ހިޔާ ފްލެޓަށް ގެންދިއުމަށްފަހު މީހުން އަތުން ފައިސާ އަދި ފޯނު ފޭރޭ ކަމަށް ތުހުމަތުކުރާ މީހުންގެ ވަނަވަރު، ފުލުހުންގެ އިދާރާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާއްމުކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
13 ޖޫން 2024 - 17:33
އޮޅުވާލައިގެން ހިޔާ ފްލެޓުގެ އެޕާޓްމަންޓަށް މީހުން ގެންގޮސް ރަހީނުކޮށް، ބަރަހަނާކޮށް، ބްލެކް މެއިލްކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތް މީހުންގެ ވަނަވަރު މިއަދު އާއްމުކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ހުޅުމާލެ 2 ގެ ޕޮލިސް ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ރަޖްނީ ޝުއައިބު ވިދާޅުވީ މަކަރާ ހީލަތުން H5-03-18 އެޕާޓްމަންޓަށް މީހުން ގެންގޮސް ބްލެކްމެއިލްކުރި ފަސް މައްސަލައެއް މިހާތަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެއީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މައްސަލައަކާއި އޭޕްރީލް މަހު ތިނެއް އަދި މިދިޔަ މަހު އެއް މައްސަލަ އެވެ. ނަމަވެސް، ގާނޫނާ ހިލާފު ކުށްތަކަށް އަރައިގަތުމާއި ބަރަހަނާ ވީޑިއޯތައް ލީކްކުރުން އަދި ތަފާތު ކުށުގެ ރިކޯޑުތައް އޮތް މީހުން ބައިވެރިވާ ކަމަކަށް ވާތީ، މި ކަމުގައި ދެން ހިމެނޭ މީހުންނަށް ނުރައްކަލެއް އޮވެދާނެތީ ރިޕޯޓުނުކުރާ މައްސަލަތައް ވެސް އެބަހުރި ކަމަށް ރަޖްނީ ވިދާޅުވި އެވެ.
އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ؛
- މ. ގޯބިލިގަސްދޮށުގެ، އާމިނަތު ހުމައިނާ ޒަކަރިއްޔާ، 24
- ދަފްތަރު ނަމްބަރު 1835، އާއާޔަތު އައްބާސް، 30
- ގއ. ދާންދޫ، ޕެލަސް ހައުސް، މުހައްމަދު އާދަމް، 43
- ގ. ކަނދުމާގެއާގެ، ސަމާހް އަލީ، 31
- ދ. ކުޑަހުވަދޫ، ސަންފްލާވާ، މުހައްމަދު މުނީރު، 35
- ނ. ވެލިދޫ، ހިފާޒު، އަހުމަދު މާޖިދު، 33
އޭގެ އިތުރުން އޭޕްރީލް 22 ވަނަ ދުވަހު އެ އެޕާޓްމަންޓަށް އޮޅުވާލައިގެން މީހަކު ގެންގޮސް ބަރަހަނާކޮށް ބްލެކްމެއިލް ކުރި މައްސަލައަކާ ގުޅިގެން މއ. ސީނަރީވިއު، އަހުމަދު މަދީހު، 34، ހައްޔަރުކޮށްފައިވެ އެވެ. ފަނަރަ ދުވަހަށް ބަންދުކުރުމަށްފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
އެ އެންމެންނަކީ ވެސް ތަފާތު ކުށުގެ ރިކޯޑު އޮންނަ މީހުންނެވެ.
ފުލުހުންނަށް ރިޕޯޓުކުރި ފަސް މައްސަލައިގައި އިސްކޮށް އުޅެނީ ހުމެއިނާ އަދި އާމިނަތު އައްބާސް އެވެ. އެކަމަކު، ރަޖްނީ ވިދާޅުވީ ހުމައިނާއަކީ މާބަނޑު އަންހެނަކަށް ވާތީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކޯޓަށް ނުގެންގޮސް ދޫކޮށްލާފައިވާ ކަމަށެވެ. ދެން ތިބި މީހުންގެ ބަންދަށް 15 ދުވަސް ދީފައިވެ އެވެ.
އެ މައްސަލައިގައި އިތުރު ބަޔަކަށް ތުހުމަތުކުރާ ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ހުޅުމާލެ 2 ގެ ޕޮލިސް ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ރަޖްނީ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެ އެޕާޓްމަންޓަކީ ހުމެއިނާގެ މައިންބަފައިންގެ ތެރެއިން މީހަކަށް ލިބިފައިވާ ފްލެޓެކެވެ. އޭގެ އިތުރުން ހުމައިނާއާ ގުޅުން ހުރި އިތުރު ބަޔަކު ވެސް އެ ފްލެޓަށް ވަދެ ނުކުމެ އުޅެ އެވެ.
