07 މެއި 2024 - 13:32
ރާއްޖޭގެ ކުރީގެ އެއްވަނަ ދުވުންތެރިޔާ އަދި މިހާރުގެ ކޯޗު ނަސީރު އިސްމާއީލަށް ސްކޮޓިސް އެތުލެޓިކްސްގެ ކޯޗިން އެޑިއުކޭޝަން ޕްރޮގްރާމްގެ ފުރުސަތު ލިބިއްޖެ އެވެ.
ސްކޮޓިޝް އެތުލެޓިކްސް (ސްކޮޓްލޭންޑްގެ އެތުލެޓިކްސް ފެޑެރޭޝަން) ގެ ޕާފޯމަންސް ހެޑް މާކް ޕޮލާޑް، ސޮއިކޮށް ނަސީރަށް ފޮނުވި އޮފާ ލެޓާގައި ވާގޮތުން އެ ފެޑެރޭޝަނުން ނަސީރަށް އެ ޕްރޮގްރާމް ހުށަހަޅަނީ ރާއްޖޭގެ އެތުލެޓިކްސް ކުރިއެރުވުމަށް އެހީވުމުގެ ގޮތުން ފަށާ ޕްރޮޖެކްޓެއްގެ ދަށުންނެވެ.
"މެޕް [މޯލްޑިވްސް އެތުލެޓިކްސް ޕްރޮޖެކްޓް] ގެ ދަށުން ނަސީރު އިސްމާއީލް ސްކޮޓްލޭންޑަށް ޒިޔާރަތްކޮށް ތަޖުރިބާތަކެއް ހާސިލުކުރުމަށް ދައުވަތު ދެން. މި ދަތުރުން އަންނަނިވި ނަތީޖާތައް ހާސިލުވެގެންދާނެ ކަމަށް އަހަރެން އުންމީދުކުރަން،" ފަސް ނުކުތާއެއް ފާހަގަ ކުރުމަށް ފަހު، ޕޮލާޑް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.
މި ޕްރޮގްރާމްގެދަށުން ރާއްޖޭގެ އެތުލެޓިކްސް ކުރިއެރުމަށް ސްކޮޓްލޭންޑްގެ އެތުލޓިކްސްގެ ތަޖުރިބާ ބޭނުން ކުރުމަށް ނަސީރަށް ދަސްވެގެންދާނެ ކަމަށް އެ ސިޓީގައި ވެއެވެ.
އެ ޕްރޮގްރާމް ފުރިހަމަ ކުރުމަށް، އެ ޕްރޮގްރާމުން ލިބޭ އިލްމާއި ތަޖުރިބާބޭނުންކޮށް ރާއްޖޭގެ އެތުލީޓުންގެ ޕާފޯމަންސް ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަން ނަސީރަށް ޖެހޭނެ އެވެ.
"ރާއްޖޭގެ އެތުލެޓިކްސްގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި 10 އަހަރަށް ދެމިގެންދާ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން މަސައްކަތް ކުރުން،" މެޕްގެ ތަޖުރިބާގެ ދަތުރަށް ފަހު ނަސީރަށް އޮތް މަސައްކަތެއްގެ ގޮތުގައި ސިޓީގައި ފާހަގަކޮށްފައި ވެއެވެ.
- ސްކޮޓިޝް އެތުލެޓިކްސްއާ ގުޅިގެން، ރާއްޖޭގެ އެތުލެޓިކްސް އަށް އިތުރު ފުރުސަތާއި އެކްސްޕޯޝާ ހޯދައި ދޭން މަސައްކަތް ކުރުން.
- ޕްލޭން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކޯޗުން ތަމްރީނުކުރުމާއި ތަރައްގީކުރުމަށް ސަމާލުކަން ދިނުން.
- އަމިއްލަ އަދި ގައުމީ ލަނޑުދަނޑިތަކަށް ވެސް ކާމިޔާބީތަކެއް ހޯދުމަށް އަމާޒު ހިފުން
މި ޕްރޮގްރާމްގެދަށުގެ ސްކޮޓްލޭންޑްގެ އެތުލީޓުންގް ޓްރޭނިން ސެޝަންތަކާއި ސްކޮޓިޝް އެތުލެޓިކްސްގެ ގައުމީ ކޯޗުންގެ ޓްރޭނިންތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ނަސީރަށް ލިބިގެންދާނެ އެވެ.
މިދިޔަ މަހު، ރާއްޖެ އައި ސްކޮޓްލެންޑްގެ ސްޕޯޓްސް ސައިންސްގެ ތަޖުރިބާކާރު، ނިގެލް ހެތެރިންޓަން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރުމުގެ ކުރިން އޭނާ ވަނީ ނަސީރުގެ ގެއަށް ޒިޔާރަތްކޮށްފަ އެވެ.
ސްކޮޓްލޭންޑަކީ އެތުލެޓިކްސްގައި ދުނިޔޭގެ އެންމެ ކާމިޔާބު ސިސްޓަމް އޮތް ގައުމެވެ. އެންމެ ފަހުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕާއި އިންޑޯ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ސްކޮޓްލޭންޑްގެ އެތުލީޓުން ވަނީ ކާމިޔާބު ހޯދާފަ އެވެ.
ސްޕޯޓްސް ސައިންސްގެ ތަޖުރިބާކާރެއްގެ ވާހަކަ ދިވެހިންނަށް؛ ކުޅިވަރުތައް ހަމަހަމަ ކުރުމުގައި ފަރުވާތެރިވާން ޖެހޭ https://t.co/x5GHA5ha8G
— Mihaaru (@Mihaarunews) March 20, 2024
ނަސީރު ބުނީ ސްކޮޓިޝް އެތުލެޓިކްސްއިން ލިބުނު ފުރުސަތަކީ އޭނާ އަށް އެކަނި ލިބުނު ފުރުސަތެއް ނޫން ކަމަށެވެ.
"އަޅުގަނޑު ނުދެކެން މިއީ އަޅުގަނޑަށް އެކނި ލިބުނު ފުރުސަތެއް ކަމަކަށް. މިއީ ރާއްޖޭގެ އެތުލެޓިކްސް އަށް ލިބުނު ފުރުސަތެއް. ސްކޮޓްލޭންޑަކީ އެތުލެޓިކްސްގައި ކޮމަންވެލްތާއި މުޅި ދުނިޔޭގައި ވެސް މިހާރު އެންމެ ކާމިޔާބު އެއް ގައުމު. މި ޕްރޮގްރާމްގެ ފައިދާ ރާއްޖޭގެ އެތުލީޓުންނަށް ކުރަން އަޅުގަނޑު ބޭނުންވޭ. މިއީ ރާއްޖެ އަށް ލިބުނު ފުރުސަތެއް،" ނަސީރު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
09 May 2024
ކޯޗު ނަސީރަށް މާތްﷲ ކާމިޔާބީ ދެއްވާށި.
ހަސަންޑީ
07 May 2024
މިފަދަ މީހުންގެ ކުރާ މަސައްކަތް އެއްވެސް ސަރުކާރަކުން ބަލައި ނުގަނޭ، ކޯޗްނަސީރު ފަދަ ބޭފުޅުންނަށް ކީއްތޯވާނީ ޓުރެކް ސަރަހައް ދުން ޓުރެއިންގ އަށްބޭނުވާ އިކުއިޕްމަޓް ކޮޅު ބަހައްޓާނެ ޖާގަ އެއް ދިނިއްޔާ ކޮންމެވެސް ތަނެއްގެ އަސްކަނީގައި އެތިކޮޅު ބަހައްޓައިގެން ވެހޭހާވާރެއްގައި އެހުންނަނީ މިކަމާ ވިސްނާނެ އެއްވެސް ސްޕޯރޓްސް މިނިސްޓަރެއްވެސް އަދި ނާދޭ، އެފަކީރުވެސް އެއުޅެނީ އެހާލެއްގައި ..
ޖަގޭ
07 May 2024
ކޯޗް ނަސީރަށް ހޫނު މަރުޙަބާއެއް، މިލިބުނު ފުރުސަތުގެ ބޭނުންކޮށް ދިވެހި އެތުލީޓުންނަށް އިތުރު ކުރިއެރުން ހޯއްދަވާ ދެއްވާނެ ކަމާމެދު ޝައްކެއް ނުކުރަން، މިހާރުވެސް ރާއްޖޭގެ އެތަކެއް އެތުލީޓުންނަށް ކޯޗް ނަސީރުގެ ތަޖުރިބާއާއި އެހީތެރިކަން ދަނީ ދެއްވަމުން މިފަދަ ބޭފުޅުން ކޮންމެ ސަރުކާރަކުން ހަވާސާ ކުރާކަމީ މިފަދަ ބޭފުޅުންނަށް އޮންނަ ދެރައެއް، ކޯޗައް ކުރި އެރުމާއި ހެޔޮ ނަސީބައް އެދެން ...