ހައުސް އޮފް ދަ ޑްރެގަންގެ މަންޒަރެއް.
16 މެއި 2024 - 07:13
އެޗްބީއޯގެ އެންމެ ކާމިޔާބު ސީރީޒް "ގޭމް އޮފް ތުރޯންސް"ގެ ޕްރީކުއެލް ސީރީޒް "ހައުސް އޮފް ދަ ޑްރެގަން"ގެ ތިންވަނަ ސީޒަންގެ މަސައްކަތް ފަށައިފި އެވެ.
"ހައުސް އޮފް ދަ ޑްރެގަން"ގެ ދެވަނަ ސީޒަން އަންނަ މަހު ސްޓްރީމްކުރަން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެ ސީޒަންގެ ފައިނަލް ޓްރެއިލާ ވެސް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
މި ސީރީޒްގެ އުފެއްދުންތެރިޔާ ރަޔަން ކޮންޑަލް އެންޓަޓެއިންމަންޓް ވީކްލީ އަށް ދިން އިންޓަވިއުއެއްގައި ބުނީ ތިންވަނަ ސީޒަންގެ ތައްޔާރީތައް ފަށާފައިވާ ކަމަށާއި ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް މި ސީރީޒްގެ ތިންވަނަ ސީޒަނެއް ގެނެސްދޭން ނިންމާފައިވާކަން އެޗްބީއޯ އިން އަދި ރަސްމީކޮށް އިއުލާން ނުކުރެ އެވެ.
އާ ސީޒަންގެ އެޕިސޯޑުތައް އަންނަ ޖޫން މަހު 16 ވަނަ ދުވަހުން ފެށިގެން ގެނެސްދޭނެކަން އެޗްބީއޯ އިން ވަނީ އިއުލާންކޮށްފަ އެވެ. މި ސީޒަންގައި ވެސް އަށް އެޕިސޯޑު ގެނެސްދޭނެ އެވެ.
"ގޭމް އޮފް ތުރޯންސް"އާ އެއްގޮތަށް "ހައުސް އޮފް ދަ ޑްރެގަން" ވެސް ވަނީ ގިނަ ރިކޯޑުތަކެއް ހަދައިފަ އެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަން ގެނެސްދިނީ 2022 ވަނަ އަހަރު އެވެ. ފުރަތަމަ ސީޒަނަށް އާންމުންގެ ފަރާތުން ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ވެސް ލިބުނެވެ.
"ހައުސް އޮފް ދަ ޑްރެގަން"ގައި ދައްކަނީ "ގޭމް އޮފް ތުރޯންސް"ގައި ހިނގި ކަންތައްތަކުގެ 200 އަހަރު ކުރިން ހިނގާފައިވާ ކަންތައްތަކެވެ. އާ ސީޒަންގެ ލީޑު ރޯލުތަކުން ފެންނާނީ ފުރަތަމަ ސީޒަންގައި ވެސް މުހިންމު ރޯލުތަކެއް ކުޅުނު މެޓް ސްމިތާއި އޮލިވިއާ ކުކް އަދި އެމާ ޑާސީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy