ސިޔާސީ ޕާޓީތަކަށް މީހުންނަށް ނޭނގި އޮޅުވާލައިގެން ވެއްދުމާއި ވަކިކުރުމުގެ ފުރުސަތު "އީ ފާސް" ނިޒާމުގެ ތެރެއިން އެއްވެސް މީހަކަށް ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މެންބަރުންނަށް ނޭނގި އީސީގެ ދަފްތަރުން އުނިކުރަމުންދާ ކަމަށް ބުނެ އީސީގެ ރައީސް މުހައްމަދު ޝަކީލްގެ މައްސަލަ ޕީއެންއެފުން ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށް ނެރުނު ބަޔާނުގައި އީސީން ބުނީ އެ ތުހުމަތަކީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދައި މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފެށުނީއްސުރެ އާންމުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން އެންމެ ބޮޑަށް ލިބެމުންދިޔަ ޝަކުވާއަކީ މީހުންނަށް ނޭނގި ސޮއި ފޯޖުކޮށްގެންނާއި އޮޅުވާލައިގެން ޕާޓީތަކަށް ވެއްދުމާއި ވަކިކުރުމުގެ މައްސަލަ ކަމަށާއި އެކަމަކު އީފާސް މެދުވެރިކޮށް ޕާޓީއަށް ވަނުމާއި ވަކިވުމުގެ އިންތިޒާމް ހަމަޖެހުނު ފަހުން އެ ޝަކުވާއަށް ބޮޑު ހައްލެއް ލިބިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ޕާޓީތަކުގެ މެމްބަޝިޕް ނިޒާމުގެ ތެރެއަށް "އީ ފާސް" ތައާރަފްކުރުމާ އެކު، އެ ނިޒާމު ވެގެން ގޮސްފައިވަނީ ރައްޔިތުން ބަލައިގަންނަ، އިތުބާރު ހުރި އަދި ދެފުށް ފެންނަ ނިޒާމަކަށް ކަމަށް ވެސް އީސީން ބުންޏެވެ.
"ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމަކީ ހަމައެކަނި އެ ފަރާތަކާއި އެ ޕާޓީއަކާ ދެމެދުގައި ހިނގާ މުއާމަލާތެކެވެ. މިއީ އިތުރުފަރާތެއްގެ ބައިވެރިވުމެއްނެތް، ފަރުދީ މިނިވަންކަމާއި އިހުތިޔާރުގެ ތެރެއިން ނިންމޭ ނިންމުމެކެވެ،" އެ ބަޔާނުގައިވެ އެވެ.
"މިފަދަ ރައްކާތެރި ނިޒާމެއްގެ ތެރެއިން ކަންކަން ހަމަޖެހިފައިވާއިރު، އެއްވެސް ފަރާތަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ މި ކޮމިޝަނަށް އަދި އެހެން އެއްވެސް ފަރާތަކަށް ކުރެވޭ ގޮތަށް އޮތް ކަމެއް ނޫނެވެ."
މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ކޮންމެ މީހަކަށް އެމީހެއްގެ އަމިއްލަ އީ ފާސް މެދުވެރިކޮށް، ފުރިހަމަ އިހުތިޔާރުގައި ބޭނުން ވަގުތެއްގައި ސިޔާސީ ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އީސީން ބުންޏެވެ.
ނަމަވެސް ޕީއެންއެފުން ގެންދަނީ ހަގީގަތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އީސީއަށާއި ޕާޓީތަކުގެ މެމްބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ވާހަކަ ދައްކަމުން ކަމަށް ބުނެ އެ ކޮމިޝަނުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފަ އެވެ.
އަދި ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށާއި ޒިންމާދާރުކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގުމަށް އީސީން ވަނީ ނަސޭހަތްތެރިވެފަ އެވެ.