަތީފު ބޭ
14 March 2024
ބަލައި ނުގަންނަ ވާހަކަ ނޫހުގައި ޖެހީމާ މިހާރު ހުންނާނީ ވަރަށް އުފަލުން