ލޯކަލް މާރުކޭޓުގައި ދޯންޏަކަށް މުދާ ބަރު ކުރަނީ. އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާ ކުރާ ވަރު ވޯލްޑް ބޭންކުން ވަނީ ދަށްކޮށްފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
09 މެއި 2024 - 11:36
މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި ވަރު އަލުން ރިވައިސްކޮށް އެ މިންގަނޑު ވޯލްޑް ބޭންކުން ދަށްކޮށްފި އެވެ.
ވޯލްޑް ބޭންކްގެ އާ ރިޕޯޓުގައިވާ ގޮތުން މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 4.7 ޕަސެންޓުގަ އެވެ. މިއީ މި އަހަރުގެ އިގްތިސާދު ކުރިއަރާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ލަފާކޮށްފައިވާ އަންދާޒާ އެވެ.
ކުރިން ވޯލްޑް ބޭންކުން ލަފާކޮށްފައި ވަނީ މި އަހަރު ރާއްޖޭގެ އިގްތިސާދު 5.2 ޕަސެންޓަށް ކުރިއަރާނެ ކަމަށެވެ. އެހެންވެ އެއީ 0.5 ޕަސެންޓުގެ ދަށްވުމެކެވެ.
ވޯލްޑް ބޭންކުން ބުނީ ރާއްޖޭގެ އިގްތިސާދަށް އެކްސްޓާނަލް އަދި ފިސްކަލް ގޮންޖެހުންތައް އެބަހުރި ކަމަށާއި ފިސްކަލް ރިފޯމްތަކަށް އަމަލު ނުކޮށްފި ނަމަ ދަރަނީގެ ނުރައްކާ ބޮޑުވެދާނެ ކަމަށެވެ.
"ސްކޭލިން ބެކް އެންޑް ރީބިލްޑިން ބަފާސް"ގެ ނަމުގައި ވޯލްޑް ބޭންކުން މިއަދު އާންމުކުރި އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓްގައިވާ ގޮތުން ޓޫރިޒަމާއި އެހެނިހެން ބޮޑެތި ބައެއް ސިނާއަތުގެ އާމްދަނީ އަށް ވަނީ ހީނަރުކަން އައިސްފަ އެވެ. ޓޫރިސްޓުން އައުން އިތުރުވި ނަމަވެސް، ޓޫރިސްޓުން ކުރާ ހޭދަ ކުޑަ ކަމަށާއި ރާއްޖޭގައި ހޭދަކުރާ މުއްދަތު ވެސް ދަށަށް ދާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާ ނިސްބަތަށް ވެސް އަންނަނީ ކުރަމުންނެވެ.
އެ އިދާރާއިން ބުނީ އިގްތިސާދީ މައްސަލަތައް ހައްލު ކުރުމަށް، ހަރަދު ކުޑަކޮށް ސަބްސިޑީ އިސްލާހު ކުރުން އަވަސް ކުރަން ޖެހޭ ކަމަށެވެ.
ވޯލްޑް ބޭންކުން ބުނީ މިދިޔަ އަހަރު ދައުލަތުގެ ދަރަނި ރާއްޖޭގެ އުފެއްދުންތެރިކަމުގެ 123 ޕަސެންޓަށް އެރުމަކީ ގައުމަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އެއީ 123 ބިލިއަން ރުފިޔާ އެވެ. މިއީ ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ވެސް ވޯލްޑް ބޭންކުން ނެރެފައިވާ ހުރިހާ ރިޕޯޓެއްގައި ވެސް ފާހަގަކުރާ އެންމެ ބޮޑު އެއް މައްސަލަ އެވެ.
މި އަހަރާއި އަންނަ އަހަރު އެވްރެޖްކޮށް ދަރަނި އަދާކުރުމަށް ބޭނުންވާ މިންވަރު 512 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، 2026 ވަނަ އަހަރު އެ އަދަދު 1.07 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. ފިސްކަލް ރިފޯމްތަކާ ނުލައި ބޭރުގެ އިންޓްރެސްޓް ރޭޓު ބޮޑު ދަރަންޏަށް ބަރޯސާވުމަކީ މާލީ ގޮތުން އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމެއް ކަމަށް ވެސް ވޯލްޑް ބޭންކުން ބުންޏެވެ.
ސަރުކާރުން ދާދިފަހުން އިއުލާނުކޮށްފައިވާ ފިސްކަލް ރިފޯމް އެޖެންޑާ ތަންފީޒުކުރަން ޖެހޭ ކަމަށާއި، އެކަން ކާމިޔާބުކަމާ އެކު ތަންފީޒު ކުރުމަށް ޓަކައި ރާއްޖޭގެ އެންމެހާ ރައްޔިތުންނާ އެކު ސާފު މުއާމަލާތްތަކެއް ކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. އަދި ރިފޯމް ގެންނަ އިރު އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުވޭނެ ގޮތްތައް ފަހިވާނެ ގޮތަކަށް ކަންކަން ރޭވުމަށް ވޯލްޑް ބޭންކުން ގޮވާލާފައިވެ އެވެ.
"ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި ސަރުކާރުގެ ފިސްކަލް ރިފޯމް އެޖެންޑާ ތަންފީޒުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑައިރެކްޓާ ފާރިސް ހަދާދު-ޒެރްވޯސް ވިދާޅުވި އެވެ.
"މި އިސްލާހީ މަސައްކަތްތަކުގައި ވޯލްޑް ބޭންކުން އަބަދުވެސް ރާއްޖެ އަށް އެއްބާރުލުން ދޭނެ. އޭގެ ތެރޭގައި ފަގީރުންނާއި ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓާގެޓެޑް ސަބްސިޑީއެއް ދީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްސަލަތައް ހައްލުކޮށް، އިންވެސްޓްމަންޓްތަކުގެ ސްޓްރެޓެޖިކް ޕްލޭނިން ހަރުދަނާކުރުން ހިމެނޭ."
ވޯލްޑް ބޭންކުގެ އެ ރިޕޯޓުގައި ވަނީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން ސަލާމަތްވުމަށް ޓޫރިޒަމް ދާއިރާ ޑައިވާސިފައި ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދިނުމަށް އެދިފައިވެ އެވެ. އަދި އިގްތިސާދުގައި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން އިތުރުކޮށް އެ ދާއިރާއިން ވަޒީފާތައް އުފެއްދުމަށް ބާރު އެޅުމަށް ވެސް ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝައްކު
09 May 2024
އަނެއްކާ މީ ވޯލްޑް ބޭންކްގެ ގާޑަކު ނެރުނުއެއްޗެއް ނޫންބާ؟
ނަމެއް ނެތް
09 May 2024
އަދިވެސް މޫދެއް ވިލެއް އޮވެއްޖިއްޔާ، މިލިއަން މިލިއަން ޑޮލަރު ބޭކާރުކޮށްފައި ފަސްގަނޑުގަނޑު ހަދާފައި ބަހައްޓާ! ކީއްވެބާ މިހާ ބޮޑެތި އިސްރާފު ނުކޮށް ރާއްޖޭގެ ދެކުނު އަތޮޅުތަކުގެ ރަށްތަށް ރިސޯޓްހެދުމާ އާބާދުކުރުމަށް ބޭނުންނުކުރަނީ! ގައިމު އޭރުން ހަމަ އެކަނި ތަރަށްގީ ކުރަން ޖެހޭނީ އެކަނި ވައިގެ ދަތުރުފަތުރުގެ ނިޒާމުވިއްޔާ!
ކަންމާތީ
09 May 2024
ވޯލްޑް ބެންކް މީ އަލްހާން ނަގާފަ އެންމެބޮޑޫ ސުކޭމަރު.
އަދްނާންް
09 May 2024
ރާއްޖެ ގޮއްސަ މިއިންހާލަތުގެ ފުރިހަމަ ޒިންމާ އިބޫ ނޫން ދެވަނަ މީހަކު ނަގާކަށް ނުޖެހޭނެ. އެއީ މިގައުމަށް ޖެހުނު ބޮޑޫ ބަލާވެރިކަމެއް.
ސަމަދް
09 May 2024
ވެރިކަން ކުރަން ނޭނގޭ ބަޔެއް ވެރިކަންކޮށްފަ ދިޔައިމާ ވާނީ މިހެން. ދައުލަތުގެ މުޅި ހާންދާން ބަނޑުއަޅާލައިގެން ފައްޔާޒާއި އިބޫއާއި ޝާހިދް މިއަދު އަރާމުގަ އެއުޅެނީ ރައީސް މުއިއްޒު ފެއިލްވާނެކަމަށް ހިތާ. ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު ގިނަ އިސްލާހުތަކެއް ގެނެވި އިގްތިސޯދް ހަމަޔަކަށް އަޅުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައިން.
ޖައިލަމްް
09 May 2024
ފައިސާ ޗާޕް ނުކޮށް މި ގައުމު ހިންގުނުކަން އެއީ އަހަރެމެންގެ ނަސީބު. ރައީސް މުއިއްޒު ފުރަތަމަ ދުވަހުން އެޅުއްވި ފިޔަވަޅުތަކާއެކު ގައުމުގެ ހާލަތު ބޮޑުތަނުން ރަނގަޅުވާނެކަމަށް ގަބޫލުކުރަން.
ރާމިޒް
09 May 2024
އެމްޑީޕީއިން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މުޅި ރާއްޖެ ބަނގުރޫޓްކޮށްލަން މަސައްކަތްކުރީ. މި ފެންނަނީ އޭގެ ނޭދެވޭ އަސަރު
މުންޝިދް
09 May 2024
އިބޫގެ ފަރުވާކުޑަކަމުން މި ގައުމު މިހާލަތަށް ވެއްޓުނީ. އެހެންނަމަވެސް ރައީސް މުއިއްޒު މި ގައުމުގެ ހާލަތު ބަދަލުކުރައްވާ އިގްތިސޯދު ހަމަމަގަށް އަޅުވާނެ.
ސަނައްޓޭ
09 May 2024
ކިހިނެތް ރަނގަޅުވާނީ އިގްތިސާދު ރައްޔިތުންގަނޑު އުޅޭ ވައްތަރުން. އަމިއްލައަށް ހިތުހުރި ވަރަކަށް ކަރަންޓް ބޭނުންކޮށްފަ ބިލު ބޮޑުވީމަވެސް ހަޅޭ ލަވަނީ ސަރުކާރަށް. ދެން ސަރުކާރުން މި ޖެހެނީ ރައްޔިތުންގެ ކަރަންޓް ބިލްގަނޑުވެސް ދައްކަން، ދަރިންގެ ފޮތް ފަންސޫރާ ޔުނިފޯމާއި ހުރިހާ އެއްޗަކީވެސް ސަރުކާރުން ދޭން ޖެހޭ އެއްޗެއް. ރައްޔިތުމީހާ ކަމަކީ ލިބޭ ލާރި ކޮފީތަކަށާއި، އައިފޯނަށާއި، ސިނގިރޭޓްއަށް ހުސްކުރުން.
އަހްމަދ
09 May 2024
ސްރީލަންކާއަށް ޖެހުނު ހާލު ނުޖެހިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު. އެތާވެސް އެންމެން ތިބީ ފަހުވަގުތާ ޖެހެންދެން ވެރިންނަށް ސަނާކިޔަން، ސަރުކާރުން ރައްޔިތުންނަށް ދެއްކީ އިގްތިސާދު ރަނގަޅޭ ކިޔައިގެން އެހެން މަންޒަރެއް.
ޛޖޖޖޖޖ
09 May 2024
ދެން ނުތިބެ ކިހިނެއް ހަދަންވީ؟ އިބްރާހީމާ ގައުމު ހަވާލުކުރަންވީތަ؟