23 ޖޫން 2024 - 11:13
ޑޯޓްމެންޑް (ޖޫން 23) – ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ސެލްފީ ނަގަން، ސެކިއުރިޓީ ފަޅާލައި ދަނޑަށް އެރި މައްސަލައިގެ ތަހުގީގު ޔޫއެފާއިން ފަށައިފި އެވެ.
ޔޫރޯގެ ގުރޫޕް އެފްގައި ރޭ، ތުރުކިޔޭއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯއާ އެކު ސެލްފީ ނަގަން ފަސް މީހުން ދަނޑަށް އެރި އެވެ.
ތިން މީހަކު ދަނޑަށް އެރީ މެޗު ކުޅެމުންދަނިކޮށެވެ. މެޗު ނިމުނު ފަހުން އިތުރު ދެ މީހަކު ދަނޑަށް އެރި އެވެ.
ރޮނާލްޑޯގެ ސަލާމަތާ މެދު ޔަގީންކަން ނެތް ކަމަށް ބުނެ ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ސުވާލު އުފެއްދުމުން ޔޫއެފާއިން ވަނީ ސެކިއުރިޓީ ފަޅާލައި ދަނޑަށް، ސަޕޯޓަރުން ދަނޑަށް އެރި މައްސަލަ ބަލާނެ ކަމަށް ބުނެފަ އެވެ.
އެންމެ ފުރަތަމަ ދަނޑަށް އެރީ ކުޑަކުއްޖެކެވެ. އޭގެ 15 މިނެޓް ފަހުން ބޮޑު މީހަކު ދަނޑަށް އަރައި ރޮނާލްޑޯގެ ކޮނޑަށް އަތްލާންވެގެން ކަރުގައި އަތް އަޅައި ހިފެހެއްޓި އެވެ.
މާޓިނޭޒް ބުނީ، ކޮންމެ ދުވަހަކީ ނަސީބު ރަނގަޅު ދުވަހަކަށް ނުވާނެ ކަމަށެވެ. އަދި ގޯސް ނިޔަތެއްގައި ވެސް ސަޕޯޓަރަކު ދަނޑަށް އަރައިފާނެތީ ވަރަށް ބޮޑަށް ސަމާލުވެ ތިބެން ޖެހޭކަމަށް އޭނާ ފާހަގަ ކުރި އެވެ.
"މިއަދު އަހަރެމެންގެ ނަސީބު އެއީ ދަނޑަށް އެރި ސަޕޯޓަރުން ރަނގަޅު ނިޔަތެއްގައި ތިބިކަން. މަޝްހޫރު ތަރިންނާ ބައްދަލުކުރަން ސަޕޯޓަރުން އުޅޭތީ އަހަރެމެން ވަރަށް އުފާވޭ،" މާޓިނޭޒް ބުންޏެވެ.
"އެކަމަކު ކަލޭމެންނަށް ވެސް އެނގޭނެ އެއީ ވަރަށް އުނދަގޫ ކަމެއްކަން ދަނޑަށް އަރައިގެން އުޅެން ފެށީމަ. ދަނޑަށް އެރި މީހުންގެ މަގުސަދުތައް ގޯސްނަމަ ކުޅުންތެރިންނަށް ގެއްލުމެއް ވެދާނެ. އަހަރެމެން ޖެހޭނެ މިކަމާ ވަރަށް ސަމާލުވެ ތިބެން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު އިލްހާމް
28 June 2024
ރޮނާލްޑޯ އަކީ ހިތް ތިރި މީހަށް ވިޔަސް މިއީ ހުއްޓުވަން ޖެހޭ ކަމެއް ހީވެސް ނުކުރާފަދަ ނުރައްކާ ހާލަތަކަށް ގޮސްފާނެ ވެވޭ އިޙްމާލަކުން ހިތާމަކުރަން ޖެހިދާނެ
ސަމާލު
24 June 2024
ކޯޗު އެ ބުނީ ތެދެއް. ފޭނުންތެރޭ ހުރެދާނެ ސައިކޮލޮޖިކަލީ އޮބްސެސިވް މީހަކުވެސް. ނޫނީ ރުޅިއަންނަ މީހަކުވެސް ލަނޑެއްދޭން ތޫނު އެއްޗެއް ހިފައިގެންވެސް ގޮސްދާނެ. މެޓަލްޑިޓެކްޓަރަށް ނުދައްކާނެެ ނޮންމެޓަލް އެއްޗިއްސެއް. ސެލްފީއެއް ނަގަންކަމަށް ކަރުގަ އަތްލާފާ ހަމަލާއެއް ދީފާނެ.
މޮރުޑިސްޕޮލިސް
23 June 2024
މައްސަލަ ބަލަނީ ބަލަނީ. ދެން ނުވާނެ ޚަބަރެއްވެސް
ކޮންސުލޭޓު
23 June 2024
ޔޫއެފާ މީ އުވާލަން ޖެހޭ ޖަމިއްޔާއެއް.
ފޮނިފޮނިޓައްޕު ކުމާރު
23 June 2024
ރޮނާލްޑޯވެސް ހިސާބަށްވުރެ ހިތްތިރީ. އެހެންވީމާ ކޮޑަށާ ބޮލަށް އަރަނީ.