ރަޖްނީ ވިދާޅުވީ ހިޔާގެ އެޕާޓްމަންޓަށް މީހުން ގެންގޮސްފައިވަނީ އެ ތަނުގެ ތެރޭގައި ފައިސާއަށް ހަށިވިއްކާ ކަމަށް އިސްތިހާރުކޮށްގެން ކަމަށެވެ. އޭގެ ތެރެއިން، ސޯޝަލް މީޑިއާގެ އެކި ފްލެޓުފޯމުތަކުގައި އަންހެނުންގެ ނަމުގައި ފޭކް އެކައުންޓުތައް ހަދައި ހަށިވިއްކާ ކަމަށް ބުނެ ފިރިހެނުންނާ ގުޅުން ބޭއްވުމަށްފަހު އެ މީހުންނަށް ބިރު ދައްކައި އަނިޔާކުރުމަށްފަހު ބްލެކްމެއިލްކޮށް އެ މީހުންގެ އަތުން ގިނަ އަަދެއްގެ ފައިސާ އަދި މޮބައިލް ފޯނު ފޭރިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިޔާގެ ސަރަހައްދުން ދިމާވާ އުމުރުން ދުވަސްވީ ފިރިހެނުންނާ ވެސް ހުމައިނާ އަދި އާމިނަތު އައްބާސް ވާހަކަ ދައްކައި ގުޅުން ބަދަހިކޮށް ހަށިވިއްކާނެ ކަމަށް ބުނެ އެ އެޕާޓްމަންޓަށް އެ މީހުން ގެންގޮސް ބިރު ދައްކާ، ބްލެކްމެއިލްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަތައް ފުލުހުންނަށް ހުށަހެޅީ ގަދަކަމުން ފްލެޓަށް ގެންގޮސް، ބްލެކްމެއިލްކޮށް ފޭރުނު ކަމަށް ބުނެ އެވެ. އެކަމަކު، އެ މީހުން އެތަނަަށް ދިޔައީ އަމިއްލަ އިހުތިޔާރުގައި ކަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށާއި އެ މައުލޫމާތު ފުލުހުންނަށް ލިބުނުކަން އެނގުމުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބައެއް މީހުން ބުނެފައިވާ ކަމަށް ރަޖްނީ ވިދާޅުވި އެވެ.
ހިޔާގެ އެ އެޕާޓްމަންޓަކީ މަސްތުވާތަކެތި ބޭނުންކުރުމާއި އެ ތަކެތި ވިއްކައި އަދި ހަށިވިއްކުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ފުލުހުން ބަލާ ފާސްކޮށްފައިވާ ތަނެކެވެ. އެހެންވެ، ތަކުރާރުކޮށް ކުށްކުރަމުން ދާތީ އެކަން އެޗްޑީސީގެ ސަމާލުކަމަށް ގެނެސް، އެ މައްސަލަ ހައްލުކުރަން ވާހަކަދައްކަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފީފު އޮނަރަބަލު
15 June 2024
ކޮބާ ހުސް މާލޭ ބޭފުޅުން މިކަހަލަ ޖަރީމާ ތަކުގަވެސް. އެކަމަކު ގޯތިވެސް ހިލޭ ލިބެނީ މިބައިގަނޑަށް!
ތިމާވެށި
14 June 2024
މިކަން ޓެރަރިޒަމް ގެ އަމަލަކަށް ނުވެ ދެން ޓެރަރިޒަމް ގެ އަމަލަކަށް ވާނޭ ކަމެއް ބުނެ ބަލާށެވެ. ޓެރަރިޒަމް މިބަސް ބޭނުން ކުރަނީ ވކި ބަޔަކަށެވެ.
ކޮރަލް
14 June 2024
އެ އެންމެންނަކީ ވެސް ތަފާތު ކުށުގެ ރިކޯޑު އޮންނަ މީހުންނެވެ. ތަކުރާރު ކޮށް ކުއްކުރާ ބައެކެވެ. ފެއިލް ވެފަ އެވެ. ކިތަންމެ ވަރަކަށް ތަހުގީގު ކުރިއަސް ތަކުރާރު ކޮށް ކުއްކުރާ ބަޔަކީ މިނިވަން ވެފަ ހުންނަ ބައެކެވެ.
