ވެރިކަން ކުރާ ޕާޓީ، ޕީއެންސީ މެމްބަރުންގެ އަދަދު 70،000 އަށް އަރައިފި އެވެ.
އެ ޕާޓީގެ ތަރުޖަމާން، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް "މިހާރު" އަށް މިއަދު ވިދާޅުވީ އަންނަ މަހު ބާއްވާ ކޮންގްރެސްގެ ކުރިން މެމްބަރުންގެ އަދަދު އިތުރުކުރަން ހަރަކާތްތަކެއް ފަށާފައިވާ ކަމަށެވެ.
އޭގެ ތެރެއިން ކުރި މަސައްކަތުން ޕީއެންސީގެ ދަފްތަރުގައި 70،000 އަށް ވުރެ ގިނަ މީހުން މިހާރު ރަޖިސްޓްރީވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އެއީ މިވަގުތު ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެންމެ ފަހުގެ މައުލޫމާތުތަކުން އަދި ދައްކަނީ، އެ ޕާޓީގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރީވެފައި ތިބީ 67،579 މެމްބަރުން ކަމެވެ.
ސިޔާސީ ޕާޓީތަކަށް ވަންނަން މިހާރު ފޯމު ހުށަހަޅަން ޖެހެނީ އެ ކޮމިޝަންގެ "މައި-ޕޯޓަލް" މެދުވެރިކޮށެވެ. އީ-ފާސް މެދުވެރިކޮށް ހުށަހަޅާ އެ ފޯމު ސީދާ ދާނީ އެ ކޮމިޝަނަށެވެ. ޕީއެންސީން ކުރަންޖެހޭ ކަމަކީ މެމްބަރެއްކަން އެޕްރޫވް ކުރުމެވެ.
ފޯމު ހުށަހެޅިއަސް އީސީން ޕާޓީތަކުގެ މެމްބަރުންގެ އަދަދު އަޕްޑޭޓު ކުރާނީ ވެރިފައިކުރުމުގެ މަރުހަލާއަށް ފަހުގަ އެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި އީ-ފާސްއިން ފޯމު ހުށަހަޅާތީ މީގެ ކުރިން ދިމާވި މައްސަލަތަކެއް މި ފަހަރު ތަކުރާރުނުވާނެ އެވެ.
ޕީއެންސީގެ ކޮންގްރެސް އަންނަ މަހުގެ 15 އިން 18 އަށް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.