އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލީ އުމުރުން ދުވަސްވީ މީހަކު އޭނާގެ އިނގިލީގައި ޖަހާފައިވާ ވޯޓުލީ ކަމުގެ ނިޝާން ދައްކާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
22 އެޕްރީލް 2024 - 14:04
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެއްވެސް ބޮޑު މައްސަލައެއް ކުރިމަތިނުވާ ކަމަށާއި ވޯޓަށް ލިބުނު ތަރުހީބުގައި ވެސް ކުރީގެ މަޖިލިސް އިންތިހާބުތަކާ މާ ބޮޑު ފަރަގެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ "މިހާރު" އަށް ވިދާޅުވީ ފާހަގަވާ ބޮޑެތި މައްސަލަތަކެއް މިފަހަރުގެ އިންތިހާބުގައި ދިމާވެފައި ނެތް ކަމަށެވެ.
ފުލުހުން އިއްޔެ ވަނީ މާލޭގައި ވޯޓު ކަރުދާސް ދެއްކި މީހަކާއި ގދ. ފިޔޯރީގައި ވޯޓު ލާ މަރުކަޒުގެ މަސްލަހަތު ނަގާލައިގެން ދެ މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް އެ ތިން މީހުން ވަނީ އިއްޔަ ރޭ ދޫކޮށްލައިފަ އެވެ.
ހަސަން ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާއި އަޅާބަލާއިރު އިއްޔެގެ އިންތިހާބުގައި ވޯޓު ލާން ނުކުތް މީހުންގެ އަދަދު ވަރަށް ބޮޑަށް މަދު ކަމަށެވެ.
އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 85 ޕަސެންޓް މީހުން ވޯޓު ލާން ނުކުތެވެ. އެކަމަކު، މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވޯޓު ލާން ނުކުތީ އޭގެ 10 ޕަސެންޓް މަދުން 75 ޕަސެންޓް މީހުންނެވެ. އެއީ 215،000 އަށް ވުރެ ގިނަ މީހުންނެވެ. މިފަހަރު ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު ހުރީ 284،000 އަށް ވުރެ މަތީގަ އެވެ.
"އެކަމަކު އެހެން މަޖިލިސް އިންތިހާބުތަކުގެ ޓާންއައުޓްއާ ހަމަ ދާދި އެއްވަރު،" ހަސަން ވިދާޅުވި އެވެ.
ފެހި ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން ބޭއްވި 2009 ވަނަ އަހަރު ފުރަތަމަ މަޖިލިސް އިންތިހާބުގައި ވޯޓު ލީ 78 ޕަސެންޓް މީހުންނެވެ. އޭގެ ފަހުން 2014 ގައި ބޭއްވި އިންތިހާބުގައި ވޯޓު ލީ 77 ޕަސެންޓް މީހުންނެވެ. އަދި 2019 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވޯޓު ލީ 81 ޕަސެންޓް މީހުންނެވެ.
އިއްޔެ ބޭއްވި ވާދަވެރި މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އާއި އެ ކޯލިޝަންގެ ތާއީދު ލިބުނު އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނާ އެކު 70 އަށް ވުރެ ގިނަ ގޮނޑި ވަނީ ސަރުކާރަށް ކަށަވަރުވެފަ އެވެ. އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް ނެގުނީ އެންމެ 12 ގޮނޑި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަބީ
22 April 2024
މިހިރަ ދައްތަމެންގެ އުފާވެރިކަން ދެކިބަލަ، ކޮޅުފައިން ނުޖަހާނެކަމަށް ދެކެން، ވެރިން ލާރިގަނޑު ބަނޑުއަޅާގެން، ކޮރަޕްޝަ ލެވެލް އަހަރަމެން ގާތުން ބަލާނަން.
ސަރީފް
22 April 2024
ޝުކުރިއްޔާ އީސީ ހުރިހާ ކުދިންނަށް