ސިލްސިލާކޮށް ކޮންމެ ރެއަކު މާލޭގައި އާޓިފިޝަލް ބީޗުން ޕީއެންސީގެ އޮފީސް ކައިރީގައި މުޒާހަރާތައް ބާއްވަނީ ޕީއެންއެފުން ނޫން ކަަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެެންއެފުން އެހެން ބުނީ ގާނޫނީ އިމުގެ ބޭރުން މުޒާހަރާތަކާއި އެއްވުންތައް ތަކުރާރުކޮށް ބާއްވަމުންދާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ޕީއެންއެފަށް ދިނުމުންނެވެ.

އެ އިންޒާރާ ގުޅިގެން ޕީއެންއެފުން މިއަދު އީސީ އަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ކޮމިޝަނުން ތުހުމަތު ކޮށްފައިވާ ގޮތަށް އެ ޕާޓީން މި ދުވަސްވަރު ސިޔާސީ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދާ ކަމަށެވެ.

"އަދި ސިޔާސީ ޕާޓީއަކުން މުޒަހަރާ ކުރަން ޖެހޭ ހާލަތުގައި ވެސް އީސީގެ ހުއްދައެއް އޮތް ކަމަށް މި ޕާޓީއަކުން ނުދެކެމެވެ. އަދި މާލެ ސިޓީ އެއްވެސް އާންމު ބިމަކަށް އިލެކްޝަންގެ މެންޑޭޓެއް އޮތް ކަމަކަށް މި ޕާޓީން ނުދެކެމެވެ،" ޕީއެންއެފުން ބުންޏެވެ.

އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފައި ވާތީ އެކަމާ ގުޅޭގޮތުން މީޑިއާ ގުރޫޕުގައި ސުވާލު ކުރުމުން ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް، ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ސިލްސިލާކޮށް ބާއްވާ އެއްވުންތަކާއި ހިންގާ ހަރަކާތްތަކަކީ ޕީއެންއެފްގެ ހަރަކާތްތަކެއް ނޫން ކަމަށެވެ.

"ޕީއެންއެފްއަށް ތާއީދުކުރާ ފަރާތްތަކުން ހިންގާ ސިޔާސީ މަސައްކަތްތައް ޕީއެންއެފް އިން ހުރަސް ނާޅާނެ،" މަލީހް ވިދާޅުވި އެވެ.

ޕީއެންސީ އޮފީސް ކައިރި އަށް އެއްވެ ހުކުރު ދުވަހުގެ ރޭ ފިޔަވައި ކޮންމެ ރެއަކު ބާއްވާ ހަރަކާތްތަކުގައި ޕީއެންއެފްގެ ބައެއް އިސްވެރިން ވެސް ބައިވެރިވެޑައިގެން ވާހަކަ ދައްކަވަ އެވެ. އޭގެ ތެރޭގައި މަލީހް ވެސް ހިމެނެ އެވެ. 

ޕީއެންއެފުން ސިޔާސީ ޕާޓީގެ ގާނޫނާ ތަކުރާރުކޮށް ހިލާފުވަމުންދާ ކަމަށް ބުނެ އެ ޕާޓީ މެމްބަރުންގެ މަގުމަތީ ހަރަކާތްތައް ހުއްޓުވައި ފިޔަވަޅު އަޅަން ގޮވައިލައި ގަރާރެއް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.