ލައިފްސްޓައިލް / ދީން

ހަދީސެއްގެ އަލީގައި: ތަރުބަވީ މައިދާނުގައި މަޑުމައިތިރިކަން ގެންގުޅުން

އިސްލާމީ މަރުކަޒުގައި ކުރި މެންދުރު ނަމާދަށް ފަހު ކުޑަކުއްޖަކާއި އެ ކުއްޖާގެ ބެލެނިވެރިޔާ ގުރުއާން ކިޔަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މާތްﷲ ރުއްސުންލެއްވި އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުގެ ކިބައިން ރިވާކުރެވިގެންވާ ހަދީސެއްގައި ވެ އެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރެއްވި އެވެ. "އޭ ޢާއިޝާ އެވެ! މަޑުމަތިރިކަން ގެންގުޅުއްވާށެވެ! ފަހެ ހަމަކަށަވަރުން ގެއެއްގެ އަހުލުވެރިންނަށް ﷲ ހެޔޮގޮތް އިރާދަކުރައްވާ ނަމަ އެ ގޭގެ އަހުލުވެރިންގެ މެދުގައި މަޑުމައިތިރިކަން ލައްވަވާނެ އެވެ." އެހެން ރިވާޔަތެއްގައި "މަޑުމައިތިރިކަމުގެ މަގަށް އެ މީހުންނަށް މަގުދައްކަވާނެ އެވެ." (އަޙުމަދު)

މި ހަދީސްގައި ބަޔާންކުރެވިގެން އެ ވަނީ ބަސް ބުނުމުގަ އާއި އެހެނިހެން މުއާމަލާތުތައް ކުރުމުގައި ލުއިކަން އިޚުތިޔާރުކޮށް ފަސޭހަގޮތުގައި ހިފުމަށެވެ. ހަރުކަށި ކަމާއި ނުބައިކަން ދެއްކުމުން ދުރުހެލިވުމަށެވެ. މިގޮތަށް މަޑުމައިތިރިކަން ގެންގުޅެން އާދަކުރެއްވިއްޖެ ނަމަ ނުވަތަ އެކަމަށް މަގުލިބިގަނެވިއްޖެ ނަމަ އެ އިން ދަލީލު ކުރަނީ އެ ގެއެއްގެ އަހުލުންނަށް ﷲ ހެޔޮގޮތް މެދުވެރި ކުރައްވައިފި ކަމެވެ. ނުވަތަ މަޑުމައިތިރިކަން ގެންގުޅޭ ނަމަ ﷲ ހެޔޮގޮތް މެދުވެރި ކުރައްވާނެ ކަމެވެ.

މަޑުމައިތިރި ކަމަކީ ރިވެތި ޚުލުގުގެ މޭވާއެއް

މަޑުމައިތިރި ކަމުގެ ޚުލުގުގެ މާތްކަމާއި މަތިވެރިކަން އެތައް ގޮތަކަށް ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާފައި ވެ އެވެ. އެއް ހަދީސެއްގައި ބަޔާން ކުރައްވަނީ "ކަމަކަށް ޒީނަތްތެރިކަން ގެނުވާ ގޮތެއްގައި މެނުވީ އެ ކަމެއްގައި މަޑުމައިތިރިކަން ލެއްވިގެން ނުވެ އެވެ. އަދި ކަމެއް ހަލާކުކުރުވަނިވި ގޮތެއްގައި މެނުވީ އެ ކަމަކުން މަޑުމައިތިރިކަން ނިގުޅައި ނުގަނެވެ އެވެ" (އަބޫދާއޫދު). އެހެން ހަދީސެއްގައި ވަނީ "މަޑުމައިތިރިކަމުން މަހުރޫމު ކުރެވިއްޖެ މީހެއް ހުރިހާ ހެޔޮކަމަކުން މަހުރޫމު ކުރެވިގެންވެ އެވެ" (މުސްލިމް). އަދި އެހެން ހަދީސެއްގައި ވަނީ "ކޮންމެ ކަމެއްގައި ވެސް މުޅި އެ ކަމުގައި މަޑުމައިތިރިކަން އޮތުމަކީ މާތްﷲ ރުހިވޮޑިގަންނަވާ ކަމެކެވެ." (ބުޚާރީ). މީގެ އިތުރުން ވެސް މި މާނަތައް ދޭހަވާ ގޮތަށް އެހެން އިބާރާތްތަކުން ވެސް ހަދީސްތައް ވާރިދުވެފައި ވެ އެވެ.

