ޖާންވީ ކަޕޫރްގެ "އުލަޖް"ގެ ޕޯސްޓަރެއް.
14 އެޕްރީލް 2024 - 06:50
ބޮލީވުޑްގެ އެކްޓްރެސް ޖާންވީ ކަޕޫރްގެ ސިޔާސީ ފިލްމު "އުލަޖް" އަންނަ ޖުލައި މަހު ފަހެއްގައި ރިލީޒްކުރަން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ޝޫޓިން ނިމިފައިވާ މި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް އަންނަނީ މިހާރު ކުރަމުންނެވެ. އަދި މަސައްކަތް ދާ ޝެޑިއުލަށް ބަލައި އަންނަ ޖުލައި މަހު ފިލްމު ރިލީޒްކުރެވޭނެ ކަމަށް ބެލެވެ އެވެ.
"އުލަޖް"ގެ ޓީމުން މި ފިލްމު ރިލީޒްކުރާ ދުވަސް އަދި ރަސްމީކޮށް އިއުލާން ނުކުރެ އެވެ.
މި ފިލްމުގައި ޖާންވީ ކުޅެނީ އިންޑިއާގެ ފޮރިން ސާވިސްގައި މަސައްކަތްކުރާ ޑިޕްލޮމެޓެއްގެ ރޯލެވެ.
ބޮލީވުޑްގެ އާ އެކްޓަރުންގެ ތެރެއިން މިހާރު އެންމެ ޑިމާންޑް ބޮޑު ޖާންވީގެ މި ފިލްމު ޑައިރެކްޓުކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުތް ސުދަންޝޫ ސާރިއާ އެވެ.
މި ފިލްމުގެ ސަޕޯޓިން ކާސްޓުގައި ހިމެނޭ އެކްޓަރުންނަކީ ގުލްޝަން ދެވިއާ، ރޯޝަން މެތިއު، ރާޖޭޝް ތައިލަންގް، މެއިޔަންގް ޗަންގް، އަދީލް ހުސެއިން، ރާޖެންދުރާ ގުޕްތާ އަދި ޖިތެންދުރާ ޖޯޝް އެވެ.
ޖާންވީގެ ވަރަށް ގިނަ ފިލްމުތައް ގެނެސްދޭން އެބައޮތެވެ. އޭގެ ތެރޭގައި އޭނާ ކުޅޭ ދެކުނު އިންޑިއާ ސިނަމާގެ ފުރަތަމަ ފިލްމު "ދެވާރާ: ޕާޓް ވަން" އާއި ދެކުނު އިންޑިއާގެ ސިނަމާގެ ތަރިއެއް ކަމަށްވާ ރާމް ޗަރަންއާ އެކު އޭނާ ލީޑު ރޯލު ކުޅޭ ފިލްމު "އާރުސީ ސިކްސްޓީން" އަދި "ރަންގް ދޭ ބަސަންތީ" އާއި "ބާގް މިލްކާ ބާގް" ކަހަލަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝް މެހެރާގެ އާ ފިލްމު "ކަރްނާ" އެވެ. އަދި ނަން އިއުލާންކޮށްފައި ނުވާ ކަރަން ޖޯހަރުގެ ފިލްމެއް ވެސް އޭނާ ވަނީ މިފަހުން ކުޅެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy