ޓީއެމްއޭގެ ސީޕްލޭނެއް ރިސޯޓެއްގައި ޕާކުކޮށްފައި: މިދިޔަ އަހަރު އެކަނި 500 ކުދިންނަށް ވަނީ ޕައިލެޓްކަން ކިޔެވުމަށް ފުރުސަތު ދީފައި.-- ފޮޓޯ: މިހާރު
11 ޖޫން 2024 - 10:58
ކިޔަވައިގެން އައިސް ތިބި އެތައް ޕައިލެޓަކަށް ވަޒީފާ ލިބިފައި ނުވާތީ، ސަރުކާރުގެ ހަރަދުގައި މި އަހަރު ޕައިލެޓްކަން ކިޔަވަން ދިން ޖާގަތައް މަދުކޮށްފި އެވެ.
މި އަހަރު ދޫކުރާ ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ލިސްޓު އާންމު ކުރުމަށްފަހު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ސަރުކާރުން ނިންމާފައިވާ ނަމަވެސް ޕައިލެޓްކަން ކިޔެވުމަށް މި އަހަރު ދިނީ 10 ޖާގަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ސަބަބެއް ކަމަށް މިނިސްޓްރީން ބުނީ މިދިޔަ އަހަރު، 500 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނު ދީފައިވާތީ ކަމަށެވެ. ކުރީ ސަރުކާރުން ޕައިލެޓްކަން ކިޔަވަން ފޮނުވި ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އެ ދަރިވަރުން ކިޔަވައިގެން އައުމުން ވަޒީފާ ނުލިބިދާނެ ކަމުގެ ކަންބޮޑުވުން ވެސް މިނިސްޓްރީން ވަނީ ފާޅުކޮށްފަ އެވެ.
"މިހާ ގިނަ ފުރުސަތު، އެއް ދާއިރާއަކުން ކިޔެވުމަށް ދީފައިވުމުގެ ސަބަބުން ދަރިވަރުންނާއި، ބެލެނިވެރިންނާއި، ކަމާ ބެހޭ އެކިއެކި އިދާރާތަކުން ގިނަގުނަ ޝަކުވާތަކާއި ކަންބޮޑުވުންތައް މި މިނިސްޓްރީއާ ހިއްސާކޮށްފައިވޭ. ދަރިވަރުންނަށް ޕްލޭސްމަންޓާއި ވިސާ ލިބުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ދަނީ ކުރިމަތިވަމުން،" މިނިސްޓްރީން ބުންޏެވެ.
"އެހާ ގިނަ ދަރިވަރުންތަކެއް އެއްފަހަރާ އެއް ދާއިރާއަކުން ކިޔަވައި ނިމިގެން އައުމުން ވަޒީފާ ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީންނާއި ކަމާ ގުޅޭ އެހެނިހެން އިދާރާތަކުން ލަފާކޮށް ކަންބޮޑުވުން ފާޅުކޮށްފައިވޭ."
މި އަހަރު ޕައިލެޓްކަން ކިޔެވުމަށް ދިން 10 ޖާގަ ދިނީ ސ. ގަމުގައި ހުންނަ ރާއްޖޭގެ ފްލައިން ސްކޫލްގައި ކިޔެވުމަށެވެ.
މިނިސްޓްރީން ބުނީ ޕައިލެޓްކަން ކިޔަވަން ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން 148 ދަރިވަރުން ޝަރުތު ހަމަވާ ކަމަށެވެ.
"ނަމަވެސް އިސްވެ ދެންނެވި ކަންކަމާއި ރާއްޖޭގައި ހުރި ޕައިލެޓް ތަމްރީނު ދޭ މަރުކަޒުގެ ކެޕޭސިޓީ އަށް ރިއާޔަތްކޮށް މިނިސްޓްރީން ނިންމާފައިވަނީ، ޕައިލެޓް ލައިސެންސައަށް ކިޔެވުމަށް އިއުލާނުގައި ސްލޮޓް ކަނޑައެޅިފައިވާ އަދަދަށް، މެރިޓް އުސޫލުން އެންމެމަތިން މާކްސް ހޯދާ 10 ދަރިވަރުންނަށް އެ ފުރުސަތުދިނުމަށް،" މިނިސްޓްރީން ބުންޏެވެ.
އަދި، އެ ފުރުސަތައް އެދި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން، ޝަރުތު ހަމަވާ އެހެން ހުރިހާ ދަރިވަރުން، މިއަހަރު އިއުލާންކޮށްފައިވާ ދާއިރާތަކާއި ސްލޮޓްތަކުގެ ތެރެއިން އެދަރިވަރަކު ޝަރުތުހަމަވާ ސްލޮޓަކަށް ބަދަލުވުމުގެ އިހުތިޔާރު ދިނުމަށް ވެސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނުކުރި
12 June 2024
ދަރިވަރުން ކިޔަވަން ޚިޔާރުކުރާ ދާއިރާތައް އިތުރަށް އޮޅުން ފިލުވައިފިނުމުގެ ކަންކަން މިހާރަށްވުރެ ބޮޑަށް އަންގަްިދޭން އެބަޖެހޭ. ޤައުމަށް މަދީ ކޮން ދާއިރާއްގެ ކޮންބައެއްކަން ވަރަށް ހާމަކަން ބޮޑުކޮށް އެނގެންޖެހޭ. މިސަަލަކަށް ރޭޑިއޮލޮޖިސްޓުން ރާއްޖޭގައި ތިބީ ކިތަށް ދިވެހިންތޯ. ބަލާލަމާތޯ. ހެލްތުގެ މިކަހަލަ ކިތައް ދާއިރާ އެބައޮތްތޯ. އެކަމަކު ޕައިލެޓް ކަން ބޭނުންވަނީ ލިބޭ ބޮޑު މުސާރައަކަށް ވިސްނާފައިކަން އެނގޭ.
ޫއަަސްލު
12 June 2024
ލޯޔަރުން އެހާގިނަ.. މި ރާއްޖޭގަ ނެތީ މިތަނުންއެންމެ ލާރިހަދާ ޓޫރިޒަމް ކިޔަވާކުދިން… ސޭލްސް ޑައިރެކްޓަރަކަށް ދުނިޔޭގެ ގިނަ ގައުމަކަށް ދަތުރު ކުރުމާއެކު 6000-10،000 ޑޮލަރު މަހަކު ލިބޭ… މިކަމާ އުޅެބަލަ ރިސޯޓުބޮއިސް އޭކިޔާ ދައްކޮއްނުލާ…
ޙައިރާން
12 June 2024
އެކިއެކި އޮފީސްތަކުގައި ސަރުކާރުގެ ޚަރަދުގައި ކިޔަވައިގެން އައިސް ސަރުކާރަށް ނުވަތަ އެއޮފީހަކަށް ޚިދުމަތް ކުރަމުންދަނީ ކިތައް މީހުންތޯ؟ އަދި ސަރުކާރަށް ޚިދުމަތްނުކޮށް، އަނބުރާ ސަރުކާރަށް އެފައިސާތައް ނުދައްކާ ތިބީކިތައްމީހުންތޯ؟ ދިރާސާކޮށްލުން ރަނގަޅު
އަކިރި
12 June 2024
ތިޔަފައިސާތައް ދަޢުވާ ކޮށްގެންވެސް ހޯދަން ވަކި އިދާރާއެއް އުފައްދަން ފެނޭ. ހަޤީޤަތުގައި ލޯނު ދިނުމަށްފަހު ދޯނު ފައިސާ ހޯދަން އެދާއިރާތަކުން މަސައްކަތެއް ނުކުރެއޭ ބުނެވިދާނެ. މިހާތަނަށް ކިޔަން ދޫކުރެވިފައިވާ ލޯނުގެ މިންވަރާ ކިޔަވައި ނިމިހެގެން އައިސް ފައިސާ ނުދައްކާހުރި އަދަދު ހާމަ ކޮށްލާނަމަ ރައްޔިތުންނަށްވެސް ކަމެއް އެނގޭނީވެސް
ޓިކުޓޮކު ރާއްޖެ
12 June 2024
ރިޒުގު ބަންދެއް ނުވާނެ، ތިއުޅެނީ އޮޅިގެން
ރަނގަޅު
12 June 2024
ވަރަށް ރަނގަޅު ނިންމުމެއް. އުސޫލުން ބޭރުން ކަންކަން ކުރީމާ އޭގެ ހިތި ނަތީޖާ މި ފެންނަނީ. ކުރީ ސަރުކާރުން ޝަރުތު ހަމަވި އެންމެނަށް ފުރުސަތު ދިނުން އެއީ ވަރަށް ގޯސްކޮށް ކުރިކަމެއް. އޭގެ ހިތި ނަތީޖާ ފެންނަމުން މިދަނީ
ގޮއްޔެ.
11 June 2024
ތީ މީގެ އެތައް އަހަރެއްކުރިންވެސް ނިންމަންވެފައި އޮތްކަމެއް. ޤައުމުގައި ޕައިލެޓް ކޯސްހަދައިގެން ވަޒީފާ ނުލިބި އެކުދިން މިޖެހެނީ ކޮންމެވެސް އެހެންދާއިރާއަކުން މަސައްކަތްކޮށްގެން އާމްދަނީ ހޯދަން. ނަތީޖާއެއްގެ ގޮތުން ޤައުމަށްލިބޭ ގެއްލުން އިންތިހާއަށް ބޮޑުވެފައި އެކުދިންގެ ޙަޔާތުން އެތައްދުވަހެއް ބޭކާރުވެ ސަރުކާރުން ނެގި ލޯނަށް ފައިސާ ދެއްކޭނޭގޮތެއްނެތިފައި ތިބުން
ގަމާރޭ
11 June 2024
ދައުލަތުން ޚަރަދުކުރަންވާނީ ގައުމީ އުފެއްދުންތެރިކަން ކުރިއަރާނެ ދާއިރާތަކުން. ބަޔަކު ހަޅޭއްލަވައިގަންނައިރަށް އެކަމެއް ކުރާތީ ތިހެންވަނީ.
ހިޔާލު
11 June 2024
އެއާލައިން އަދި ސީޕްލޭން އޮޕަރޭޓަރުން އެހެން ދިމަދިމާލުގަ ސީޕްލޭން ބޭސްތައް ގާއިމްކޮށް ފްލައިޓް އިތުރުކޮށް ދަތުރުތަައް ފެށީމަ މިކަން ހައްލުވީ. އޭރުން ޕައިލެޓުން މަދުވެގެން އުޅެން ޖެހޭނީ
އެކްސިް
11 June 2024
ސަރުކާރުން ކުރިއަސް، ފައިދާ ނުވާ ވިޔަފާރީއެއް އަމިއްލަ މީހުން ނުކުރާނެ.
ދާލު
11 June 2024
އިގްތިސޯދީ ގޮތުން އިނދަޖެހެމުން މިދާ ވަގުތުގަ އެއްވެސް އެއްޗެއް ނުވިސްނޭދޯ އަދިވެސް.
ރައްޔިތު މީހާ
11 June 2024
ކޮންމެ ކުއްޖަކަށްވެސް އެކުކުއްޖަކު ބޭނުންވާ ރޮނގަކުން ކިޔަވައިގެން ކުރިއަށް ދިޔުމުގެ ފުރުސަތު ލިބެންވާނެއެވެ. އެކިމީހުން ނުވަތަ އެކިކުދިން ކުރިއަރާދާން ބޭނުންވާނީ އެކިރޮނގު ރޮނގުންބެވެ. މައިންބަފައިން ނުވަތަ ސަރުކާރުން ބޭނުންވާ ދާއިރާ އަކުން ނޫނެވެ. މިކަންތައްތަކާ ދޭތެރޭ ރައީސް ޑރ. މުއިއްޒު ފުންކޮށް ވިސްނެވުން އެދެމެވެ.
އެކްސިް
11 June 2024
އެކުއްޖަކު ބޭނުން ރޮނގުން ކިޔަވަން ފައިސާ ހަރަދުކުރާނީ އެކުއްޖާ ނުވަތަ އެކުއްޖާގެ ބެލެނިވެރިން. ޓެކްސް ފައިސާއެއްނޫން.
ބޭކާރު
11 June 2024
ސަރުކާރުގެ މުވައްޒަފުން ތަމްރީނުކުރުން މިހާރު އޮތީ ހުއްޓިފައި. ހިލޭ ޑިގްރީ ޕްރޮގްރާމުގެ ތެރެއިން ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ ދާއިރާތަކުން މުވައްޒަފުން ތަމްރީނުކުރުން ހުއްޓާލުމުން އޮފީސްތަކުގައި މަސައްކަތްކުރާނެ ޓެކްނިކަލް މުވައްޒަފުން މަދުވެ ޓެކްނިކަލް ދާއިރާތަކުގައި މަސައްކަތްކުރާނެ މީހުން ނުލިބޭ. މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރު މުވައްޒަފުން ޓެކްނިކަލް ދާއިރާތަކަށް ތަމްރީނުކުރަން ފަށަންވެއްޖެ.
ހިތަދޫ 2
11 June 2024
ސަރުކާރު ހަރަދުގަ ލޯނު ދެނީ ގައުމަށް ހިދުމަތް ކުރަން، ބޭރުގަ ވަޒީފާ އަދާ ކުރާކަށް ނޫން، ސޯލިހް ހެދިހެން ކަންތަ ނުކުރިކަން ރަނގަޅު
ފަހުރީ
12 June 2024
ދުނިޔޭގެ ކަންކޮޅުތަކުގައްޔާއި ބޮޑެތި އެއާލައިންތަކުގައި ދިވެހިން ތިބުމަކީ ދިވެހި ލޭ ހިނގާ ކޮންމެ މީހެއްގެ ވެސް ފަހުރަކަށް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އަދި ވަޒީފާގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ދިވެހި ދަރިންތަކެއް ބޭރުގެ ވަޒީފާއެއް އަދާކޮށްގެން ގައުމަށް ޑޮލަރު ފޮނުވުމަކީ ގެއްލުމަކަށް ވާނެހެއްޔެވެ. ހެޔޮ ވިސްނުން ދެއްވާށި.