ޣައިރު މުސްލިމުންނާ އެކުގައި ވެސް މަޑުމައިތިރިކަން ބާއްވަން ޖެހޭ

މަޑުމައިތިރިކަމަށް އިސްލާމްދީން ދޭ އަހަންމިއްޔަތު ފާޅުވާ އެންމެ އަލިގަދަ ހެއްކަކީ މި ރިވެތި ޚުލުގު ޣައިރު މުސްލިމުންނާ އެކުގައި ވެސް ބާއްވަން ޖެހޭކަން ކީރިތި ރަސޫލާ ﷺ ގެ އިރުޝާދުތަކުން ފެންނަން އޮތުމެވެ. ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާކުރެވިގެންވާ ހަދީސެއްގައި ޔަހޫދީންގެ ބަޔަކު ކީރިތި ރަސޫލާ ﷺ ގެ އަރިހުން އިޒުނަޔަކަށް އެދި (ސަލާމް ކުރަން ކަމަށް ހެދިގެން) "އައްސާމު ޢަލައިކަ" (ކަލޭގެފާނަށް މަރު ހުއްޓެވެ!) އޭ ބުނުމުން ޢާއިޝާތުގެފާނު "ވަޢަލައިކުމުއްސާމު ވައްލަޢުނަ" (ތިޔަބައިމީހުންގެ މައްޗަށް ވެސް މަރާއި ލަޢުނަތް ހުއްޓެވެ!) އޭ ވިދާޅުވުމުން ހަދީސް ކުރެއްވީ "ހަމަކަށަވަރުން ﷲ އަކީ އޯގާވަންތަ ރަސްކަލާނގެ އެވެ. އެކަލާނގެ ލޯބިވެ ވޮޑިގަންނަވަނީ ކޮންމެ ކަމެއްގައި ވެސް އޯގާތެރިކަމާއި މަޑުމައިތިރިކަން ގެންގުޅުމަށެވެ." ދެން ޢާއިޝަތު ވިދާޅުވީ އެބައިމީހުން އެބުނި ބަސް ކަލޭގެފާނު އަޑު ނާއްސަވަނީތޯ އެވެ؟ އެ ހިނދު ރަސޫލާ ﷺ ހަދީސް ކުރެއްވީ "ތިމަންކަލޭގެފާނު ވިދާޅުވީ "ވަޢަލައިކުމް" (އަދި ތިޔަބައިމީހުންނަށް ވެސް) އޭ އެވެ" (މުއްތަފަޤު). މި ހަދީސްގެ އެހެން ރިވާޔަތެއްގައިވާ ގޮތުން މަޑުމަތިރިވުމަށް ކީރިތި ރަސޫލާ ﷺ ޢާއިޝަތުގެ ފާނަށް އިރުޝާދު ދެއްވެވި އެވެ. އަދި ހަރުކަށިކަން ދެއްކުމާއި ހަޑިހުތުރު ބަސްތައް ބުނުން ފަދަ ކަންކަމަށް އިންޒާރު ކުރެއްވެވި އެވެ.

މަޑުމައިތިރި ކަމަކީ ތަރުބަވީ މުހިންމު އުސޫލެއް

މަތީގައި ފާހަގަކުރެވުނު ކަންތައްތަކުގެ އަލީގައި ބަލާއިރު މި ހަދީސުންނާއި އަދި މިއާ ގުޅުން ހުރި އެހެން ހަދީސްތަކުން ވަރަށް ގިނަ ތަރުބަވީ ފިލާވަޅުތައް ލިބިގެން ދެ އެވެ.

ފުރަތަމަ ކަމަކީ ގޭތެރޭގެ ކަންކަން ހެޔޮމަގުން ހިނގަން ބޭނުން ނަމަ ދަރިންނާއި އަނބިފިރިންނާއި ޚާދިމުންނާ އެކު ކުރާ ހުރިހާ މުއާމަލާތެއްގައި މަޑުމައިތިރިކަން އިސްކުރުން ވަރަށް މުހިންމު ކަމެވެ. އަދި މިކަން ކާމިޔާބުވެއްޖެ ނަމަ އެއީ ﷲ އެ އާއިލާއަކަށް ހެޔޮގޮތް މެދުވެރި ކުރައްވާ ކަމުގެ ދަލީލެއް ކަމެވެ.

