ރިޕޯޓް / މަޖިލިސް އިންތިހާބު 2024

އެމްޑީޕީގެ ސުޕަ މެޖޯރިޓީ ބިމާ ހަމަ، މެމްބަރުން ރަތަށް!

އެމްޑީޕީގެ ރައީސް ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލް. -- ފޮޓޯ | މިހާރު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް "މިސްރާބު ހަމަމަގަށް" އަޅުވަން ނުކުތް އެމްޑީޕީ ރޭ ވަނީ ބޮޑު ނާކާމިޔާބީ އެއް ލިބި ހަމަ ބިމަށް ތިރިވެފަ އެވެ. ބައެއް ދާއިރާތަކުން އެމްޑީޕީ އަށް ވަނީ ވަރަށް ލަދުވެތި ނަތީޖާތަކާ ކުރިމަތިވެފަ އެވެ.

މީގެ ފަސް އަހަރު ކުރިން އެއީ 65 ގޮނޑި ކާމިޔާބުކޮށް ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސުޕަ މެޖޯރިޓީ ހޯދި ޕާޓީ އެވެ. ކުރިން ދުވަހަކު ވެސް އެއް ޕާޓީއަކަށް އެކަނި ގާނޫނުއަސާސީ ބަދަލު ކުރެވޭހާ ގޮނޑިއެއް ރައްޔިތުންނެއް ނުދެ އެވެ.

ސަރުކާރާއި މަޖިލީހުގެ ފުރިހަމަ ބާރާއެކު މީހުންނަށް ގަބޫލު ކުރެވުނީ އެއީ ތިން ވަނަ ބާރު ވެސް ހަމަ މަގަށް އަޅުވައި އެމްޑީޕީ އަށް ނަމޫނާ ވެރިކަމެއްކޮށް މަޖިލީހުގެ ތެރެއިން ތަފާތު ދައްކަން ލިބުނު ފުރުސަތު ގޮތުގަ އެވެ.

އެހެން ނަމަވެސް ފަސް އަހަރު ފަހުން މި ވަނީ މުޅި މަޖިލީހުގެ ކުލަ ބަދަލު ކޮށްލައިފަ އެވެ. މި ފަހަރު އާ މަޖިލީހަށް ކުރިން އެމްޑީޕީ އަށް ދިން ވަރުގެ މެޖޯރިޓީއެއް ލިބުނީ އޭރު ދެތިން މެންބަރުން ގޮވައިގެން އުޅުނު ޕީއެންސީ އަށެވެ. އަދި އެމްޑީޕީގެ 65 ގެ ބިޔަ ސުޕަ މެޖޯރިޓީ ބިމާ ހަމަކޮށް 12 މެންބަރުންނަށް ވަނީ ކުޑަ ވެފަ އެވެ.

މުހިންމު ގޮނޑިތަކެއް ވެސް ގެއްލުނު

އިއްޔެގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން އެމްޑީޕީގެ ވަރަށް މުހިންމު ގޮނޑިތަކެއް ވަނީ ގެއްލިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީ އަށް ލިބޭނެ ކަމަށް ވަރަށް ގިނަ ގޮނޑި ހިމެނެ އެވެ. އެމްޑީޕީ އަށް ދިފާއު ކުރެވުނީ އެންމެ ހަތަރު ގޮނޑި އެވެ. އެއީ، ވައިކަރަދޫ ދާއިރާގެ ގޮނޑި އާއި، ހަނިމާދޫ ދާއިރާ، ގަލޮޅު ދެކުނު އަދި ހިތަދޫ ދެކުނު ދާއިރާ އެވެ.

ޒަމާނުއްސުރެ އެމްޑީޕީ ކޮންޓްރޯލް ކުރާ އެތައް ސީޓެއް އެ ޕާޓީ އަށް ވަނީ ގެއްލިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މެދުކެނޑުމެއް ނެތި 25 އަހަރު ހުންނެވުމަށް ފަހު އެމަނިކުފާނު އެންޑޯޒް ކުރެއްވި ޖީހާން މަހުމޫދު މެންބަރު ކަން ކުރެއްވި ހިންނަވަރު ދާއިރާ ވެސް އެމްޑީޕީ އަށް ގެއްލުނީ އެވެ.

އޭގެ އިތުރުން އަބަދުވެސް އެމްޑީޕީ އަށް ގާތްގަނޑަކަށް މާލޭގެ ހުރިހާ ދާއިރާއެއްގެ މެޖޯރިޓީ ލިބޭ އިރު މި ފަހަރު ގަލޮޅުގެ ދެ ގޮނޑި ފިޔަވައި އެހެން އެއްވެސް ދާއިރާއެއް އެ ޕާޓީއަކަށް ނުހޯދުނެވެ. އަދި އައްޑޫ އަކީ ފަހުރުވެރިކަމާއެކު އަބަދުވެސް އެމްޑީޕީ އާއެކު ތިބި ބައެކޭ ބުނި ނަމަވެސް ހިތަދޫ ދެކުނު ދާއިރާ އާއި މަރަދޫ ދާއިރާ ފިޔަވައި އެހެން އެއްވެސް ގޮނޑިއެއް އެ ޕާޓީ އަށް ލިބޭ ގޮތެއް ނުވި އެވެ.

އެމްޑީޕީން އުންމީދުކުރި ވަރަށް ގިނަ ދާއިރާތަކެއް ގެއްލި، ބައެއް ދާއިރާތަކުން ވާދަކުރި ވަރަށް ގިނަ ކެންޑިޑޭޓުންނަށް ވަރަށް ދަށް ނަތީޖާއެއް ވެސް ލިބިފައި އެބަހުއްޓެވެ. އެއީ އެމްޑީޕީގެ މެމްބަރަކަށް ލިބިގެންވާނެ އަދަދެއް ނޫނޭ ބުނާހާ ދަށުން ވެސް ބައެއް މެމްބަރުންނަށް ވޯޓު ލިބުނެވެ.

އެންމެ ފަސް އަހަރުގެ ތެރޭގައި މިވަރުގެ ބޮޑު ބަދަލެއް އަންނާނީ ސަބަބެއް ނެތިއެއް ނޫނެވެ. "މިސްރާބު ހަމަ މަގަށް" އަޅުވަން ޖެހޭ ބައެއް ކަންކަން އެމްޑީޕީގެ ތެރޭގައި ވެސް ވަރަށް ބޮޑަށް އެބަ އޮތް ކަން އެ ނަތީޖާ އިން އެ ދައްކައިދެ އެވެ.

އެޖެންޑާއެއް ނެތް، އެމްޑީޕީ ސިފައެއް ނުފެނުން!

ފާޑު ކިޔާ އެންމެން ވެސް ދެބަސް ނުވާ ކަމަކީ އެމްޑީޕީ އަކީ އަބަދުވެސް މޮޅަށް ކެމްޕެއިން ކުރާ ޕާޓީއެކެވެ.

އެހެން ނަމަވެސް މި ފަހަރު އެމްޑީޕީގެ ކެމްޕެއިންގައި އެ ފޯރިއެއް ނުފެނެ އެވެ. ބޮޑެތި ޖަލްސާތަކާއި މާ ގިނަ ރެލީތަކެއް ނުބާއްވަ އެވެ. އެ ޕާޓީން އަބަދުވެސް ރައްޔިތުންނަށް ވިއްކާ ވަރުގަދަ މެނިފެސްޓޯތަކާއި އެޖެންޑާތަކުގެ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މުޅި ކެމްޕެއިންގެ ތެރޭގައި އެމްޑީޕީން ހެދި އެންމެ ބޮޑު ގޯހެއް ކަމަށް ބައެއް މީހުންނަށް ގަބޫލު ކުރެވުނީ އެ ޕާޓީގެ ސްޓައިލްގައި ވަރުގަދަ ކެމްޕެއިނެއް ކުރުމުގެ ބަދަލުގައި ސަރުކާރުން ދައްކާ ވާހަކަތަކަށް ރައްދު ދިނުމާއި ކުރާ ކަންކަމަށް ފާޑު ކިޔަން އުޅުމެވެ.

އެމްޑީޕީން މާލޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް އިބޫ އާއި މާލޭގެ މޭޔަރު އާދަމް އާޒިމް އަދި އެމްޑީޕީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.

މަޖިލިސް ކެމްޕެއިން ތެރޭގައި ވެސް ސަރުކާރުން ބޮޑަށް ބެލީ ރިޔާސީ އިންތިހާބުގައި ލިބުނު ގެއްލުންތައް ފޫބެއްދޭތޯ އެވެ. އިންޑިއާގެ މައްސަލަގަނޑާއި ގޯއްޗާއި ފްލެޓުގެ ވާހަކަ ދައްކައިގެންނާއި ކުދި ރަށްރަށް ގެންނަ ތަރައްގީގެ ވާހަކަ ދައްކައިގެން މުޅި މަޖިލީސް ހޯދަން މަސައްކަތް ކުރުމެވެ.

އެހެން ނަމަވެސް އެއީ ވަރަށް ބޮޑަށް ފެއިލް ވެފައި އޮތް ފޯމިއުލާއެއް ކަން ރިޔާސީ އިންތިހާބުގެ ނަތީޖާ އިން އެނގެ އެވެ. އިންޑިއާ ސިފައިން ތިބި މައްސަލާގައި ސަރުކާރުން ދޮގު ހަދާ ކަމަށް ބުނެގެން މީހުން އެކަން އެހާ ބަލައެއްނުގަނެ އެވެ. ފްލެޓާއި ގޯތި ކަށަވަރު ކުރަން އެމްޑީޕީ އަށް ވޯޓު ދޭށޭ ބުންޏަސް އެ ހުރިހާ ކަމަކުން ސަރުކާރަށް ލިބެނީ ދެކޮޅަށް ދައްކާނެ މާ ވަރުގަދަ ވާހަކަތަކެވެ.

ޕީއެންސީގެ ކެމްޕެއިންތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވަރަށް ރަނގަޅަށް އެ ވާހަކަތަކަށް ރައްދު ވެސް ދެއްވައިފަ އެވެ. އިންޑިއާ ސިފައިން ތިބި ކަމާއި ބޭލުވި ވާހަކަ ދެއްކެވި އެވެ. އެމްޑީޕީ އަށް ފަސް އަހަރު ލިބިގެން ނުދެވުނު ގޯއްޗެއް ދެން ވެސް ނުދެވޭނެ ވާހަކަ ދެއްކެވި އެވެ.

އަދި އެ ޕާޓީ އަށް މެޖޯރިޓީ ލިބިއްޖެ އޮންނާނީ ސަރުކާރަށް ޖެއްސުން ކުރުން ކަން މިދިޔަ ހަތަރު މަހުގެ ތަޖުރިބާ އިން ހެއްކާއެކީ ރައީސަށް ދެއްކެން އޮތެވެ.

އެހެން ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުން އެއްވެސް އެއްޗެއް އެމްޑީޕީން ދަސްނުކޮށް އަނެއްކާވެސް އެއް އުކުޅެއް ކުޅެން އުޅުމުން ލިބުނު ގެއްލުމެއް ކަމަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރި ބައެއް މީހުން ބުންޏެވެ.

ޖެހިޖެހިގެން ބޮޑު ދެ ބައްޔެއް، މެމްބަރުން ރަތަށް!

ވެރިކަމުގައި އޮވެ ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބަށް ފަހު، ހަމަ އެ ވަރުގެ ބޮޑު ނާކާމިޔާބެއް ލިބުމާ އެކު އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން ވަނީ މާޔޫސްވެފަ އެވެ. އަދި، އެކަމުގެ ހިތްހަމަނުޖެހުންތައް ވެސް އޮތީ އިންތިހާގަ އެވެ.

ސޯޝަލް މީޑިއާގައި އެ ހިތްހަމަނުޖެހުން މެމްބަރުން ދަނީ ބަންޑުން ކޮށްލައިފަ އެވެ. އަދި، ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ރައީސް އަބްދުﷲ ޝާހިދުގެ އިސްތިއުފާ ދަނީ ގޮވަމުންނެވެ. އެމްޑީޕީގެ ވަރަށް ވަފާތެރި ބައެއް މެމްބަރުން ހިތްހަމަނުޖެހުންތައް އޮއްސާލަމުން ބުނެފައިވާ ގޮތުގައި، އެމްޑީޕީ ދުވަހުން ދުވަހަށް ފަހަތަށް ދަނީ ބޮޑާ ކަމާއި ކިބުރުވެރިކަން ކުރިއަށް ނެރެ، އާންމު މެމްބަރުންގެ ބަސް ގަބޫލު ނުކުރާތީ އެވެ. އަދި ޕާޓީގެ އަސާސްތައް ލީޑާޝިޕުން އެއްކޮށް މުގުރާލައިފި ކަމަށް ވެސް ބައެއް މެމްބަރުން ބުނެފައި ވެ އެވެ.

އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް، އަދި ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކެމްޕެއިންތަކަކީ އަބަދުވެސް ވަރަށް އެކްޓިވް އަދި ރައްޔިތުންނާ ހަމައަށް ގޮސްގެން ދުރާލާ ވަރަށް ބައިވަރު ކަންތައްތަކެއް ކުރަމުންދާ ކެމްޕެއިންއެއް ކަމަށެވެ. އެކަމަކު އެކަމަށް މިހާރު ވަރަށް ބޮޑު އިމްޕެކްޓެއް އައިސްފައި އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ ކެމްޕެއިންތަކާއި އެ ބާއްވާ ޖަލްސާތަކުގެ އިތުރުން ޑޯޓުޑޯ ޖައްސައި މީހުންނާ ވަރަށް ގިނައިން ބައްދަލު ކުރާނެ. ކެމްޕެއިންގެ އަމާޒު ވަރަށް ބޮޑަށް އޮންނާނީ މީހުންނަށް މައުލޫމާތު ދިނުމާއި ހޭލުންތެރި ކުރުވުމާއި މީހުން އެންގޭޖް ކުރުވުން. އެ ބައިބައި މި ފަހަރު އެންމެ އެދެވޭ ގޮތަށް ނުގެންދެވި އޮތް ކަން ފާހަގަ ވަނީ،" އިބްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ތެރޭގައި އެމްޑީޕީގެ އެވަރުގެ ބޮޑު މެޖޯރިޓީއެއް އޮވެ މިދިޔަ ފަސް އަހަރު ތެރޭގައި ފެނިގެން ދިޔައީ ވަރަށް އެހެން ކަަހަލަ މަންޒަރުތަކެއް ކަމަށެވެ.

"އަހުލާގީ ގޮތުންނާއި މަޖިލިސް ތެރޭ ކަންކަން ހުރި ގޮތުން ވަރަށް ގިނަ މީހުންގެ މާޔޫސް ކަމާއި ހިތްހަމަނުޖެހުން އޮތް. އޭގެން ވެސް ގެއްލުން ވާނީ އެމްޑީޕީ އަށް،" އިބްރާ ވިދާޅުވި އެވެ.

ސުޕަ މެޖޯރިޓީ ދިނީމަ ފެއިލްވުން!

މި ފަހަރުގެ ކެމްޕެއިންގައި އެމްޑީޕީ އަށް ސަރުކާރަށް ރައްދު ދިނުން ފިޔަވައި ދެއްކޭނެ މާ ބޮޑެތި ވާހަކަތަކެއް ނެތެވެ.

އެގޮތަށް މީހުން ގަބޫލު ކުރަނީ ފަސް އަހަރުގެ ސުޕަ މެޖޯރިޓީއެއް އޮވެ އަދި ސަރުކާރުގެ ބާރާއެކު ވެސް ނުވީ ކަމެއް އިތުރު ފަސް އަހަރު ދިނުމުން ވާނީ ކިހިނެތްތޯ ސުވާލު އުފައްދާތީ އެވެ. އަދި އެކަމަށް އެމްޑީޕީ އަށް ދެވޭނެ މާ ބޮޑު ރައްދެއް ވެސް ނެތުމުންނެވެ.

ވީބީ ހަސަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އާއި އެ ޕާޓީގެ އެހެން ބައެއް މެމްބަރުންނާ އެކު.-- ފޮޓޯ: އެމްޑީޕީ

ނަމަވެސް އެ ޕާޓީގެ ފަސް އަހަރު ހުސްކޮށްލީ އެ މަސައްކަތަށް އަޅާ ނުލަ އެވެ. އަދި ޕީޕީއެމްގެ ފަރާތުން ދެ ފަހަރަށް އެކަމާ ބެހޭ އިސްލާހެއް ހުށަހެޅުމުން ވެސް ބޭރު ކޮށްލީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ ބެނުން ކޮށްގެނެވެ.

އެމްޑީޕީން ލާމަރުކަޒީ ގާނޫނަށް މުހިންމު ބަދަލުތަކެއް ގެނައި ނަމަވެސް އެ މަސައްކަތް ވެސް ކޮށްފައި ވަނީ އެންމެ ފުރިހަމަ އަށް ނޫން ކަން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން މިދިޔަ ދުވަސްތަކުގައި ދައްކާފައި ހުރި ވާހަކަތަކުން އެނގެ އެވެ.

އަދި އެންމެ ބޮޑު ޝަކުވާއަކަށް އޮތީ ވެރިކަން ހިންގާ ބާރު އޮވެ އެ ގާނޫނު އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރުމެވެ. ކައުންސިލްތަކަށް އެވަރުގެ ބާރުވެރިކަން ނުލިބުމެވެ.

ފަސް އަހަރު ތެރޭގައި މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ލިބުމުން މިހާރު ހައްދު ފަހަނަ އަޅާ ގޮސްފައިވާ ކުލީގެ މައްސަލަތަކާއި ބޯހިޔާވެހިކަމާ ގުޅޭ މުހިންމު ގާނޫނުތައް ހެދުމަކީ މީހުން ވަރަށް ބޮޑަށް އުންމީދު ކުރި ކަމެކެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނުފެނެ އެވެ.

އެހެންވެ މިހާރު ބޯހިޔާވެހިކަން ކަށަވަރު ކުރަން އެމްޑީޕީ އަށް ވޯޓު ދޭން ބުންޏަސް އެކަން ގަބޫލު ކުރި ބަޔަކު ނުވި އެވެ.

އެމްޑީޕީ ދެބައި ވުމުގެ ގެއްލުން ބޮޑު!

އެމްޑީޕީ ކޮޅަށް ނެގުމުގައި އެންމެ ކުރީ ސަފުގައި އުޅުނު އެތައް މެންބަރުންތަކެއް ޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސް އުފެއްދި ފަހުން މިއީ އެ ޕާޓީ ކުރިމަތިލި ދެވަނަ އިންތިހާބެވެ. މި ދެ އިންތިހާބުގައި ވެސް އެމްޑީޕީ އަދި ޑިމޮކްރެޓްސް އަށް ވެސް ލިބުނީ ނާކާމިޔާބެވެ.

އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ޕާޓީ ބައިބައި ވެފައި އޮތުން ކަމަށް ބައެއް ތަޖުރިބާކާރުން ދެކެ އެވެ.

ރިޔާސީ އިންތިހާބުގައި ވެސް ބައެއް ދާއިރާތަކުގެ ނަތީޖާތައް އައި ގޮތުން އެމްޑީޕީގެ ސްޓްރޯން ހޯލްޑް ތަންތަނުން ވަރަށް ބޮޑަށް ވޯޓު ދެބައިވެފައި އޮތް މަންޒަރު ފެނުނެވެ. އަދި ވޯޓު ދެބައި ވުމުގެ ފައިދާ އޭރު ލިބުނީ ގުޅިފައި އޮތް ޕީޕީއެމް/ޕީއެންސީ އަށެވެ.

މި އިންތިހާބުގައި ވެސް މާލެ އާއި އައްޑޫގެ ބައެއް ދާއިރާތަކުން ވަރަށް ބޮޑަށް އެ މަންޒަރު ފެނިގެން ދިޔަ އެވެ.

އެމްޑީޕީއާ ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ ދެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީޕީން އަބަދުވެސް ދަމަހައްޓަމުން އައި ގޮނޑިތައް ވަނީ ޕީއެންސީން ކާމިޔާބު ކޮށްފަ އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ބެލިޔަސް ވޯޓު ދެބައި ވާނެ ކަން ވަރަށް ބޮޑަށް ފެންނަން އޮތެވެ. ކުރީބައި ގައި އެކަށް ފިޔަވައި އަޅައި އެ ނޫން ގޮތެއް ހޯދެން މަސައްކަތް ކުރެވެން ވެސް އޮތެވެ. އަދި އެމްޑީޕީ/ޑިމޮކްރެޓްސް ތެރޭގައި ކޮންމެވެސް ވަރަކަށް ގުޅުން ވެސް އޮތީ ރަނގަޅުވެފަ އެވެ.

އެހެން ނަމަވެސް ދެ ޕާޓީ ގުޅިގެން ވާދަ ކުރެވޭނެ މަގަަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އެހެންވެ ނަތީޖާ އޮތީ ހަމަ ރިޔާސީ އިންތިހާބުގައި ވެސް ވީގޮތަށެވެ.

ރިޔާސީ އިންތިހާބަށް ފަހު މި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ނަތީޖާ އިން އެއް ކަމެއް ސާފެވެ. މިސްރާބު ހަމަ މަގަށް އަޅުވަން ޖެހިފައި އޮތީ އެމްޑީޕީގެ އެތެރެ އެވެ. މުޅި ޕާޓީން އަލުން ރިފޯމަކަށް ގޮސް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ނޫނީ އަރައިގަންނަން އުނދަގޫ ވާނެ އެވެ.

90 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 3%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔަހުޔާ

28 April 2024

ފެންހިފޭ ބައެއް ނުކުތާ އެބަހުރި. އެހެނަސް ޖުމްލަ ގޮތެއްގައި އަރިވެފަ އޮތް ލިޔުމެއް. ކްރިޓިކަލް ބައެއް ފެކްޓްސް (ނުވަތަ ހަގީގަތްތައް) އެއްގޮތަކަށްވެސް ނެތް.

