03 އެޕްރީލް 2024 - 11:40
ލަންޑަން (އޭޕްރީލް 3) – އަންނަ ސީޒަނުގައި ޕްރިމިއާ ލީގުގެ ތައްޓަށް ޓޮޓްނަމް ހޮޓްސްޕާސްއިން ވާދަކުރަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު އަންޖް ޕޮސްޓެކޯގުލޫ ބުނެފި އެވެ.
ލީގުގައި ރޭ ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި 1-1 ން އެއްވަރުވެ، ގަދަ ހަތަރެއްގެ އުންމީދު ފަނޑުވިޔަސް، މެޗަށް ފަހު ވާހަކަ ދައްކަމުން ޕޮސްޓެކޯގުލޫ ގެންގުޅުނީ މަތީ އުންމީދެކެވެ.
ސްކޮޓްލެންޑްގެ ލީގު ސެލްޓިކަށް ކުރިން ހޯދައިދިން ޕޮސްޓެކޯގުލޫ ބުނީ އޭނާ ސްޕާސްގެ ވަޒީފާއާ ހަވާލުވީ ލީގުގެ ތައްޓަށް ވާދަ ކުރުމަށް ކަމަށެވެ.
"އަހަރެން އުނމީދުކުރަން (ތައްޓަށް)، އެހެން ނޫނީ ކީއްވެ އަހަރެން މި މަސައްކަތް ކުރަން ވީކީ،" މެޗަށް ފަހު ޕޮސްޓެކޯގުލޫ ބުންޏެވެ.
"މިދިޔަ ހަފުތާގައި މީހަކު އަހަންނާ ދިމާލަށް ބުނި 'އަންޖްއޭ ކަލޭގެ ވަޒީފާ ރަނގަޅަށް އަދާކުރާށޭ' އަދި އަހަރެންގެ ވަޒީފާއަކީ މިތަނަށް އައިސް ކާމިޔާބު ހޯދައި ދޭން މަސައްކަތް ކުރުން. ބާރަ މަސްދުވަހުން ތައްޓަށް ވާދަނުކުރާނަމަ، ދެން އަހަންނަކަށް ނޭނގެ އަހަރެން މިތާންގައި ހުންނަން ޖެހޭ ސަބަބެއް."
ޓޮޓްނަމް އޮތީ ލީގުގެ ފަސްވަނައިގަ އެވެ. ހަތަރުވަނައިގައި އޮތް އެސްޓަން ވިލާއާ ޓޮޓްނަމްއާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ފަރަގެވެ. އިނގިރޭސި ލީގުގައި ގަދަ ހަތަރު ޓީމަށް ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދޭނެ އެވެ.
ޓޮޓްނަމް އަށް ޗެމްޕިއަންސް ލީގު ޖާގަ ހޯދޭނެކަން ޕޮސްޓެކޯގުލޫ ގަބޫލު ކުރެ އެވެ.
"ހިނގާ ޗެމްޕިއަންސް ލީގުގެ ޖާގައަކަށް މަސައްކަތް ކުރަން. އޭރުން މީހުންނަށް ހީވާނެ އަހަރެން ރަނގަޅު މަސައްކަތްތަކެއް ކޮށްފި ކަމަށް،" އޭނާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy