އުރީދޫން ނ. ލަންދޫ ޑިޖިޓަލް އައިލެންޑަކަށް ހަދަނީ -- ފޮޓޯ: އުރީދޫ
17 މެއި 2024 - 15:24
އުރީދޫ ޑިޖިޓަލް އައިލެންޑް އިނީޝިއޭޓިވްގެ ދަށުން އޭއައި ގެ އެހީގައި ނ. ލަންދޫގައި ޑިޖިޓަލް ހިދުމަތްތައް ތައާރަފް ކޮށްފި އެވެ.
މިއީ އުރީދޫން ޑިޖިޓަލް އައިލެންޑެއްގެ ގޮތުގައި ރަށެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
އުރީދޫން ބުނީ މުޅި ރާއްޖޭ އެއްކޮށް ޑިޖިޓަލް ރާއްޖެއަކަށް ހަދައި، ހުރިހާ ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަކީ ވެސް މިކަމުގައި ޝާމިލް ވާ ބަޔަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއީ މުހިންމު މަސައްކަތެއް ކަމަށެވެ.
ނ. ލަންދޫ ކައުންސިލާއި ގުޅިގެން އުރީދޫން އިސްނަގައިގެން ރަށުގެ އިޖްތިމާއީ އަދި އިގްތިސާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރާނެ އެވެ. އެގޮތުން ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
"އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމްގެ އިފްތިތާހީ ރަށެއްގެ ގޮތުގައި ނ. ލަންދޫ ކަނޑައެޅުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑުމެންގެ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް، އެމް-ފައިސާ، ލަންދޫ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ތެރެއަށް މިދިޔަ އަހަރު އިންޓަގްރޭޓް ކުރުމަކީ ރަށުގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ. ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތަށް ވަރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ޓެކްނޮލޮޖީގެ ބޭނުން ހިފައި، ރަށުގެ ރައްޔިތުންނަށް ލުއިތަކެއް ހޯދައި ދިނުމަކީ އެ ކައުންސިލްގެ ބޮޑު އަމާޒެއް ކަމަށެވެ.
"އުރީދޫ މޯލްޑިވްސްއާ ގުޅިގެން މަސައްކަތް ކޮށްގެން ލަންދޫގެ ރައްޔިތުންނަށް އިތުރު ފައިދާއެއް ކުރާނެ އާ ޒަމާނުގެ ޑިޖިޓަލް ސޮލިއުޝަންތަކެއް ތައާރަފްކުރެވޭނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.
އުރީދޫގެ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު އީޖާދީ ހިދުމަތްތަކުގެ ބޭނުން ހިފައި، އޭއައިގެ އެހީގައި އާ ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމި އޮންނާނެ ކަން ކަށަވަރުކޮށް، އުރީދޫން އެފަދަ ހިދުމަތްތައް ލަންދޫގައި ގާއިމް ކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމަދާ
18 May 2024
އެމް ފައިސާ ބޭނުން ކުރާތީތަ ޑިޖިޓަލް ރަށަކަށް މިރަށް މިވީ. އަހަރުމެން ބޭނުންވަނީ ކުއްޅަވަކުފަނި ޑިޖިޓަލީ ލިބޭނެގޮތް ވުން އެހިސާބުން ލަންދޫއަކީ ޑިޖިޓަލް ރަށެއްގޮތުގައި ބަލައިގަންނާނަން