މި އަހަރުގެ ފިތުރު އީދަށް ސިޓީތަކާއި ރަށްތައް ދިއްލަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
09 އެޕްރީލް 2024 - 00:03
އީދު ކަހަލަ އިސްލާމީ މާތް މުނާސަބަތުތަކަށް ވާ ތައްޔާރީތައް އަހަރެއް އަހަރަކަށް ވަރުގަދަ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ކުޑަ އީދަށް ބޮކިފައްޗާއި ގިޑިގެތަކުން ސިޓީތަކާއި ރަށްތައް ދިއްލާލުމަށާއި ޖުމްހޫރީ މައިދާނުގެ ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް އަލުން ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އީދުގެ މުނާސަބަތަކީ އިސްލާމް ދީނުގައި މީސްތަކުންނަށް ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެއް ކަމަށާއި މި ނިއުމަތުގެ މުހިންމުކަން އެންމެނަށް އަދި ހާއްސަކޮށް ކުޑަކުދިންނަށާއި ޒުވާނުންނަށް އިހުސާސްކޮށްދެން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމް ގައުމެއް. އެހެންކަމުން، މި ގައުމުގައި އަޅުގަނޑުމެން އީދު ދުވަސް އަންނަކަން، ކުރީންސުރެ އެއަށް އިންތިޒާރުކޮށް އީދު ދުވަހަށްޓަކައި ތައްޔާރުވެ، އީދުގެ އުފަލުގައި ފުރިހަމަ އަށް، ދީނީ ހަމަތަކުގެ މަތިން ބައިވެރިވެ އީދުގެ އުފާ ފާޅުކުރަން ވާނެ،" ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ ފިތުރު އީދަށް ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން އަލުން ހުޅުވުމަށާއި ސިޓީތަކާއި ރަށްތައް ދިއްލާލުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާންމުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އީދުގެ މުނާސަބަތައް މުޅި ރާއްޖެ ޒީނަތްތެރިކުރުމަށް އެމަނިކުފާނު ގަސްތުކުރެއްވީ އެ މަގުސަދުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
މިފަހަރު ކުޑަ އީދަށް މާލެ އާއި ސިޓީތަކާ އަދި އަތޮޅު ވެރިކަން ކުރާ ރަށްތަކުގައި އީދުގެ ދިއްލުން ވަނީ ދިއްލައިފަ އެވެ.
"އުއްމީދުކުރަނީ ކުރިއަށް އޮތް އަހަރު އަދި މިއަށް ވުރެ ގިނަ ރަށްތަކުގައި ދިއްލަން،" ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ ފިތުރު އީދަށް ބޮކިތަކާއި ގިޑިގެތަކުން ޖުމްހޫރީ މައިދާން ދިއްލާލައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރައީސް ވިދާޅުވި ގޮތުގައި، މިކަން ކޮށްދިނުމަށް މިހާރު ވެސް ވަރަށް ގިނަ ރަށްރަށުން ސަރުކާރަށް އަންނަނީ ރިކުއެސްޓްތައް ލިބެމުންނެވެ.
"ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި ވަރަކުން ބޮޑު އީދުގައި އަދި ދެން އަންނަ އަހަރުތަކުގެ އީދުގައި ވީހާ ވެސް ގިނަ ރަށްތަކެއްގައި މިކަން ކުރާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ އެންމެ އެކުގައި އެއް ރޫހެއްގައި މި އީދު ކުލަގަދަ ގޮތެއް ފާހަގަކުރަން ކަމަށެވެ.
"އަޅުގަނޑުމެންނަކީ ދިވެހިން، ފަހުރުވެރި ދިވެހިން. ދިވެއްސަކަށް ވީތީ އަޅުގަނޑުމެންނަކީ އެއް ބައެއް. އެއް ނަސްލަކަށް ނިސްބަތްވާ، އެއް ބަހަކުން ވާހަކަދައްކާ، އެއް ދީނަކަށް ތަބާވާ، އެއް ބައެއް. އެއްބައިވަންތައް، އެއްބައެއްވަންތަ، ބައެއް. މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރެއިން ނެތި ގޮސްގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ފިތުރު އީދަށް ގިޑިގެތަކާއި ކުލަބޮކިތަކުން ހުޅުމާލެ ދިއްލާލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ކޮންމެ ކަހަލަ ކަމެއް ކުރިމަތިވިޔަސް އަދި ކޮންމެ ކަހަލަ ހިޔާލު ތަފާތުވުމެއް އޮތަސް އަހަރެމެންނަކީ އެއްބައެއްކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދު މައިންބަފައިން ވެސް ކުދިންނަށް ދަސްކޮށްދޭންވީ އެއްބައިވަންތަކަމުގެ ރޫހު ދިރުވުމަށެވެ.
"އަޅުގަނޑުމެންނަކީ އެންޑް އޮފް ދަ ޑޭ އެއްބައެއް. އެއްބައިވަންތަކަމުގެ އަޒުމް މިއަދު ވަރުގަދަކުރައްވާ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮންމެ ކުޑަކުއްޖަކަށް އުފާވެރިކަން ގެނެސްދޭން ބޭނުންވޭ. ކޮންމެ ކުއްޖަކަށް އެ ކުއްޖާގެ އުއްމީދުތައް ހާސިލުކޮށްދޭން ބޭނުންވޭ. އާއިލާތަކަށް އުފާވެރިކަން ގެނެސްދޭން ބޭނުންވޭ. އެހެންވީމަ، އެންމެ އެކުގައި މި ކަންކަމާ އެކީގައި ކުރިއަށް ދިޔައީމަ އުއްމީދުތައް ހާސިލުވާނެ."
ފިތުރު އީދަށް އެކި ކުލަލައިގެ ބޮކިތަކުން ހުޅުމާލެ ސެންޓްރަލް ޕާކް ދިއްލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ އެންމެން ވެސް މި އީދުގެ އުފާވެރިކަން ފާޅުކުރުމަށްޓަކައި އާއިލާތަކުން ބޭރަށް ނުކުމެ، އެ ބަޔަކު ބޭނުންވާ ގޮތަކަށް އާންމު ހަމަތަކުގެ މަތިން މަގުތަކާއި ގޯޅިތަކުގައި އެކި ކަހަލަ ހަރަކާތްތައް ވެސް ހިންގަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ރަށްރަށުގައި ވެސް ގިނަ ބަޔަކު ބޭރަށް ނުކުމެ، މުސްލިމަކަށް ވީތީ ފަހުރުވެރިކަމާ އެކީގައި އުފާ ފާޅުކުރާ އީދަކަށް މި މުނާސަބަތު ހަދައިދިނުމަށް ރައީސް ރޭ އެދިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުނިބި
09 April 2024
ދެން އަހަރުމެން އަންނަ އީދަށް ކަނޑާލާނީ އިންޑިޔާޔަށް. ހަމަޖެހިލާގެން އުޅެން އެދުވަސްކޮޅު
މިސްޓަރ ޓިނޭ
09 April 2024
ރައްޔިތުންގެ ޓެކުސް ފައިސާއިން ކުރާ މިކަހަލަ ޙަރަދު ތަކުގެ ތަފްސީލު ހާމަކުރީމާ އެގޭނީ، ނުހައްގު ފައިދާ މިކަހަލަ ކަންކަމުގަ ކޮން ބަޔަކަށްތޯ ބައި އެޅިފަ އޮތީ
އަލިދީ
09 April 2024
ތިކަމުން ވެސް މާލީ ފައިދާ ނަގަން އުޅޭނެ ބަޔަކު ކައިރީގައި ތިބޭނެ. ޢެކަން ދަނެގެން ސަރުކާރު ކުންފުންޏެއް މެދުވެރިކޮށް ހަރަދު ކުޑަކޮށް ތިކަން ކުރީމަ ރަގަޅު ވާނެ.
ގުޑް
09 April 2024
ރަނގަޅު. އަހަރެމެން މުއިއްޒުއާއި އިދިކޮޅު ނަމަވެސް އީދު ފަދަ ރަސްމިއްޔާތުތަކަށް ހައުސިންގ މިނިސްޓަރުކަމުގައި ހުރި އިރު ވެސް ސަލްޓަންޕާކު ފަދަ ތަންތަން ތައްޔާރު ކުރިވަރު ފެނުނު. އިސްލާމީ މިފަދަ މުނާސަބަތުތައް ރަނގަޅުގޮތުގައި ކުރިއަށް ގެންދާތީ މަރުހަބާ.
ބޮކިފުރާޅު ޢީސާ
09 April 2024
އީދުގެ ތައްޔާރުތައް ވަރުގަދަނުކޮށް ފަލަސްތީނަށް ފޮނުވާން ވަރުގަދަ ލަޝްކަރެއް ތައްޔާރުކޮށްބަލަ.
ލަޒީމުން
09 April 2024
ބުރޯ ޢީދަކީ ހުރިހާ މުސްލިމުންނަށް އަން އެންމެ ބޮޑު އުފާ ފާޅުކުރުން.. ކިތައްމެ ބޮޑުވިޔަސް ކިތައްމެ ކުޑަ ގައުމަކުންވިޔަސް އިސްލާމުން ވެއްޖެޔާ ޢީދު ފާހަގަ ކުރަން ޖެހޭ.. ފަލަސްތީނުގެ މައްސަލަ ތީ ހުރިހާ މުސްލިމުން އެކަމާ ހިތާމަ ކުރާ މައްސަލައެއް. އެހެން ނަމަވެސް ޢީދު ދުވަހަކީ އެއަށް ވުރެން މާ މަތިވެރި ރޫހެއްގައި ފާހަގަ ކުރާ ދުވަހެއް.. ދުނިޔެ ހަމަޔަކަށް އެޅި ހުރިހާ މުސްލިމް ގައުމުތަކެއް ހަމަ ޖޭނެ ކަމަށް އީދު ފާހަގަނުކޮށް ތިބޭ އެއްޗެއް ނޫން..
އެޑަމ
09 April 2024
ސާބަހޭ ރައީސް… މަނިކުފާނަށް ސާބިތުކަން ދެއްވާށި! އާމީން
ކާއްޑަ
09 April 2024
މިވަރު ރަނގަޅޭ. ދެން އެއްވެސްކަމެއްގާ ހައްދުފަހަނައަޅައިގެންދިއުން ރަނގަޅެއްނޫން.