ޚަބަރު / ޓްރާންސްޕޭރެންސީ މޯލްޑިވްސް

ވޯޓުގެ ބަދަލުގައި ކެންޑިޑޭޓުންގެ ފަރާތުން ފައިސާ އަށް އެދޭ މައްސަލަ ބޮޑު: ޓްރާންސްޕޭރަންސީ

ޓްރާންސްޕޭރެންސީން މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ބޭއްވި ޕްރެސް ކޮންފަރެންސް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަންނަ އާދިއްތަދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި، އާންމުން ވޯޓުގެ ބަދަލުގައި ކެންޑިޑޭޓުންގެ ފަރާތުން ފައިސާ އަށް އެދޭ މައްސަލަ ވަރަށް ބޮޑު ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ޕްރީ-އިލެކްޝަން އެސަސްމަންޓް ރިޕޯޓުގައި ބުނެފި އެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު އާންމުކުރި އެ ރިޕޯޓުގައި ބުނީ ވޯޓު ގަތުމަކީ މި އިންތިހާބުގައި ވެސް ފާހަގަކުރެވުނު ބޮޑު މައްސަލައެއް ކަމަށެވެ. މި އެސަސްމަންޓް ހެދުމަށް އިންޓަވިއު ކުރެވުނު ހުރިހާ ފަރާތްތަކަކުން ވެސް، މިހާރު ކުރިއަށް ގެންދާ ކެމްޕެއިންތަކުގައި ވޯޓު ގަތުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

"އިންޓަވިއު ކުރި ބައެއް ކެންޑިޑޭޓުން ވަނީ ވޯޓުލާ މީހުން ސީދާ އެމީހުންގެ ވޯޓުގެ ބަދަލުގައި ފައިސާ އާއި އެހެނިހެން އިނާޔަތްތަކަށް އެދިފައިވާ ކަމަށް ހިއްސާކޮށްފަ އެވެ،" އެ ރިޕޯޓުގައިވެ އެވެ.

ނަމަވެސް، ވޯޓު ގަތުން މޮނިޓާ ނުކުރުމާއި އަވަސް އަދި ކާމިޔާބު ތަހުގީގުތައް ކުރިއަށް ނުގެންދެވުމާއި ގުޅުންހުރި ގާނުނުތައް ފުރިހަމައަށް ތަންފީޒު ނުކުރެވުމަކީ މި ކަހަލަ އަމަލުތައް ހުއްޓުވުމަށް ހުރި ގޮންޖެހުންތަކެއް ކަމަށް ޓްރާންސްޕޭރަންސީގެ ރިޕޯޓުގައި ބުންޏެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ހުޅުމާލޭގެ މަގުތަކުގައި ޕޯސްޓަރު ހަރުކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރާއްޖޭގައި ބާއްވާ ކޮންމެ ބޮޑު އިންތިހާބަކާ ދިމާކޮށް، ސިޔާސީ އަދި އިންތިހާބީ މާހައުލު ދެނެގަތުމަށްޓަކައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ޕްރީ-އިލެކްޝަން އެސަސްމަންޓެއް ހަދަ އެވެ.

މަޖިލިސް އިންތިހާބުގެ ކުރިން ނެރުނު މި ޕްރީ-އިލެކްޝަން އެސަސްމަންޓް ރިޕޯޓުގައި ބުނި ގޮތުގައި މިނިވަން، އިންސާފުވެރި އަދި އިތުބާރުކުރެވޭ އިންތިހާބެއް ބޭއްވުމަށް ގާނޫނީ އޮނިގަނޑުގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ އެވެ. ނަމަވެސް، ކުރިއަށް އޮތް އިންތިހާބަށް ގޮންޖެހުންތަކާއި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ތަކުރާރުވާ މައްސަލަތައް ހިމެނެ އެވެ.

ޓްރާންސްޕޭރަންސީގެ މި އެސަސްމަންޓުގައި މުހިންމު ތިން މައްސަލައެއް ފާހަގަކޮށްފައިވެ އެވެ. އެއީ؛

• މަޖިލިސް އިންތިހާބުގައި ވާދަކުރާ (ހާއްސަކޮށް މައި ޕާޓީތަކުން ވާދަކުރާ) އަންހެންގެ އަދަދު މަދުވުން.

• ވޯޓު ގަތުމާއި އިންތިހާބީ ފައިދާއަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން އާންމުވުން.

