ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
30 މެއި 2024 - 18:23
ސަރުކާރު ހަރަދު ކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު ބަޖެޓުން ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަފީގު ވިދާޅުވީ، ފިސްކަލް ރިފޯމްތައް ތަންފީޒު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި އިސްލާހީ ބަދަލުތައް ގެންނާނީ ވީހާ ވެސް ގިނަ ބަޔަކަށް އޭގެ ފައިދާ ކުރާނެ ގޮތްތަކެއް ބަލައިގެން ކަމަށް ވިދާޅުވި އެވެ.
މި އަހަރުގެ ޖުމްލަ ބަޖެޓަކީ 49.8 ބިލިއަން ރުފިޔާ އެވެ. އެ ބަޖެޓުގެ ޑެފިސިޓް ހަމަޖެއްސުމަށް 17 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. މި އަހަރުގެ ބަޖެޓުގައި ސަބްސިޑީ ރިފޯމަށް 600 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެ ފައިސާ އަކީ ސަބްސިޑީ އެންމެ ބޭނުންވާ ފަރާތްތަކަށް ދޭން ކަނޑައަޅާފައިވާ އަދަދެކެވެ. ދައުލަތުގެ ބަޖެޓުގައިވާ ގޮތުން ކަރަންޓާއި ތެލާއި ކާޑާއި ނަރުދަމާގެ ހިދުމަތްތަކަށް ދޭ ސަބްސިޑީ ބަދަލުކޮށް، ޑައިރެކްޓް ޓްރާންސްފާ ނިޒާމަކަށް ބަދަލު ކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ.
"ކުރީގައި ވެސް މިކަމަކީ ރިފޯމު ކުރަން ޖެހޭ ކަމަށް ދެކިގެން ބަޖެޓު ކުރެވޭ ކަންކަން. އެކަމަކު ރިފޯމް ކުރުމުގައި ފަސް ޖެހިފައި މިވަނީ. އެކަމަކު މި ހާލަތުގައި ރިފޯމަކީ އޮޕްޝަނެއް ނޫން. އެއީ ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ޝަފީގު ވިދާޅުވީ، ރައީސްގެ ވިސްނުންފުޅަކީ ވެސް، އާންމުންނަށް ފައިދާވާނެ ގޮތަކަށް ހަރަދުތަކަށް ބަދަލު ގެނެސް، އިސްރާފުތައް ކުޑަކޮށްގެން ކަންކަން ރޭވުން ކަމަށެވެ.
"ޓާގެޓު ސަބްސިޑީގެ ބޭނުމަކީ އެންމެ ޑިޒާވްވާ ފަރާތްތަކަށް ދިނުން. އެއީ އަޅުގަނޑުމެންގެ ބޭނުމަކީ،" އޭނާ ވިދާޅުވި އެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން މި އަހަރުގެ ޖުލައި މަހު، ޓާގެޓް ސަބްސިޑީ އަށް އަމަލު ކުރަން ފަށަން ޖެހެ އެވެ. އެކަން ކުރަން ފިނޭންސް މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ.
ޝަފީގު ވިދާޅުވީ، ސަބްސިޑީ ރިފޯމުތައް ގެންނަ އިރު، އެ ދާއިރާގެ ފަރާތްތަކާ މަޝްވަރާކޮށް، އަންނާނެ އިމްޕެކްޓެއް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ސަަބްސިޑީ ރިފޯމު ކުރުމުގެ މަސައްކަތުގެ އިތުރުން އެސްއޯއީތަކުގެ ހަރަދުތައް ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް އެކުލަވައިލުމުގެ މަސައްކަތްތައް ވެސް ފިނޭންސް މިނިސްޓްރީން ކުރަމުން އަންނަ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނެއް
31 May 2024
ރިފޯމޭ ކިޔަނީ ނޫންތޭ. ބަޖެޓުގައި އޮތީވެސް ޖުލައި އިން ފެށިގެން ރިފޯމްކުރާ ވާހަކައޭ. ދުވަހަކުވެސް އޭގެ ތަފްސީލެއް ހާމަނުވޭ. ތިޔަ ޕްރެސް ކޮންފަރެންސް ބޭއްވީ ތަފްސީލް ހާމަކުރަންކަމަށް ހީކުރީ. އެނގޭ ވާހަކަ އަނެއްކާވެސް ބުނީ ގުރައެއް ލައްވާ ރިޕީޓްކުރުވަން.