ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވި، ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ޔާމީން ޕީޕީއެމުން ވަކިވެ ވަޑައިގެން އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ޕީއެންއެފްގެ ފަރާތުން 35 ކެންޑިޑޭޓަކު މަޖިލިސް އިންތިހާބު ވާދަ ކުރެއްވި އެވެ. އަދި ސަރުކާރަށް ވަރަށް ބޮޑަށް ޔާމީން ފާޑު ވިދާޅުވެ، ކެމްޕެއިން ވެސް ކުރެއްވި އެވެ.
ނަމަވެސް މިއަދު ބޭއްވި އިންތިހާބުގައި ޕީއެންއެފްގެ އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބުވެފައެއް ނުވެ އެވެ.
ޕީއެންއެފްގެ އިތުރުން ޑިމޮކްރަޓްސް ޕާޓީއަށް ވެސް މަޖިލީހުގެ އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުވި އެވެ.
މިހާތަނަށް އާންމުކުރި ނަތީޖާތައް ދައްކާ ގޮތުން ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ސުޕަ މެޖޯރިޓީއާ ގާތްކުރާ އަދަދަކަށް ގޮނޑިތައް ކާމިޔާބުވެފައިވެ އެވެ. އަދި އެމްޑީޕީއަށް ލިބުނީ ނުވަ ގޮނޑިއެކެވެ.