ކުޅިވަރު

ޓެކްޓިކަލް "އާ ވިސްނުންތަކެއް" ހިފައިގެން ކޮންޓޭ ނަޕޯލީ އަށް

ނޭޕްލްސް (ޖޫން 6) – ފުޓްބޯޅައިގެ މަސައްކަތްތަކާ ދުރުގައި އަހަރަކަށް ވުރެ ދިގު މުއްދަތެއް ހޭދަކުރުމަށް ފަހު، ޓެކްޓިކަލް އާ ވިސްނުންތަކެއް ހިފައިގެން އެންޓޯނިއޯ ކޮންޓޭ، ނަޕޯލީއާ ހަވާލުވެއްޖެ އެވެ.

ޓޮޓްނަމް ހޮޓްސްޕާސްގެ ކޯޗުކަމުން އޭޕްރީލް 2023 ގައި ވަކިވުމަށް ފަހު އިއްޔެގެ ނިޔަލަށް ކޮންޓޭ ހުރީ ފުޓްބޯޅައާ ދުރުގަ އެވެ.

މިދިޔަ ސީޒަނުގައި ކޯޗުން ބަދަލުކުރުމުގައި ވަގުތު ހާދަ ކުރި ނަޕޯލީ އަށް މުޅި ސީޒަނުގައި ތިން ކޯޗުން އިރުޝާދު ދިނެވެ. ރޫޑީ ގާސިއާ، ވޯލްޓާ މަޒާރީ އަދި ފްރާންޗެސްކޯ ކަލްޒޯނާ ނިމިދިޔަ ސީޒަނުގައި ނަޕޯލީގައި މަސައްކަތް ކުރި އެވެ.

ކަލްޒާނޯ، ނަޕޯލީއާ ހަވާލުވީ ވަގުތީ ގޮތުންނެވެ. އޭރު ވެސް އޭނާ ދިޔައީ ސްލޮވޭކިއާގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަސްއޫލިއްޔަތު ވެސް އަދާ ކުރުމަނުންނެވެ. ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް އޭނާގެ ކޯޗުކަމުގެދަށުން ސްލޮވޭކިއާގެ ޓީމުން ދަނީ ތައްޔާރުވަމުންނެވެ.

އިންޓަ މިލާނާއި ޔުވެންޓަސް އަށް ވެސް އިޓާލިއަން ލީގު ކާމިޔާބުކޮށް ދިން ކޮންޓޭއާ އެކު ނަޕޯލީން ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އިޓަލީގެ މީޑިއާތަކުން ސިފަކުރާ ގޮތުގައި ކޮންޓޭ ގެންނަ ކްލަބްތަކުން ބޮޑު ހޭދައެއް ކުރަން ޖެހޭނެ އެވެ. އޭނާގެ ކޯޗިން ޓީމުގައި ވެސް އަދަދު ގިނަ ވުމަކީ ވެސް ބައެއް ޓީމުތަކަށް ތަހައްމަލު ކުރަން އުނދަގޫ ކަމެއްކަމަށް ވެއެވެ.

އިންޓަ މިލާނާ އެކު ކާމިޔާބު ހޯދުމަށް ފަހު ވެސް އޭނާ އެ ޓީމު ދޫކޮށްލީ، އޭނާ ބޭނުންވާ ހަރަދު އިންޓަ އަށް ކޮށްދެވެން ނެތުމުންނެވެ.

ކޮންޓޭގެ ކޯޗިން ޓީމުގައި އޭނާގެ އެންމެ އިސް އެސިސްޓެންޓްގެ ގޮތުގައި މަސައްކަތް ކުރާ ކްރިސްޓިއަން ސްޓެލީނީ މިދިޔަ މަހު ދިން އިންޓަވިއުއެއްގައި ބުނީ ކޮންޓޭއަކީ މީހުން އެ ހީކުރާ ކަހަލަ ކޯޗެއް ނޫން ކަމަށެވެ. ޓީމުގެ ޓްރާންސްފާ އަށް ހަރަދުކުރަން ކޮންޓޭ ޑިމާންޑް ކުރަނީ އަގުބޮޑުކޮށް ކުޅުންތެރިންތަކެއް ގެނައުމުގެ ގޮތުން ނޫން ކަމަށް، އަހަރުތަކެއް ވަންދެން ކޮންޓޭއާ އެކު މަސައްކަތް ކުރި އެސިސްޓެންޓް ބުނެފައި ވެއެވެ.

"ނަމަވެސް ބޭނުން ވަނީ އުންމީދީ ޕްރޮޖެކްޓެއް އެކަށައެޅުން،" ސްޓެލީނީ ބުންޏެވެ.

އޭނާ ބުނީ ކޮންޓޭ ކޯޗިންނަށް އެނބުރި އަންނާނީ ޓެކްޓިކަލް އާ ވިސްނުންތަކާ އެކުގައި ކަމަށެވެ. މިދިޔަ އަހަރެއްހާ ދުވަހު އޭނާ ހޭދަކުރި އެ ވިސްނުންތައް އީޖާދުކުރުމުގައި ކަމަށް ކޮންޓޭ އަށް ފަހު ޓޮޓްނަމްގެ އިންޓަރިމް ކޯޗުގެ މަގާމު އަދާކުރި ސްޓެލީނީ ބުންޏެވެ.

ސްޓެލީނީ އާއި ކޮންޓޭ

"އަނބުރާ ދަނޑަށް އައުމުގެ ވަރުގަދަ އަޒުމެއް އެބައޮތް، މިދިޔަ އެއް އަހަރު ހޭދަކުރީ ދިރާސާކޮށް ހޯދާބަލައި އާ ވިސްނުންތަކަކަށް މަސައްކަތް ކުރުމުގައި. އަބަދުވެސް ބަދަލުވަމުން އަންނަ ޒަމާނީ ފުޓްބޯޅައާ އެއްގޮތަށް މަސައްކަތްކުރުމަށް. އެންޓޯނިއޯ އަބަދުވެސް ބޭނުންވަނީ އަމިއްލަ ނަފްސު ކުރިއަރުވައި ރަނގަޅު ކުރަން،" މިދިޔަ މަހު ދިން އިންޓަވިއުގައި ސްޓެލީނީ ބުންޏެވެ.

"ދެން ހަވާލުވާ ޕްރޮޖެކްޓެއްގައި ޓެކްޓިކަލް ބަދަލުތަކެއް އަންނާނެ. އެކަމަށް އަހަރެމެން ވަރަށް މަސައްކަތް ކުރިން. ކޮންޓޭ ބޭނުންވަނީ އޭނާގެ ގޭމް ޕްލޭންގައި މީހުންނަށް ލަފާކުރަން އުނދަގޫ އަދި ޒަމާނީ ސިފަތަކެއް ގެންނަން."

ނަޕޯލީއާ ހަވާލުވުމަށް ފަހު ކޮންޓޭ ބުނީ އެ ކްލަބަށް ކުރިއެރުން ގެންނަން އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރާނެ ކަމަށެވެ.

"އަހަންނަށް އެއްކަމެއްގައި ޔަގީކަން ދެވިދާނެ. ޓީމާއި ކްލަބުގެ ކުރިއެރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެންމެ މަތީ ދަރަޖައިގައި ކުރާނެކަމުގެ ޔަގީންކަން. އަހަރެންގެ ޔަގީންކަން އަހަރެންގެ ކޯޗިން ސްޓާފުންގެ ޔަގީންކަން ދޭނެ. އެންމެ ފުރިހަމައަށް މަސައްކަތް ކުރާނެ،" އުމުރުން 54 އަހަރުގެ ކޮންޓޭ ނެރުނު ބަޔާނުގައި ބުންޏެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454