ކޮންސްޓްރަކްޝަން އެންޑް ޕްލޭނިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް: ރަސްމާލެ މަސައްކަތް ކުރިއަށް ގެންދަން އިތުރު ގޮތްތަކެއް ހޯދަމުންދާ ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
30 މެއި 2024 - 14:57
މި ސަރުކާރުން ބޯހިޔާވަހިކަމުގެ ބޮޑު ހައްލަކަށް ފެށި ރަސްމާލެ މަޝްރޫއު ހިއްކަން ހަވާލުކުރި ކުންފުންޏަށް، ސަރުކާރަށް ދިން ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވޭތީ އެ މަޝްރޫއު ދެން ކުރިއަށް ގެންދާނީ އެހެން މޮޑެލްއަކަށް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
ރަސްމާލެ މަޝްރޫއު ހިއްކަން ހަވާލުކޮށްފައި ވަނީ ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ) އަށެވެ. އެއީ ބިން ހިއްކުމުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށެވެ. ފުށިދިއްގަރުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލެ އިން 10 ހެކްޓަރުގެ ބިން ދިނުމަށް އޮތީ ނިންމައިފަ އެވެ.
ދައުލަތުން ހަރަދެއް ކުރުމުގެ ބަދަލުގައި ބިންތަކެއް ދޭ ގޮތަށް 8 މަސް ތެރޭ މަސައްކަތް ނިންމަން މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގައި ހަވާލުކުރި ނަމަވެސް މިހާރު އެ މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އޭރުގެ ތާވަލަށް ބަލާ ނަމަ އެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ނިންމަން ޖެހެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން މިނިސްޓަރު މުއްތޮލިބާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކަން ފެށި ފަހުން އެކަމަށް ބޭނުންވާ ފައިސާ ސީއެމްސީ އަށް ނުހޯދިގެން މަޝްރޫއު މަޑުޖެހިފައިވާ ކަމަށެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަލުން އެ މަޝްރޫއު އަވަހަށް ފެށޭނެ ގޮތެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އަޅުގަނޑުމެންނަށް މި އަހަރުގެ ނިޔަލަށް އެއްކޮށް ހިއްކައި ނިންމޭ ވަރަށް ތަފާތު އެކި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް. އޭގަ ވަރަށް ގިނަ ކާމިޔާބީތަކެއް ވެސް ލިބިފައި ހުރީ. އޭގެ ތަފުސީލް އަމަލީ މަސައްކަތް ފެށޭ ހިސާބަށް ދިއުމުން ހާމަކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެ މަޝްރޫއުގެ ހަރަދުތައް ދައުލަތުގެ މި އަހަރުގެ ބަޖެޓްގައި ޖެހުމުން ވެސް އޭރު ރައްޔިތުންގެ މަޖިލިހުގައި އޮތް އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތުގެ ބޭނުން ހިފައި ކަނޑާލާފައި އޮތުމެވެ. އެހެންވެ އެ މަޝްރޫއު ސީދާ މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން ރާވާފައި އޮތް ގޮތަށް ކުރިއަށް ނުދިޔައީމާ މިނިސްޓްރީން ނަގާފައި މިނިސްޓްރީ އަށް ކުރިއަށް ގެންދެވޭ ގޮތަކަށް ނޫން އޮތީ ބަޖެޓްގައި ނެތް މަޝްރޫއުއަކަށް ވާތީ. އެހެންވެ ދެން އަޅުގަނޑުމެން މި ޖެހެނީ އެހެން ކަހަލަ ފައިނޭންސިން މޮޑެލްއެއްގެ ތެރެއިން ކުރިއަށް ދާން، އޭގެ މަސައްކަތް އެބަ ކުރިއަށްދޭ. އޭގެ ތަފުސީލް މާލަސްތަކެއް ނުވެ ހާމަ ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަމާޒަކީ ރަސްމާލެ އަށް ބޭނުންވާ ހުރިހާ ބިމެއް މި އަހަރު ނިމުމުގެ ކުރިން ހިއްކައި ނިންމުމެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ: މިހާރު އެކަން އޮތީ ހުއްޓިފައި
އޭނާ ވަނީ ރަސްމާލޭގައި އެންމެ ފުރަތަމަ އަޅާ 15،000 ހައުސިން ޔުނިޓް މަޝްރޫއާ ގުޅޭ މައުލޫމާތު ވެސް މިއަދު މީޑިއާއާ ހިއްސާ ކުރައްވައިފަ އެވެ.
ޗައިނާގެ ކުންފުންޏަކުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މަޝްރޫއުގައި ހައުސިން ޔުނިޓްތައް އިމާރާތް ކުރާނީ ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭ ގޮތަށް ވަރަށް ފެންވަރު ރަނގަޅުކޮށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަޝްރޫއަށް ބޭނުންވާ ސާމާނު ވެސް އުފައްދާނީ ރާއްޖޭގައި ކަމާއި އެކަމަށް ބޭނުންވާ ފެކްޓްރީ ރަސްމާލެ އިން ހިއްކޭ އެންމެ ފުރަތަމަ ބިމުގައި އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއު ހުއްޓި، އެހެން ގޮތްތަކެއް ސަރުކާރުން ހޯދަމުން އަންނައިރު، އެ މަޝްރޫއު ހަވާލުކުރި ގޮތުން ވެސް އޭރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ސީއެމްސީ އަށް ބިން ހިއްކުމުގެ ބަދަލަށް ހުޅުމާލެ އަދި ރަސްމާލެ އިން ބޮޑު ބިމެއް ހިލޭ ދޫކޮށްލުމަކީ ބޮޑު ގެއްލުމެއް ދައުލަތަށް ލިބޭނެ ކަމަށް ބުނެ ފާޑުކިޔާފައި ވެ އެވެ. މަޝްރޫއު ހަވާލުކުރި ގޮތް ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާއިރު، އެ މައްސަލަ އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.
ފުށިދިއްގަރު ފަޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްގީކުރަން ނިންމާފައިވާ ތަނެކެވެ. ހިއްކާ ބިމުގެ ބަދަލުގައި ބިން ދޭ މޮޑަލަށް މި ސަރުކާރުން އެއްބަސްވީ، އެ ފަޅު ހިއްކަން މި އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ، އިދިކޮޅުގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ބައި އެކީގައި އުނިކުރުމުންނެވެ.
ސީއެމްސީ އަކީ ރާއްޖޭގައި އެހެން ބޮޑެތި ބިން ހިއްކުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކުންފުންޏެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގައި ހިމެނޭ ހުޅުމާލެ 3 އަދި ތިލަފުށީގެ ހަތަރު ވަނަ ބަޔާއި ދިޔަނެރު ފަޅު ހިއްކައި ރިވެޓްމެންޓް ޖެހުމާއި މަގުތައް ހެދުމާއި ފާލަން ހެދުމާއި ޖެޓީ ހެދުމަށް ސީއެމްސީސީއާ އެޗްޑީސީ އިން ހަވާލުކުރީ އެ ވެރިކަމުގެ ފަހު ދުވަސްކޮޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިމްވާން
31 May 2024
އިބޫ އެޅި 4000 ފުލެޓް ހަވާލު ކޮށްލާފަ ފައިބާ. ރަސްމާލެ ޓަނަލް އެކަނި އެޅިޔަސް އޯކޭ ބިންކޮޅު ހިއްކުން ދެން އަންނަ ވެރިކަމަކަށް. އޭރުން ޓަނަލްގަ މަސައްކަތު ކުދިންކޮޅު ގެންދަން ފަސޭހަވާނެ
ލިމްނާސް
31 May 2024
މުއިއްޒު ސްޕީޑް 8 މަސްކޮބާ؟ ވާންޖެހޭނެ ކުރިންބުނި ދުވަހަށް.
ރޯޒަސް
31 May 2024
ތި ކުރިކަމެއް ވަރަށް ސާފު. 100 ދުވަހުގެ ޗެކްލިސްޓުގައި ފާހަގަ ޖަހާލުމަށްޓަކައި އަމާ ބުނީތީ ފަރަށްދާހެން ކަމެއް ކޮށްލީ. ދައުލަތުގައި ލާރި އެއް ހުރީކީނޫން. ތިކަމަށް ލޯނު ދޭނެމީހަކު ހުރީކީ ނޫން. ތިބުނާ ބިމެއްވެސް ކޮންޓްރެކްޓަރަކަށް ދޭކަށް ބޭނުމެއް ނުވޭ. ތިހެން މޮޑެލް ކިޔާލަ ކިޔާލާ ތިބޭދެން. ދަންދޮރު އިނގޭ މީހަކަށް ވެއްޖިއްޔާ އެބައިނގޭ ތީކީ އެހާފަސޭހައިން ތިން ހަތަރު މަހުން ވާނެކަމެއް ނޫންކަން. ކަން ނުވީމައި ރުޅިމިއަންނަނީ ނުކުރެވުނު މީހާދެކެ.
ޑރ ވާންޗޯ
31 May 2024
މިހާރު އެބަހީވޭ ކުޑަކޮއް ދާލްމެ ކުޗް ކާލާހޭ.
ރޭކާ
30 May 2024
މި 5 އަހަރު ނިމެންދެން ތިހެން މޮޑެލަ މޮޑެެލަތިބޭ. ވެރިކަމަށް އެރިގޮތައް ހީވީ ކުކުޅަށް ރަންބިމަކަށް ދެވުނީމަ އުލޭހެން. މިހާެު ކިޔާލަވަ ބަދަލްވެއްޖެ.
ހުސް ރޮދި
30 May 2024
ހުސް ރޮދިން ލައިގެން އަންދާ ސަރުކާރެއް
އޮނަރަބްލް އަފީފު ދީދީ
30 May 2024
ތިޔަވިދާޅުވާ "އެހެން ގޮތަކީ" ނެތްގޮތެއް. ޙަޒާނާގައި ލޯލާރިއެއްނެތް އަބަދު ނާށިގަނޑުހިފައިގެން ދުނިޔެތެރޭގައި ސަލާންޖަހަން ނިކުމެއުޅޭބަޔަކަށް މާގިނަގޮތްތަކެއް ނޯންނާނެކަން އެންމެނަށްވެސް އިގޭނެ. # ދައުލަތްދަރަނިކޮށް އެތައްބިލިޔަން ޑޮލަރުނަގައިގެން ކ.އަތޮޅުގެ ކަނޑު ފަޅުހިއްކަން އެތަންތަނަށްއަޅާފައި "ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެދަށުން ތިރަށުގެ ކޮންމެމީހަކަށް 25މ ރުފިޔާގެ ގޯއްޗެއްދެނީ" އެމީހުންނަކީ 1 ވަނަ ދަރަޖައިގެ ރަށްވެހިންކަމަށް ދެކޭތީތޯ؟!
ނާޑުވާ
02 June 2024
އަފީފް ދީދީ ކިތަންމެ ރުޅި ދުރުވިޔަސް މާލޭ މީހުން ގޯތި ނަގާނީ ތިރަށުގަވެސް ނެގި ގޮތަށް ހިލޭ. މާލޭގެ ބިން އަގުބޮޑުވެ ތަރައްޤީވީ މާލޭ މީހުންގެ ކުޅަނދު ހަމަވީމަ. އަފީފްދީދީގެ ފަސްކުޅަނދު މަދުވީމަ ނުވިސްނިދާނެ.
ހީހީ ސުލީހް
30 May 2024
ކިތައްމެވަރަކަށްވެސް ކަރާފެޅިދާނެ، މިސަރުކާރުގަ ނެތް ގާބިލްކަމެއް. ތިކަމެއް ނުވާނެ
ހުޅުމާލެ ވެރިޔާ
30 May 2024
ރަސްމާލެ ޕްރޮޖެކްޓް ހަވާލުވި ކުންފުންޏަށް ފައިސާ ނުލިބިގެން ކުރިއަށް ނުގެންދަން ނިންމި އިރު އެ ކުންފުންޏަށް ހުޅުމާލެއިން ދީފައިވާ ކަމަށް ބުނާ 10 ހެކްޓަރުގެ ބިމަށް ވީގޮތެއް މިނިސްޓަރ ސާފުކޮށް ނުދިނީ ކީއްވެބާ. އަދި އެތަނަށް ދިޔަ ނޫސްވެރިއަކަށްވެސް އެކަން ބަލާކަން ނުކެރުނީތޯ.. ނޫނީ ހައުސިން އަޅާ ކުންފުނިތަކަށް ވެސް ހަދާހެން ކުންފުންޏަށް ދީފައިވާ ބިން އަތުލެވޭނެ ގޮތެއް ނެތިގެން އަޅާނުލީތޯ.. އަދިވެސް ރާޖޫ އެބިންތައް ވިއްކަން ދޫކޮށްލަނީތޯ.
ފަރަންޖީ
31 May 2024
ފުރަތަމަ ތިބުނާ ބިންތަކެެއް ދިންތޯ ބަލަމާ. ރަނގަޅައްވިއްޔާ ތި ބުނާ ބިންތައް ނުދީގެން މައްސަލަ ޖެހިގެން މިއުޅެނީ
އިބިރަހިމާ
30 May 2024
ބަލަ ސަރުކާރުގެ ވެރިން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ތިޔަ މަޝްރޫއު ހަމަ ބާރަށް ކުރިޔަށް ދާ ވާހަކަ. މިހާރު ތިޔަ ހެދީ ކިހިނެތް.