އެމްއައިބީ އޮފީސް. އެކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި 65 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމާފައި -- ފޮޓޯ: މިހާރު
26 އެޕްރީލް 2024 - 10:10
މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާގެ ފައިދާގެ ގޮތުގައި އެ ކުންފުނީގެ ހިއްސާދާރުންނަށް 2.90ރ. ގެ މަގުން ޖުމުލަ 65 މިލިއަން ރުފިޔާ ބަހަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނިންމައިފި އެވެ.
އެ ބޭންކުން ބުނީ، ޖުމްލަ ފައިދާގެ 37 ޕަސެންޓު ހިއްސާދާރުންނަށް ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައި އަހަރީ އާންމު ޖަލްސާގައި ހުށަހަޅާނެ ކަމަށެވެ. ހިއްސާދާރުންނަށް އެ އަދަދު ބަހާނީ އެމްއައިބީގެ 14 ވަނަ އަހަރީ އާންމު ޖަލްސާގައި ނަގާ ވޯޓަށް ފަހު އެވެ.
އެމްއައިބީ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ބޯޑުން ނިންމި އަދަދަކީ މިދިޔަ އަހަރަށް ވުރެ 65 ޕަސެންޓު ބޮޑު އަދަދެކެވެ. އެ ބޭންކުން ބުނީ މިއީ އެ ކުންފުނި ލިސްޓު ކުރި ފަހުން ހިއްސާދާރުންނަށް ބަހާ އެންމެ ބޮޑު އަދަދު ކަމަށެވެ.
މިދިޔަ އަހަރު އެމްއައިބީ އަށް ސާފު ފައިދާގެ ގޮތުގައި 177 މިލިއަން ރުފިޔާ ލިބުނެ އެވެ. އެއީ 2022 ވަނަ އަހަރަށް ވުރެ 56 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ފައިދާ އެހާ ބޮޑަށް އިތުރުވީ މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 401 މިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެމްއައިބީ އިން ބުނިގޮތުގައި، މިދިޔަ އަހަރު އެ ބޭންކުގެ ހިދުމަތްތައް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ. ޒަމާނީ ވަސީލަތްތަކުގެ އެހީގައި އެ މީހަކު ހުރި ތަނަކުން ބޭންކުގެ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
އެ ބޭންކްގެ ހިއްސާގެ ފައިދާ ލިބޭނީ އަންނަ މަހުގެ 8 ގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފުރަތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.
އެމްއައިބީން ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރީ 2019 ވަނަ އަހަރު އެވެ. އެ ކުންފުނިން 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކި އެވެ. މިއީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އެވެ. މިއީ ބޭންކްގެ ހިއްސާއިން ބަލާ ނަމަ 31 ޕަސެންޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމް އައި ބީ
29 April 2024
ކޮންމެ އަހަރަކު ހިއްސާ ބަހާ ވާހަކަ އޮންނަ އިރު އަހަރެންނަކީ ވެސް ތިޔަ ތަނުގެ ހިއްސާދާރެއް އެކްމަކު އަދި އެއްވެސް އަހަރަކު ހިއްސާގެ ރުފިޔާއެއް ވެސް ލިބިފައެއް ނުވޭ.
2024
27 April 2024
ޙެޑިންގަ ބޮޑުކޮށް 65 މިލިޔަން، އެކަމަކު މީހަކަށް 2 ރުފިޔާ..... ބޮއިހަލަކި
އމމމމމމމމމމ
26 April 2024
އެމް އައިބީ ވަރަށް ކުރިޔަށް ޖައްސާލައިފި ދޯ؟ އެއް އަހަރު ތެރޭ 56 މިލިޔަން ރުފިޔާގެ ކުރިއެރުމެއް.