• ރައްޔިތުން ފުރިހަމައަށް ތަމްސީލް ނުކުރެވުމާއި ގުޅުންހުރި މައްސަލަތައް.

ޓްރާންސްޕޭރަންސީން ބުނީ 2009 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ގިނަ ޕާޓީތަކެއް ވާދަކުރި މަޖިލިސް އިންތިހާބަށް ފަހު، މައި ޕާޓީތަކުން މަޖިލިސް އިންތިހާބުގައި ތަމްސީލުކުރާ އަންހެނުންގެ އަދަދަށް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.

އިންތިހާބީ އަދި ކެމްޕެއިން މުއްދަތާ ދިމާކޮށް މަޝްރޫއުތައް އިފްތިތާހުކުރުމާއި ނިންމުން ފާހަގަކުރުމަށް ރަސްމިއްޔާތުތައް ބޭއްވުން އާންމުވެފައިވާ ކަމަށާއި އިންތިހާބީ ފައިދާއަށް ސަރުކާރުގެ ކުންފުނިތައް ވެސް ބޭނުންކުރާ ކަމަށް އެ އެ ރިޕޯޓުގައިވެ އެވެ. ދައުލަތުގެ ވަސީލަތްތައް އަމިއްލަ ފައިދާއަށް ބޭނުންކުރުން ގާނޫނުގައި މަނާކޮށްފައިވާ އިރު، އެކަމުގައި ބައިވެރިވާ ފަރާތްތައް ޒިންމާދާރުކުރުމަށް ގާނޫނީ ހުސްކަމެއް އޮތްކަން ފާހަގަކުރެވޭ ކަމަށް ވެސް ބުންޏެވެ.

ދާއިމީ އެޑްރެސްގެ މައްސަލަ

ޓްރާންސްޕޭރަންސީގެ ރިޕޯޓުގައި ބުނީ ދާއިމީ އެޑްރެސްއަށް ބަލައި ދާއިރާތަކަށް ވޯޓުލާ މީހުން ކަނޑައެޅުމުގެ ސަބަބުން، އާންމު ދިރިއުޅުން ބިނާވެފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކަށް ވޯޓުލާ އެތައް ހާސް ބަޔަކު ތިބިކަން ފާހަގަކުރެވޭ ކަމަށެވެ.

ވޯޓުލާ މީހުންގެ ލިސްޓުތައް ދާއިމީ އެޑްރެހަށް ބިނާވެފައި އޮތުމުން ވޯޓުލާ ގިނަ މީހުންނަށް ވޯޓުދިނުމަށް މަޖުބޫރު ކުރެވެނީ އާންމުކޮށް ދިރިއުޅޭ، އިޖުތިމާއީ އިގުތިސާދީ އަދި ސިޔާސީ ގޮތުން އެތަނަކާ ގުޅުން ހުރި ދާއިރާތަކަކަށް ނޫން ކަމަށާއި އޭގެ ތެރޭގައި މާލެއަށް ދާއިމީކޮށް ދިރިއުޅުން ބަދަލުވެފައިވާ އެތައް ހާސް ބަޔަކު ވެސް ހިމެނޭ ކަމަށް ބުންޏެވެ.

"މީގެ ތެރޭގައި މާލެ ދަފުތަރުގައި ހިމެނޭ ގިނަ މީހުން ވެސް ހިމެނެ އެވެ. މާލެ ސިޓީއަށް އަލަށް އިތުރުކުރެވުނު ދެ ދާއިރާއަށް ދަފުތަރުގައި ހިމެނޭ ގިނަ ފަރާތްތަކެއް އިލެކްޝަންސް ކޮމިޝަނުން ހިމެނި ކަމުގައި ވީ ނަމަވެސް، މިފަދަ 'ރެންޑަމް އެލޮކޭޝަން'އަކުން އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ފުރިހަމައަށް ހައްލެއް ނުލިބެ އެވެ،" އެ ރިޕޯޓުގައިވެ އެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ގޮވާލުންތައް

• ސިޔާސީ ޕާޓީތަކާއި ކަމާ ބެހޭ އެހެން ފަރާތްތަކުން ސިޔާސީ ޕާޓީގެ ފެންވަރުގައި އަންހެނުންނަށް ކުރިމަތިވެދާނެ ހުރަސްތައް ދެނެގަނެ އެކަން ހައްލުކޮށް، އަމިއްލަ އިސްނެގުމުގެ މަތިން ކޯޓާ ނިޒާމެއް މެދުވެރިކޮށް އިންތިހާބުތަކުގައި ޕާޓީ ތަމްސީލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރުން.

• އެންޓި-ކޮރަޕްޝަން ކޮމިޝަން އާއި ފުލުހުން ހިމެނޭހެން ކަމާ ބެހޭ ފަރާތްތަކުން ވޯޓު ގަތުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން މޮނިޓާކޮށް، ތަހުގީގުކޮށް އަދި ދައުވާކުރުމަށް ހުށަހެޅުން ހަރުދަނާކުރުން.

• އިންތިހާބުގެ މުއްދަތުގައި މިހާރުގެ ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމާ ބެހޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގައިޑްލައިންގައި ހިމެނޭ މާއްދާތައް ރައްޔިތުންގެ މަޖިލީހުން މުރާޖާކޮށް ގާނޫނުގައި ހިމެނުން.

• ރައްޔިތުންގެ މަޖިލިސް ހިމެނޭހެން ކަމާ ބެހޭ ފަރާތްތަކުން ދާއިމީ އެޑްރެސް ނިޒާމަށް ބަހުސްކޮށް ދާއިރާތައް މިހާރު ބަހާގޮތް މުރާޖައާ ކުރުމާއި މި ކަހަލަ ރިވިއުއެއްގައި އާބަން ސެންޓަރުތަކާއި ހާއްސަކޮށް މާލެ އާއި އެހެން ރަށްރަށާ މެދުގައި ހަމަހަމަކަން ގާއިމްކުރުމަށް އިސްކަންދިނުން.

• ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ދާއިރާތަކުގެ އަދަދު ކެޕްކުރުމުގެ ވިސްނުމުގައި ދާއިރާތަކުގެ ބޮޑުމިނާއި އަދަދު ކަނޑައެޅުމަށް މިހާރު އަމަލުކުރަމުންދާ ފޯމިއުލާ ކަމާ ބެހޭ ފަރާތްތަކުން މުރާޖައާކުރުން.

40 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 8%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަރުކާނު

16 April 2024

2 މިހާތަނަށް އައި އިރުވެސް އެއްވެސް ކަމެއް ނުވެ އެއޮތީ. އެކަމު އޭރުގަ ޓްރާންސް ޕޭރަންސީއަށް ތިބީ ނިދާ ބޭސް ކެވިފަ ލޯހުޅުވާލާނެ ވަރެއްވެސް ނެތް. އަނެއްކާ މިހާރު ތިވާކަހަ ދެއްކީމަ ޓްރާންސް ޕެރަންސީގެ ވާހަކަ ޤަބޫލު ނުކުރެވޭ. ކޮންމެވެސް ބަޔަކު ގެ ފަންޑިންގ ބޭނުންވަނީ ހެން ހީވަނީ،

The name is already taken The name is available. Register?

ސަރުކާނު

16 April 2024

ޓްރާންސް ޕޭރަންސީ މޯލްޑިވްސް އަކީ އެމްޑީޕީއަށް ފޭވަރ ކުރާ ބައެއްކަން މިހާރު ވަރަށް ބޮޑަށް ސާފު ވެއްޖެ. ޔާމީން ދައުރުގަ ސަރުކާރުގެ ނުފޫޒު އިންތިޚާބު ތަކުގަ ފޯރުވާވާހަކަ 2 އިރު ކާ ބޭހެއް ހެން ދެއްކި އެކަމު އިބޫ ގެ ރައިސްކަމުގަ ކޮަމަންޑޫ ގުރައިދޫ ތަންތަނަށް ސީދާ ރައީސް ގޮސް މިވެނި ކަމެއްކުރާނަމޭ ބުނެ އެތަނަކަސް އެކަންކުރަން ސާމާނު ގެންގޮސް

The name is already taken The name is available. Register?

ނާބަ

16 April 2024

ޓްރާންސް ޕޭރެންސީ އިންވެސް ރިޕޯރޓް ރަގަޅުކުރުމައް ފައިސާ އަށް އެދޭމައްސަލަ ވަކި ކުޑައެއްނޫން ޔާމީން ވރިކަމަުގަ ތިމީހުން ތިބީ ފިލާ ފައިސާއަށް ވިކިގެން

The name is already taken The name is available. Register?

ހަސަންބެއްޔާ

16 April 2024

ތިޔަ ޓްރާންސްޕޭރެންސީ ގެ ކަންކަން އެނގޭނެ އިންތިޚާބުގެ ވޯޓަށްފަހު. އޭގެ ފަހުން ރަނގަޅަށް އެމީހުން ކޮޅު ނަގަނީ. މިނިވަން މުއައްސަސާތައްވެސް ހަމަ އެފަދަ

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

16 April 2024

ޓްރާންސް ޕޭރެންސީ މޯލްޑިވްސް އަކީ ޔަހޫދީ ޒަޔަނިސްޓުން އަޑީގައި ތިބެގެން މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ފިކުރީ ހަނގުރާމައިގައި އިސްކޮށް އުޅޭ ޖަމާއަތްތަކުގެ ތެރެއިން ޖަމާއަތެއް ކަމުގައިވާ "ޓްރާންސް ޕޭރެންސީ އިންޓަނެޝިނަލް" އިން މަދަދު ލިބިގެން ހިންގަމުންދާ އެޖަމާއަތުގެ ގޮތްޕެއް.

The name is already taken The name is available. Register?

ދޮންބީ

16 April 2024

މަޖްލިހަށް ހޮވޭ މީހަކީ އިއްޒަތް ތެރި އެކެވެ. 5 އަހަރުގެ މުއްދަތުގާ އޭނާ މިލިޔަނަކަށްވެއެވެ.ވޯޓް ދިން ރައްޔިތުމީހާ އަށް ލިބޭ އެއްޗެއްނެތެވެ. މިކަންކަން ރައްޔިތުމީހާ އަށް ރަގަޅަށް އެގެއެވެ. އަބަދަކު ރައްޔިތުމީހާގެ ބޯ ނުވެވޭނެެވެ.

The name is already taken The name is available. Register?

ބަންޑާރަ ބާލީސް

15 April 2024

ފައިދާ އެއް އަދި ގެއްލުމެއް ނެތް އެއްޗަކަށް އަހަރެމެން ވޯޓެއް ނުލާނަން.. މަޖްލިސް އުވާލާ. ތިއީ ބޭކާރު ތަނެއް.

The name is already taken The name is available. Register?

ދޮންމަނިކުބޭގެކަޅުޗީ

15 April 2024

ވޯޓުވިއްކުމާއި ގަތުމަކީ މިގައުމުގައި އާއްމުކަމެއް. ނޭގޭބަޔަކުނެތް. އެންމެ ފައިދާބޮޑު ގަނެވިއްކުމެއްއޮތީ މަޖިލިސް ތެރޭގައި ވެލިއު މިލިއަނުން! އެކަމަކު މެންބަރުން ހޮވަން ރައްޔިތުންދޭ ވޯޓުގެ ވެލިއުއަކީ އެހާބޮޑުއެއްޗެއްނޫން ހާހުން ދެހާހުން ޕީސްކޮޅަކުން ދޮންނަމެސިނަކުން ފުދޭ.

The name is already taken The name is available. Register?

ކުރަފި

15 April 2024

އިންސާނުން ތަބީއީ ގޮތުންވެސް ދަހިވެތި ބައެކެވެ. މިކަން ހުއްޓުވޭނެ ފޯމިއުލާއެއް އަދި އީޖާދެއް ނުކުރެއެވެ.

The name is already taken The name is available. Register?

ބޮޑުމީހާ

15 April 2024

ކަންކަން ހައްލުނުވަނީ މިކަހަލަ ސަބަބުތަކާއި ހެދި. ވޯޓް އަޅަންވީމާ ތައުލީމު، އިންސާފުވެރި، ތެދުވެރި، ގާބިލު މީހާއަށް ބެލުމެއް ނޯވޭ. އެންމެންވެސް ބަލަނީ ޕާޓީއަށް. ދެން ފައިސާއަށް. ވޯޓު ނިމުނީ ދެން ގޮވާނީ މިގައުމުގައި ކަންކަން ހައްލުނުވާ ވާހަކަ. ކަންކަން ހައްލުވާނީ ފަރުދީގޮތުން މީހުން އިސްލާހުވެގެން. ރޭޕިސްޓުންނާއި، ކޮރަޕްޝަނާއި، ޑްރަގްގެ އެތަކެއް ތުހުމަތުވާ ކެނޑިޑޭޓުންގެ ފަހަތުގައި ޕާޓީތަކާއި އާއްމު ރައްޔިތުން އެތިބީ ފިސާރި ކެރިގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454