The name is already taken The name is available. Register?

ވިދާދްް

24 April 2024

އެތަކެއް ޒަމާންތަކަށް މީހުން އެމްޑީޕީއަށް ލޯބި ކުރީ ވިއްކި ސިޔާސަތުތަކަކަށް. އެކަމަކު ވެރިކަން ލިބުމުން ސިޔާސަތުތަށް ބޮލާ ޖަހާލާ ނުކުތީ ހުދުމުހުތާރުކަމާއެކު. އެމްޑީޕީގެ އަސްލު ބާނީ ރައީސް ނަޝީދުވެސް އެންމެފަހުން އެކަމާ ދެކޮޅަށް ނުކުތީ އެކަމުގައި ބައިވެރި ނުވުމަށް. ދެން ރައްޔިތުން ނުކުމެ ރައީސް މުއިއްޒުއަށް ވެރިކަންދިނީ ވަރަށް އުންމީދާއެކު. ދެން އެމްޑީޕީއިން މަސައްކަތް ފެށީ މި ރާއްޖޭގެ ސިޔާސީ މަޝްރަހް ހަލަބޮލިކޮށްލާ ރައީސް އަޒުލުކުރަން.

The name is already taken The name is available. Register?

ރައިފާާ

24 April 2024

ހުރިހާ ކުރީގެ ރައީސުންނާއި ދެކޮޅަށް ނުކުމެ ރައީސް މުއިއްޒު ހޯއްދެވި ކާމިޔާބަކީ ދޮގާއި އޮޅުވާލުމާ ދެކޮޅަށް ހޯދި ކާމިޔާބީއެއް.

The name is already taken The name is available. Register?

މާންދޫޫ

24 April 2024

ރައްޔިތުން އިންތިހާބުކޮށް ގެނުވި ސަރުކާރެއް އަޒުލުކުރަން ނުކުތީމާ ލިބުނު ނަތީޖާ ސަޅިތަ.

The name is already taken The name is available. Register?

އާންދޫ

25 April 2024

އަޒުލުނުކުރީވެސް ހަމަ އެމީހުންނެއް ނޫންތަ؟

The name is already taken The name is available. Register?

އަދްނާންް

24 April 2024

ކޮބާ ކިހިނެއްވަނީ އަޒުލުކުރުންގަޑު.

The name is already taken The name is available. Register?

ލުތުފީ

24 April 2024

ގިނަ ދާއިރާތަކުގެ ނަތީޖާއަށް ބެލީމަ އެގޭނެ، ބަލިވީ ކީއްވެގެންކަން. އެމްޑީޕީ އަދި ދަ ޑިމޮކްރެކްސް ގެ ނަތީޖާ އެއްކޮށްލީމަ މަންޒަރުސާފު. ވެކިވެގަތުމުގެ ހިތިނަތީޖާ ފެނުނީ.

The name is already taken The name is available. Register?

މުރާދު4

23 April 2024

އެމް.ޑީ.ޕީ މިހާރު ހިންގަނީ ޑީ.އާރ.ޕީ އަދި ލިބަރަލް ޕާޓިން އައި ބައިގަނޑު އެމް.ޑީ.ޕީގެ ވަހެއް ކުލައެއް ނެތް

The name is already taken The name is available. Register?

ރަންނަ

23 April 2024

އަންނި ބުނި ރޫޅާލާނަމޭ. އެހެން މީހަކު ޗެލެންޖް ކުރި ރޫޅައެއް ނުލެވޭނޭ

The name is already taken The name is available. Register?

ރޫނދާ

23 April 2024

ޕާރޓީ ބޮއްސުންލީ ވ ތަކެއް ޕާރޓީ ހިސޯރު ކުރުމާ ހިސާބުން. ނުނިޔަތެއްގަ ކޮންމެ ކަމެއް ވެސް ކުރަނީ. ދެން ލަލަލާ

The name is already taken The name is available. Register?

ޑރ މުއިއްޓެ

22 April 2024

ދެން ފަހެ އެންމެ އަވަހަށް ވުޖޫދުން ފޮހެވިގެން ދާނެ ޕާރޓީއެއްގެ ގޮތުގައި ރީނދޫ ޕާރޓީ ވެއްޖެއެވެ،ދެން ޤައުމުން ފުރަން އުޅޭ އަވަހަށް ވީމޮޅައިގެން،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454