ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް: ލ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ހަދާނެ ކަމަށް ވިދާޅުވި.-- ފޮޓޯ: މިހާރު
12 އެޕްރީލް 2024 - 16:42
އާންމުންނާއި ޓޫރިސްޓުންނަށް ބޭނުންކުރެވޭނެ ގޮތަށް ލ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ހަދަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ފަހު ލ. ގަމުގައި ބޭއްވި ޖަލްސާގައި ފައިސަލް ވިދާޅުވީ އެ އަތޮޅުގެ ތަރައްގީ އަށް މި ސަރުކާރުން ވަރަށް ގިނަ ޕްރޮޖެކްޓުތައް ރާވާފައިވާ ކަމަށެވެ. ކޮންމެ ސަރުކާރަކުން ވެސް ލ. އަތޮޅަށް ގިނަ ވައުދުތަކެއްވެ ، އޭގެ ހަގީގީ ކުލަ މިހާތަނަށް ޖެހިފައި ނުވާ ކަމަށާއި އެކަން ހަގީގަތަކަށް ހަދައިދޭނީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ލ. ފޮނަދު އަށް އުފަން ފައިސަލް ވިދާޅުވީ ވިޒިޓާ އިކޮނޮމީ ކައުންސިލުން މިހާރު ފާސްކޮށްފައިވާ ހެރިޓޭޖް ޕްރޮޖެކްޓް އެ އަތޮޅުގައި ވެސް ހިންގާނެ ކަމަށެވެ. ރާއްޖޭގެ ތާރީހީ އެކި ތަންތަން ލ. އަތޮޅުގައި އެބަހުރި ކަމަށާއި އެހެންކަމުން ހެރިޓޭޖް ޕްރޮޖެކްޓްގެ ދަށުން އެ އަތޮޅުގެ ލޯކަލް ޓޫރިޒަމް ފުޅާކުރަން ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ގަމުގައި ހިންގަން ނިންމާފައިވާ 700 އެނދުގެ އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
President Dr @MMuizzu met with the residential community of Gan Island of Laamu Atoll. The President outlined his vision for the island’s developmental progress to the residential community. pic.twitter.com/g0RgoGnugT
— The President's Office (@presidencymv) April 12, 2024
ފައިސަލް ވިދާޅުވި ގޮތުގައި، ލ. އަތޮޅުގެ ޓޫރިޒަމަށް އިންވެސްޓްކުރަން ބޭނުންވާ ވަރަށް ގިނަ އިންވެސްޓަރުން އެބަ ތިއްބެވެ. އެ ފަރާތްތަކާ އެކު ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. މި ސަރުކާރުގެ ޕްލޭނަކީ މި ފަސް އަހަރު ނިމުމުގެ ކުރިން އެ އަތޮޅުގައި ވަން އައިލެންޑް ކޮންސެޕްޓްގެ މަދުވެގެން ހަތަރު ރިސޯޓް ތަރައްގީކުރުމެވެ.
"... ލ. އަތޮޅުގައި ވެސް ޕިކްނިކް އައިލެންޑެއް އަޅުގަނޑުމެން ތަރައްގީ ކުރާނަން. އެ އައިލެންޑަކީ މި ތަނުގައި ދިރިއުޅޭ ލ. އަތޮޅުގެ ރައްޔިތުންގެ ބޭނުމަށާއި އަދި މިތަނުގައި ލޯކަލް ޓޫރިޒަމްގެ ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކަށް ބޭނުންކުރެވޭނެ ގޮތަށް، ހަމަޖެހޭ އުސޫލުތަކުގެ ތެރެއިން ފަހިކޮށްދޭނެ ތަނެއް،" އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ލ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ދެން ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފްލައިޓް ކަނެކްޓިވިޓީ އާއި އެއާފެއާގެ އަގު ބޮޑުވުމުގެ މައްސަލަ ކަމަށެވެ. މިއަދު ފޮނަދޫގައި ބޭއްވި ލ. އަތޮޅު ކައުންސިލްގެ ބައްދަލުވުމުގައި މި މައްސަލަ ހައްލުކުރުމަށް އައިލެންޑް އޭވިއޭޝަނާ އެކުމ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގައި ޓޫރިޒަމް ނެތް ތަންތަނުގައި ޓޫރިޒަމްގެ ޕްރޮޖެކްޓުތައް ފެށުން ކަމަށެވެ. މި މަހު 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ސަރުކާރަށް މެޖޯރިޓީ ލިބުމުން ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނެސްގެން ލ. އަތޮޅު ކަހަލަ ޓޫރިޒަމް ފުޅާވެފައި ނެތް އަތޮޅުތަކުގައި ހުރި ފަޅުރަށްތަކުގެ އަގުތައް ތިރިކޮށް އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
13 April 2024
ލ. އަތޮޅުގަ އިންޓަރނޭޝަނަލް އެެއަރޕޯޓެއް ނާޅަންތަ؟
ފިޗޭ
13 April 2024
ރަނގަޅަށް އިނގިރޭސިބަސް ކިޔަވަދޭ ތަނަކާ .ލޮލް