ދެ ވަނަ ކަމަކީ ދަރިން ތަރުބިޔަތު ކުރުމުގައި ހަރުކަށިކަމާއި ނުބައިކަން ދެއްކުން އެއްގޮތަކަށް ވެސް ގެންގުޅެގެން ނުވާނެ ކަމެވެ. ދަރިން އިސްލާހު ކުރުމަށްޓަކައި އަދަބު ދިނުމަކީ އެތައް މަރުހަލާއެއް ކަޑައްތު ކުރުމަށް ފަހު އަދި އެތައް ދޫދިނުންތަކެއް ދިނުމަށް ފަހު އެ ނޫން އެހެން ގޮތެއް ނެތުމުން ކުރާ ކަމެކެވެ. މި ދަރަޖަ އަށް މައްސަލަ ދާއިރު ދަރިންނަށް އެ ލިބޭ އަދަބަކީ އެ އަދަބު ލިބެން ހައްގުވެއްޖެކަން ޚުދު އެ ދަރިންނަށް ވެސް އެނގިގެން ކުރާ ކަމެއްގެ ގޮތުގައި ނޫނީ ވެގެން ނުވާނެ އެވެ.

ތިން ވަނަ ކަމަކީ މުރައްބީއެއްގެ ދައުރު އަދާކުރާ ކޮންމެ މީހަކު ވެސް މަޑުމައިތިރިކަން ބޭނުން ކުރަންޖެހޭނެ ކަމެވެ. މިއީ ހަމައެކަނި މައިންބަފައިންނަށް އޮންނަ ކަމެއް ނޫން ކަމެވެ. ވީމާ މުދައްރިސުން ވެސް ވެރިން ވެސް އަދި މުޅި މުޖުތަމައުގެ އެންމެން ވެސް މަޑުމައިތިރިކަން ބޭނުން ކުރަން ޖެހޭނެ އެވެ. އަނިޔާވެރިކަން ހުއްޓުވުމާއި ހައްގުތައް ހޯދުމަށް މަސައްކަތް ކުރުމަކީ ވަކި ތަރުތީބަކުން އިސްލާމްދީނުގައި ރޭވިފައިވާ ކަމެކެވެ.

ހަތަރު ވަނަ ކަމަކީ އިސްލާމީ މި ރިވެތި ޚުލުގަކީ އެންމެހައި އިންސާނުންނާ މެދުގައި ވެސް ގެންގުޅެން ޖެހޭ ޚުލުގެއް ކަމެވެ. ހައްގުތައް ހޯދުމަށްޓަކައި އަދަބު ދިނުމާއި ހަނގުރާމަ ކުރަން ޖެހުމުން ހަނގުރާމަ ކުރުން ފަދަ ކަންކަމަކީ ވަކި ނިޒާމަކުން ވަކި އިޖުރާއާތު ތަކަކާ އެކުގައި ކުރިއަށް ގެންދަން ދީނުގައި ރޭވިފައިވާ ކަންކަމެވެ. އެހެންކަމުން ހަނގުރާމައެއްގައި ވެސް އަނިޔާވެރިވުން ﷲ ވަނީ މަނާކުރައްވާފަ އެވެ (އަލްބަޤަރާ 190).

ފަސް ވަނަ ކަމަކީ ތަރުބަވީ މަސައްކަތުގައި ގޭތެރޭގައި ކަމުގައި ވިއަސް އަދި މަދަރުސާތަކުގައި ކަމަށް ވިއަސް މަޑުމައިތިރިކަން ގެންގުޅެވިއްޖެ ނަމަ އެ މަސައްކަތަށް ޒީނަތްތެރިކަން ލިބިގެންދާނެ ކަމެވެ. އަދި ހަރުކަށިކަން ގެންގުޅެފި ނަމަ އެ މަސައްކަތް ޚަރާބު ވެގެން ދާނެ ކަމެވެ.

ހަ ވަނަ ކަމަކީ ކޮންމެ ކަމެއްގައި ވެސް މަޑުމައިތިރިކަން ގެންގުޅުމަކީ ﷲ ގެ ލޯބިގެން ދާނެ ކަމެއް ކަމެވެ. އަދި ހަރުކަށިކަން ގެންގުޅުމަކީ ހެޔޮކަމުން މީހާ މަހުރޫމު ވާނެ ކަމެއް ކަމެވެ.

ވީމާ މި ހަދީސްތަކުން ފިލާވަޅު ލިބިގަނެ ހުރިހާ މުރައްބީންވެސް (މައިންބަފައިންނާއި މުދައްރިސުންނާއި މުޖުތަމައު އިސްލާހުކުރުމުގައި މަސައްކަތްކުރާ ކުރާމީހުން ފަދަ އެންމެން) މަޑުމައިތިރިކަން ގެންގުޅެން އާދަކުރަންޖެހެ އެވެ. ތަރުބަވީ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި މިއީ ވަރަށް މުހިންމު އުސޫލެކެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަރުބާޒް

19 March 2024

ޝުކުރަން ސައުދުﷲ ސަރ. ވަރަށް މުހިންމު ހަނދާން ކޮށްދިނުމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454