ހުޅުމާލޭ ފޭސް ދޭއްގައި ފުލުހުން ހަރަކާތްތެރިވަނީ: ހިޔާގެ ފްލެޓެއްގައި ވަނީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި.
21 ޑިސެމްބަރ 2025 - 18:29
ހުޅުމާލޭ 2 ގައި ހުންނަ ހިޔާ ފްލެޓުގެ 8 ވަނަ ޓަވަރުގައި ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު މިއަދު ޒަހަމްކޮށްލައިފި އެވެ.
ޑޮކްޓަރުންނާ ހަވާލާދީ، ފުލުހުން ބުނި ގޮތުގައި ހަމަލާގެ ސަބަބުން އުމުރުން 38 އަހަރުގެ ދިވެހި ފިރިހެންމީހާގެ ފަލަމަސްގަނޑު ފުންކޮށް ކަފައިގެންގޮސް، މައި ނާރު ވަނީ ބުރިވެފަ އެވެ.
އޭނާއަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
އެ ހޮސްޕިޓަލުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އަނިޔާވި މީހަކަށް ފަރުވާދެމުން އަންނަ އޭނާއަށް އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ފޮނުވުމުގެ މަސައްކަތް ކުރާ ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އެ މީހާ އޭޑީކޭއަށް ފޮނުވަނީ ސާޖަރީއެއް ހެދުމަށެވެ. އެކަމަކު އެއީ ކޮން ކަހަލަ ސާޖަރީއެއް ކަމާއި ލިބުނު އަނިޔާގެ ތަފްސީލު ހިއްސާއެއް ނުކުރެ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އަނިޔާވި މީހާގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ވެސް ހުއްޓެވެ.
އެ ހާދިސާ ގުޅިގެން ފުލުހުން ބުނީ ހިޔާގެ 8 ވަނަ ޓަވަރުގެ ފްލެޓެއްގައި އަޑުގަދަވެގެން ރިޕޯޓެއް ލިބިގެން، ފުލުހުން އެ ތަނަށް ގޮސް ބެލިއިރު ދެބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލާފްމް
22 December 2025
ޖަލުގައި ތިބެންވީ ކުށްވެރިން ދޫކުރީމައި ވާގޮތް! އާއިލާގެ ކަންތައް ވެސް ބޮޑު، ދަރި/ބޭބެ/ކޮއްކޮ ކުށެއް ކުރިޔަސް ދޫނުކޮށްގެން ޝަކުވާ ކުރާނެ. ކުށްވެރިން ތިބެން ވީ ޖަލުގައި!
މުޙައްމަދު123
21 December 2025
ދެބެން ކުރި ކަމެއް ވީމަ އަނެއް މީހާ ހައްޔަރުވެސް ނުކުރަނީބާ... އެވާހަކަ ނެތީމަ އަހާލީ
ޢަލްޓިކޯ
21 December 2025
މައްސަލަ ރަގަޅަށް ތަހުގީގު ކުރަންޖެހޭނެ ފުލެޓް ސަރުކާރުން ހާވަލު ކުރި ފަރާތުން ކުއްޔަށް ދީފަ ހުއްޓާ ހިންގި ކަމެއްނަމަ ފުލެޓް އަތުލަންޖެހޭ ސޯސިއަލް ހައުސިން ތަކުގަ އުޅެވޭނީ އެހެން މީހުންނަށް ވެސް ރައްކާތެރި ތަނަކަށް ތަންވެގެން