01 އެޕްރީލް 2024 - 08:52
ކަރަން ޖޯހަރާއި ސަލްމާން ހާން ގުޅިގެން ގެނެސްދޭން އުޅުނު ފިލްމު ސަލްމާން ދޫކޮށްލައިފި އެވެ.
އެ ދެމީހުން ޕްރޮޑިއުސްކުރާ ގޮތަށް ގެނެސްދޭން އުޅުނު ފިލްމުގެ ނަމަކީ "ބުލް" އެވެ. ކަރަން އާއި ސަލްމާން ޕްރޮޑިއުސްކުރާ އެ ފިލްމުގެ ލީޑު ރޯލު ކުޅޭ ގޮތަށް ވެސް އޭރު ހަމަޖެއްސީ ސަލްމާން އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތް ނުފެށި މާ ބޮޑަށް ދިގުލައިގެން ދިއުމުން ސަލްމާން މި ފިލްމު ދޫކޮށްލަން މިހާރު ނިންމާފައިވާ ކަމަށެވެ. އެ ފިލްމުގެ މަސައްކަތް މިހާރު ވަނީ ތިން ފަހަރެއްގެ މަތިން ފަސްކޮށްފަ އެވެ.
ސަލްމާންގެ ކުރިއަށް ގިނަ ފިލްމުތަކެއް ހުރުމާއި ފިލްމު އިތުރަށް ފަސްކޮށްފި ނަމަ، އޭނާގެ އެހެން މަސައްކަތްތަކަށް ބުރޫއަރާނެތީ އެ ފިލްމު ދޫކޮށްލަން އޭނާ ނިންމީ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެ ފިލްމު ދޫކޮށްލަން ނިންމިކަން ސަލްމާން މިހާރު ކަރަން އަށް ވެސް އަންގާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ނަމަވެސް އެ ދެ ފަންނާނުން ވެސް މިކަމާ ގުޅޭ ގޮތުން މީޑިއާގައި އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ކަރަން ޕްރޮޑިއުސްކުރި ފިލްމެއްގައި ސަލްމާން މަސައްކަތް ކުރީ އެންމެ ފަހަރަކު އެވެ. އެއީ މީގެ 25 އަހަރު ކުރިން 1998 ގައި ގެނެސްދިން "ކުޗް ކުޗް ހޯތާ ހޭ"ގަ އެވެ. އެ ފިލްމުގައި ވެސް ސަލްމާން ކުޅުނީ ހާއްސަ ރޯލެކެވެ.
"ބުލް"ގައި ސަލްމާން ކުޅެން އުޅުނީ ހަތިޔާރު އެޅި ޖަމާއަތެއްގެ މީހެއްގެ ރޯލެވެ. އެ ފިލްމުގެ ޑައިރެކްޓަރަކީ ދެކުނު އިންޑިއާ ސިނަމާގެ ގިނަ ފިލްމުތަކެއް ޑައިރެކްޓުކޮށްފައިވާ ވިޝްނޫވަރުދަން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބޭ
04 April 2024
ސަލްމާން ހާން މެން ދެން ހުއްޓާލަން ވީ