އިލެކްޝަންސްގެ އޮފިޝަލުން ވޯޓު ގުނުމުގައި ހަރަކާތްތެރިވަނީ: ވޯޓު ފޮށި ބަހައްޓާނީ ބޭރުގެ ތިން ގައުމެއްގައި.
17 މާޗް 2024 - 11:24
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލާ ތަން ބަދަލުކުރަން 11،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅިއިރު، ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ، ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު އިއްޔެގެ 3:00 ގައި ހަމަވިއިރު، ޖުމްލަ 11،169 ފޯމު ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން، 1،141 ފޯމެއް ބާތިލްކުރުމުން ރަޖިސްޓްރީކޮށްދީފައިވަނީ 10،028 ފޯމެވެ.
ރާއްޖެއިން ބޭރުގައި ބަހައްޓަން އިއުލާންކުރި ހަ ވޯޓު ފޮއްޓަކަށް، ވޯޓުލާން 1،338 މީހުން ރީ-ރަޖިސްޓްރޭޝަން ފޯމު ހުށަހެޅި އެވެ. ނަމަވެސް، 100 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީކޮށްގެން ވޯޓު ފޮށި ބަހައްޓަން ހަމަޖައްސާފައިވަނީ މެލޭޝިއާގެ ކުއާލަލަމްޕޫރާއި ސްރީލަންކާގެ ކޮލޮމްބޯ އަދި އިންޑިއާގެ ޓްރިވެންޑްރަމްގަ އެވެ.
އެންމެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވަނީ މެލޭޝިއާގައި ވޯޓުލާށެވެ. އެ ގައުމުގައި ވޯޓުލާން 702 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.
ރިސޯޓު އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ވޯޓު ފޮށި ބަހައްޓާނީ 30 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީކުރުމުންނެވެ.
މީގެ ކުރިން އިއުލާންކުރި ގޮތުން ނަމަ، މަޖިލިސް އިންތިހާބުގެ ވޯޓުލުން މިއަދު އޮންނާނެ އެވެ. އެކަމަކު، ރޯދަ މަހު އިންތިހާބުތައް ނުބާއްވާ ގޮތަށް، އާއްމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި ބަދަލުތަކާއެކު، ވޯޓުލާ ތާރީހު ވެސް ބަދަލުވީ އެވެ. އީސީން މިހާރު ނިންމާފައިވަނީ އަންނަ މަހުގެ 21 ގައި މަޖިލިސް އިންތިހާބު ބާއްވާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެން
18 March 2024
ދައުލަތުގެ ބަޖެޓުން ތިވަރު ބޮޑު ޚަރަދެއްކޮށްގެން ކުރަންޖެހޭ ކަމެއްބާއޭ މި ހިތަށް އަރަނީ! އަޅުގަނޑުމެންނަށްވުރެ މާ ފުދުންތެރި ޤައުމުތަކުގެ މީހުން ވެސް ޤައުމުން ބޭރުގަ ވޯޓުފޮށި ނުބަހައްޓާ! ތިކަމަށް ތި ހޭދަ ކުރާ ފައިސާ މި ޤައުމުގަ، ރާއްޖެއިން ކުރެވެންނެތް ބޭސްފަރުވާ ކުރުންފަދަ ބޮޑެތި އެކި ކަންކަމުގަ ސަލާންޖަހަން ޖެހިފައިވާ މީހުނަށް ޚާއްޞަ ކުރަން ކިހިނެއްވާނެތޯ؟ އާސަންދަ އޮތެއްކަމަކު މިހާރުވެސް އެފަދަ ފަރާތްތައް ދޭތެރެދޭތެރެއިން ފެންނާތީ ދެރަވޭ!
ފަހަތަށް ފަލިޖަހަނީ
18 March 2024
ކޮބާ ޓްރިވެންޑްރަމް އަދި ކޮލޮމްބޯ ގެ ޢަދަދު ތައް؟ އަބަދު ވެސް ބައެއް ވައްޓާލާފަ ޙަބަރު ލިޔަނީ.
ޛުލީނާ
17 March 2024
އަނެއްކާ ތިޔަ އިންތިޚާބު އޮންނާނެބާ؟ އިންތިޚާބު ނުބާއްވައި މިހާރު ތިބި މީހުން ކުރިޔަށް އޮތް 5 އަހަރު ނުވަތަ އެމީހުންގެ އުމުރަށް ބައިތިއްބަން ފާސް ނުކުރާނެބާ؟ ސުޕްރީމް ކޯޓުގެ ޙުކުމްވެސް ގަބޫލުނުކުރަން ފާސްކުރީވިއްޔަ.
ބަނިއާދަން
17 March 2024
ބަންގުލާދޭޝްއާއި އިންޑިއާއާއި ލަންކާގެ ވަރަށް ގިނަ މީހުން ރާއްޖޭގައި އުޅޭ. އިލެކްޝަންސުން ޖެހޭ އެ މީހުންގެ އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ހައްގު ކަށަވަރުކޮށްދޭން. އިލެކުޝަންސުން ޚަރަދުކޮށްގެން ނަމަވެސް އެ މީހުންގެ އިންދިޚާބުތަކުގައި މިކޮޅުގައި ވޯޓުފޮށި ބަހައްޓައިދިނުން އެދެން
ހެހެެހެހެހެ
17 March 2024
ތި ގައުމު ތަކުގައި އިލެކްޝަންސް ކޮމިޝަން ނެތީތަ؟ އަހަރުމެން ދޯ ވީ އަދި އެމީހުމް ވޯޓްލާންވެސް އިންތިޒާމް ހަމަޖައްސަން؟
އެބުނީ
17 March 2024
މާ ލިބޭ ބޮޑެތި ގައުމުތަކުގަވެސް ކުރާ ކަމެއް ނޫނޭ ގައުމުން ބޭރުގަ ވޯޓު ފޮށި ބެހެއްޓުން. މިގައުމުގަ ދިރިނޫޅެ ޓެކްސް ފައިސާ ނުދައްކާ މީހުން ނުޖެހޭ މިގައުމުގެ ކަންކަމަށް ބަސް ބުނާކަށް