ކޮއިފުޅުބެ
14 June 2024
ތިއެޕާޓުމެންޓް ވެރިމީހާ އަތުން ނަގަންވީ
އަމީރު އަލީ
14 June 2024
މިއީ އަދި އެެއް ގުރޫޕް ... މީގެ ދިހަ ބާރަ ގުރޫޕް އުޅޭ
ވެންގަބޯ
14 June 2024
އެކަހަލަ ތަންނަށް ދާމިހުނަށް އެނގޭނީ ދޯ ގުރޫޕް ތަކުގެ އަދަދު އިގޭނީ އެހެންނޫން ތޯ ؟
ހުނާމު
14 June 2024
ނޫހުގަ ފޮޓޯ ޖަހާ ނުލެވުނު.
އަހަރެނ
14 June 2024
މިގައުމުގަ ސިސްޓަމް މި އޮތީ ދިވެހިން ބޭނުންވި ގޮތަށް. މީހަކު ހައްޔަރުކޮށްފިއްޔާ އެ ވާނީ އަނިޔާކުރިކަމަށް. ދެން އެފަދަ އަނިޔާ ނެދެވޭނެ ގޮތް ހަދަންވެގެން ގާނޫނުތަކުން ބާރުތަށް ހަނިކިށް އިޖުރާތުތަށް ގިނަކޮށް ހެދުމުން ހުރިހާ ފައިދާއެއްް ނަގަނީ ކުއްވެރިން. ކުއްނުކުރާ މީހަކަށް މަދު ފަހަރަކު ތި ގާނޫނެއްގެ ފައިދާވެފަ އޮންނާނި
ގެދާނޯމޮސް
14 June 2024
ކޮންމެ އައުސަރުކާރެއް އަންނައިރު މިދަޅައެއް އާންމުންނަށް ދައްކާލާނެއެވެ. ދެވޭ ހަމައެކަނި އަދަބަކީ ޖަހާލާ ދިހަދުސްއެވެ. ދެން އުޅޭނީ އެމީހުންނާ ވައްތަރު އެމީހުންނެވެ. !؟ ސީސީ ޓީވީން ފެންނަނީ އަމިއްލަޔަށް ދާތަނޯ މަކަރާ ހީލަތުން ފޭރެން ގެންދާކަން އެއީ ކުށެއްނޫނެވެ. ދަރިން ބޮއެގެން ނުވާނެޔޭ ! ބުނާއިރު ބޮޑެތި ޑީލްތަށް އެތެރެ ކުރާމީހާ ގެ ކުށް މަދުންނޫނީ ސާބިތު ވާގައުމެއް ދެވޭ ލުއިއަދަބަކުން ސަލާމަތްވާ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެއެވެ.
ހިޔާލު މަގޭ
14 June 2024
ހަށި ގަންނަން ދާ މައްްސަލަ ނުބެލޭނެތޯ?
އަފްރީގް ހުސައިން
14 June 2024
މީ ހަށި ގަތުމާ ވިއްކުމެއް ނޫން... މިއީ ކިޑްނެޕްކުރުމާއި ބުލެކް މެއިލް ކުރުމާއި ޓެކުމާއި ފޭރުރުން... މިމައްސަލައިގެވެސް އަދިއެހެން މައްސަލައެއްގެވެސް ވިކްޓިމުންނަށް ދައުވާކުރެވިގެން ނުވާނެ... އެމީހުން ވާންޖެހޭނީ ދަޢުލަތުގެ ހެކީންނަށް.
ދަންނައި
14 June 2024
ޝަރީޢަތުން މައްސަލަ ލިމޭއިއރު ހުދު saafu ކަފަ ހައި ސަަފުކޮށް މައްސަލަ ނިމޭނެ
ކޮރަލް
13 June 2024
8 ޓަވަރުގަ 1600 ކެމެރާ އެވެ. އިތުރަށް ބުނާނެ ވާހަކަ އެއް ނެތެވެ. ރައްޔިތުންނަށް ފައިދާ ނުވި ބޮޑު ވިޔަފާޜި އެކެވެ. މުޅި މާލޭގެ މަގުމަތީގަ ފުލުހުންގެ 1600 ކެމެރާ ހުންނާނެ ހެން ހިއެއް ނުވެ އެވެ. ފްޓޭޖް އެއްވެސް ނުލިބެ އެވެ.