ކޮމްޕެނީ، ބާންލީ ރެލިގޭޓް ވުމުން އޭނާ ވަނީ ކްލަބް ދޫކޮށް ބެޔާންގެ ކޯޗުކަމާ ހަވާލުވެފަ.-- ފޮޓޯ: އޭއެފްޕީ
30 މެއި 2024 - 12:37
މިއުނިކް (މެއި 30) - އިނގިރޭސި ކްލަބް ބާންލީގެ ކޯޗުކަމުގައި ހުރެ، އެ ކްލަބް ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްލުމަށް ފަހު ވިންސެންޓް ކޮމްޕެނީ ޖަރުމަންގެ ބެޔާން މިއުނިކްގެ ކޯޗުކަމާ ހަވާލު ވެއްޖެ އެވެ.
ތޯމަސް ޓުޗެލްގެ ބަދަލުގައި ބެޔާނުން ކޮމްޕެނީ އެޓީމުގެ ކޯޗަކަށް ގެނައި އިރު، ބާންލީ އަށް ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 10.2 މިލިއަން ޕައުންޑް ދައްކަން ޖެހެ އެވެ.
"މި ކްލަބުގައި މަސައްކަތް ކުރަން ލިބުމަކީ ލިބޭ ބޮޑު ޝަރަފެއް. ބެޔާނަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ އިންސްޓިޓިއުޝަނެއް،" ކުރިން މެންޗެސްޓާ ސިޓީ އަށް ކުޅުނު ޑިފެންޑަރު ބުންނެވެ.
އުމުރުން 38 އަހަރުގެ ކޮމްޕެނީ އަކީ އިނގިރޭސި ދެވަނަ ޑިވިޝަން 2022/2023 ގައި ބާންލީއަށް ކާމިޔާބު ކޮށްދިނުމަށް ފަހު ޕްރިމިއާ ލީގަށް ޕްރޮމޯޓް ކޮށްދިން ކޯޗެވެ. ނަމަވެސް ޕްރިމިއާ ލީގުގެ 19 ވަނައިގައި ނިންމައިގެން އެޓީމު އަނެއްކާ ވެސް މިވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފަ އެވެ.
ބެލްޖިއަމްގެ އެންޑަލެޗް އަށް ކުޅެމުން 2019/2020 ސީޒަންގައި ޕްލޭޔާ ކޯޗެއްގެ ގޮތުގައި ކޯޗިން ފެށި ކޮމްޕެނީ ވަނީ އެ ސީޒަނަށް ފަހު ކުޅުން ހުއްޓާލައި، އެޓީމުގެ ހެޑް ކޯޗުކަމާ ހަވާލު ވެފަ އެވެ. އަދި ދެ ސީޒަނަށް ފަހު ބާންލީގެ ކޯޗުކަމާ ހަވާލުވީ 2022 ވަނަ އަހަރު އެވެ.
މިދިޔަ އަހަރު ބާންލީ އަށް ދެވަނަ ޑިވިޝަން ކާމިޔާބު ކޮށްދިނުމަށް ފަހު އޭނާ އެ ކްލަބާ އެކު ފަސް އަހަރުދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއި ވެސް ކުރި އެވެ. ނަމަވެސް ޓީމު ރެލިގޭޓް ވުމާ ގުޅިގެން އެ ކްލަބާ އެކު އޭނާ ކުރިއަށް ދާނެ ކަމާ ގުޅިގެން ލީގު ފަހު މެޗަށް ފަހު ނޫސްވެރިން ސުވާލު ކުރުމުން އޭނާ ވަނީ ޖަވާބު ދޭން އުޒުރުވެރި ވެފަ އެވެ.
މިދިޔަ ސީޒަނަކީ ބެޔާން މިއުނިކް ހުސްއަތާ ނިންމާލި ސީޒަނެކެވެ. ސުޕަ ކަޕް މެޗުން ބަލިވިއިރު، ޖަރުމަން ކަޕްގެ ދެވަނަ ބުރުން ވަނީ ކަޓައިފަ އެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރި ނަމަވެސް ލީގުގައި ނިންމާލަން ޖެހުނީ ތިންވަނައިގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy