23 ފެބުރުއަރީ 2017 - 06:19
އިސްތަށިގަނޑުގައި ތަފާތު ކުލައެއް ޖައްސާލުމަކީ ގިނަ އަންހެން ކުދިންނަށް ވަރަށް ކަމުދާ ކަމެކެވެ. އަދި އިސްތަށިގަނޑުގެ ކުލަ ބަދަލުކުރާ ކޮންމެ ފަހަރަކު އިސްތަށި ފައިބާ، ހަންގަނޑު ހަލާކުވެ ޑޭންޑްރަފް ވުން ފަދަ ކަންތައްތައް އާއްމުކޮށް ދިމާވެ އެވެ. މި މައްސަލަ ކުޑަކުރުމަށް، އިނގިރޭސިވިލާތުގެ ކުންފުންޏަކުން އާ އީޖާދެއް ކޮށްފި އެވެ.
ހެރީ ޕޮޓާ ވާހަކަ ފޮތުގައި އުޅޭ ކެރެކްޓާ ޓޮންކްސްގެ އިސްތަށިގަނޑުހެން އެކި ކުލައަށް ބަދަލުކޮށްލެވޭ އިސްތަށިގަނޑެއްގެ އިންތިޒާރުގައި ހުރި ނަމަ މިއީ ރަނގަޅު އުފެއްދުމަކަށް ވާނެ އެވެ. އިނގިރޭސިވިލާތުގެ ކެމިސްޓެއް ކަމަށްވާ ލައުރެން ބައުކާގެ ކުންފުނިން "ފަޔާ" ގެ ނަން ދީފައިވާ މި ޑައި އުފެއްދީ އެކި ކުލައަށް ބަދަލުވާ ކަހަލަ ޕާމަނެންޓް އަދި އިސްތަށިގަނޑަށް ރައްކާތެރި ޑައިއެއް ބޭނުންވާތީ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިޑައި އަކީ ކާބަން ބޭސްޑް ޑައި އެކެވެ. އަދި ފިނިހޫނުމިން ބަދަލުވާ ގޮތުން އިސްތަށިގަނޑުގެ ކުލަ ނޫ ކުލައިން ހުދަ ކުލައަށް، ނުވަތަ ރަތް ކުލައިން ކަޅު ކުލައަށް ބަދަލުވެ އެވެ. އެކަމަކު މީގެ ސަބަބުން އިސްތަށިގަނޑަށް ގެއްލުމެއް ނުވާނެތޯ ގިނަ ބަޔަކު ސުވާލުކުރެ އެވެ.
އެ ކުންފުނިން ބުނީ މި ޑައި އުފައްދާފައި ވަނީ އެހެން ޑައި ތަކުގައި އެކުލެވިގެންވާ ޒާތުގެ، އިސްތަށިގަނޑަށް ގެއްލުން ހުރި ކެމިކަލްތައް ބޭނުން ނުކޮށް ކަމަށެވެ. އަދި ކުލަތަކުގައި ހުންނަ ގެއްލުންހުރި ކެމިކަލްތައް މަދުކޮށްފައި ވާނެ ކަމަށް ވެސް ބުންޏެވެ. އެ ކުންފުނިން އަދިވެސް އަންނަނީ މި ޑައި ޓެސްޓު ކުރަމުންނެވެ. މި އުފެއްދުން އާންމުންނަށް ބޭނުންކުރެވޭ ފެންވަރަށް ވަރަށް އަވަހަށް އުފެއްދޭނެ ކަމަށް ކުންފުނިން އުންމީދުކުރެ އެވެ.
މި އުފެއްދުން ލަންޑަން ފެޝަން ވީކްގެ ރަންވޭގައި ފެނިގެންދާނެ ކަމަށްވެ އެވެ. މީގެ ކުރިން ވެސް ލައުރެން ވަނީ އެކު ކުލަ ބަދަލުވާ ޒާތުގެ ތޮއްޕެއް ،މަޝްހޫރު ބްރޭންޑު ސްވަރޮވްސްކީއާ ގުޅިގެން އީޖާދުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
23 February 2017
ނެތްތަ ބޮކިފައްޗެއްހެން އިސްތަށިގަނޑު ދިއްލޭ ކްރީމެއް؟ ގޭގެ ކަރަންޓް ބިލް ބޮޑުވާތީ ހުރިހާ ހޮޅިބުރިތަށް ނިވާލަން މިއުޅެނީ.