10 އެޕްރީލް 2024 - 16:27
ލަންޑަން (އޭޕްރީލް 9) - އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅުން ހުރި މީޑިއާއަކުން އާއްމުކުރި ހަބަރުތަކަކާ ގުޅިގެން، ޔޫއެފާ ޗެމްޕިއަންސް ލީގުގައި މި ހަފްތާ ކުޅޭ ސްޓޭޑިއަމްތަކަކަށް އަމާޒުކޮށް ހަމަލާއެއް ދީފާނެ ކަމަށް ސްޓޭޑިއަމްތަކުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި އެވެ.
ފްރާންސާއި ސްޕެއިންގެ މިނިސްޓަރުން ވެސް ވަނީ އެ ގައުމުތަކުގައި ކުޅޭ މެޗުތަކަށް އަމާޒުކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
އައިއެސް އަށް ތާއީދުކުރާ މީޑިއާ ޗެނަލަކުން ވަނީ ދާދި ފަހުން، ކުއާޓާ ފައިނަލް މެޗު ބާއްވާ ދަނޑުތަކުގެ ބައެއް ފޮޓޯތައް އާއްމުކޮށްފަ އެވެ.
ޔޫއެފާއިން ބުނީ އިންޒާރުތަކާ އެކު ވެސް މެޑްރިޑާއި ޕެރިސް އަދި ލަންޑަންގައި ކުޅޭ މެޗުތައް ރޭވިފައި ވާ ގޮތުގެ މަތިން ކުރިއަށް ދާނެ ކަމަށެވެ.
ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ޖެރާލްޑް ޑާމޭނިން ވިދާޅުވީ ކުޅިވަރު ކުޅޭ ދަނޑުތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ އައިއެސް އިން މިއުނިކްގެ ސްޓޭޑިއަމް ދައްކާލި ނަމަވެސް ކަންކަން ކުރިއަށް ގެންދާނީ ކޮންމެ ކުޅިވަރަކަށް ވެސް ނުރައްކާ އޮވެދާނެ ކަމަށް ބަލައިގެން ކަމަށެވެ.
ސްޕެއިންގެ ސްޕޯޓްސް މިނިސްޓަރު ވިދާޅުވި ގޮތުގައި މި ހަފްތާ ރެއާލް މެޑްރިޑުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗާއި އެތުލެޓިކޯ މެޑްރިޑުން ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗުގެ ސެކިއުރިޓީންގެ އަދަދު 2،000 އަށް ވުރެ ގިނަ ވާނެ އެވެ.
އައިއެސްގެ ޗެނަލުން ވަނީ ރެއާލްގެ ބާނަބޭއޫ އާއި އެތުލެޓިކޯގެ މެޓްރޮޕޮލިޓަނޯ ސްޓޭޑިއަމްގެ އިތުރުން އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމާއި ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސެސް ސްޓޭޑިއަމްގެ ތަސްވީރުތައް ދައްކާލާފައިވެ އެވެ.
ކުއާޓާގެ ފުރަތަމަ ލެގުގައި އާސެނަލް މިރޭ އެމިރޭޓްސްގައި ބެޔާން މިއުނިކާ ދެކޮޅަށް ކުޅޭއިރު ބާނަބެއޫގައި ރެއާލުން ސިޓީއާ ދެކޮޅަށް ނުކުންނާނެ އެވެ. މާދަމާ ރޭ ޕީއެސްޖީން އަމިއްލަ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭއިރު އެތުލެޓިކޯ އަމިއްލަ ދަނޑުގައި ޑޯޓުމަންޑާ ދެކޮޅަށް ކުޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy