04 މެއި 2024 - 12:09
ލަންޑަން (މެއި 4) – ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗު ކަމަށް، ހޫލިއަން ލޮޕެޓެގީ ހަމަޖެއްސުމާ ދެކޮޅަށް އެ ކްލަބްގެ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ.
ވެސްޓް ހޭމްގެ މިހާރުގެ ކޯޗު ޑޭވިޑް މޮއިސްގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަ ވާނެ އެވެ. އޭނާގެ ކޮންޓްރެކްޓް އާ ނުކުރަން އެ ކްލަބުން ވަނީ ނިންމައިފަ އެވެ. ބަދަލުގައި ކޯޗަކު ހޯދުމުގެ މަސައްކަތުގައި އެ ކްލަބުން ބައެއް ކޯޗުންނާ ވާހަކަ ދެއްކި އެވެ.
އޭގެ ތެރެއިން އެއް ކޯޗަކީ، ވޯލްވާހެމްޓަން ވޮންޑާސް (ވްލްވުސް) ގެ ކުރީގެ ކޯޗު ލޮޕޮޓެގީ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ލަންޑަނުގެ ކްލަބުން އޭނާއާ އެކު ފެށި ވާހަކަތައް ކާމިޔާބު ވުމާ ހަމައަށް ވަނީ ގޮސްފަ އެވެ.
އެ ޚަބަރު މީޑިއާތަކުގައި އާންމުވާން ފެށުމުން އެ ކްލަބްގެ ސަޕޯޓަރުން ވަނީ އޭނާ ހަމަޖެއްސުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއި ކުރުވަން ފަށައިފަ އެވެ.
ވެސްޓް ހޭމުން ވަނީ، ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޯރިމްއާ ވެސް ވާހަކަ ދައްކައިފަ އެވެ. އެކަމަކު އެ ވާހަކަތައް ވަކި ގޮތަކަށް އެއްބަސް ނުވެވި ވަނީ ނިންމާލައިފަ އެވެ. ވެސްޓް ހޭމްގެ އިތުރުން އޭސީ މިލާންއާ އެކު ވެސް ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ލޮޕެޓެގީ ވާހަކަތައް ކުރިއަށް ގެންދިޔަ އެވެ.
އެކަމަކު އެ ވާހަކަތައް ކޮޅެއްގައި ނުޖެހުނެވެ.
"ޗޭންޖް ޑޮޓް އޯއާރްޖީ" ގައި ވެސްޓް ހޭމްގެ ސަޕޯޓަރުން ފެށި އޮންލައިން ޕެޓިޝަންގެ ޕޯސްޓްގައި ބުނެފައި ވަނީ މިލާނުން ލޮޕެޓެގީ ކޯޗު ކަމަށް ހަމަޖައްސަން ބޭނުން ނުވި ކަމަށެވެ.
"ދެން ކީއްވެ އަހަރެމެން [ވެސްޓް ހޭމުން] އެކަން ކުރަންވީ،" ސުވާލު އުފައްދަ ޕެޓިޝަންގެ ޕޯސްޓްގައި ލިޔެފައި ވެއެވެ.
އެ ޕޯސްޓްގައި ބުނެފައި ވަނީ ލޮޕެޓެގީ އަކީ މޮޅު ކޯޗެއް ނޫން ކަމަށެވެ. އަދި ވެސްޓް ހޭމުން ބޭނުންވާ ވަރުގެ އުންމީދީ ކޯޗެއް ވެސް ނޫން ކަމަށެވެ.
"އެއީ ކްލަބްގެ ބޯޑުން އަގު ހެޔޮ ކުރަން ވެގެން ކުރަން އުޅޭ ކަމެއް. އެ މީހުން 'ބޯޑުން] ނުވިސްނާ ކްލަބާ މެދުއެއް،" އެ ޕޯސްޓްގައި ވެއެވެ.
"އަމޯރިމަކީ [ޓިމް] ސްޓައިޓަން [ޓެކްނިކަލް ޑައިރެކްޓާ] ބޭނުންވި ކޯޗު. އެއީ ވަރަށް ރަނގަޅު ނިންމުމެއް. ނަމަވެސް ބޯޑުން ބޭނުމެއް ނުވި އެކަމަށް ހަރަދުކުރާކަށް."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy