23 ޖޫން 2024 - 13:44
ލިއޮނެލް މެސީ، ސާޖިއޯ ރާމޯސް، ވޭން ރޫނީ، ޒައިނުއްދީން ޒިދާން، ފްރެންޗެސްކޯ ޓޮޓީ އަދި އަންޑްރެއާ ޕިރްލޯ، އެ ސްޓައިލަށް ޕެނަލްޓީ ޖަހާތަން ވަރަށް ގިނައިން ފެންނާނެ އެވެ. ޕެނެންކާ ޕެނަލްޓީގެ ނަމުން މަޝްހޫރުވި މި ސްޓައިލްގެ ޕެނަލްޓީގެ މާސްޓަރަކީ ޗެކްސްލޮވޭކިއާ އަށް ޔޫރޯގެ ތަށި ހޯދައިދިން ޕެނަލްޓީ ޖެހި އެންޓޯނިއަން ޕެނެންކާ އެވެ.
ޕެނަލްޓީ ޖެހުމަކީ ވެސް ހުނަރެކެވެ. ދުރުން ދުވެފައި އައިސް ބާރު ބާރަށް ޕެނަލްޓީ ޖަހާ މަންޒަރު އަދި ކީޕަރަށް މިސްރާބު އޮޅުވާލައިގެން ޕެނަލްޓީ ޖަހާ މަންޒަރު ވަރަށް ގިނައިން ފެނެ އެވެ. އެކަމަކު 1976 ގެ ފައިނަލުގައި ހުޅަނގު ޖަރުމަނު ބަލިކޮށް އެ މުބާރާތް ޗެކްސްލޮވޭކިއާ އަށް ކާމިޔާބުކޮށް ދޭން އެންޓޯނިއަން ޕެނެންކާ، ޕެނަލްޓީ ފޮނުވާލީ ވަރަށް ފަސޭހަކޮށެވެ.
ބޯޅައިގައި ބާރަކަށް ނުޖަހަ އެވެ. ނުބައިފަޅިއަކަށް ކީޕަރު ހަރަކާތް ކުރުވައި އަނެއް ފަޅި އަށް ބޯޅައިގެ މިސްރާބު ބަދަލު ކުރާކަށް ވެސް އޭނާ ނޫޅެ އެވެ. މަޑުމަޑުން ބޯޅައިގައި ޖަހައި ގޯލްގެ ތެރެއަށް ވައްދާލީ އެވެ. އެ މެޗުގައި ގޯލް ބެލެހެއްޓި ޖަރުމަނުގެ ކީޕަރު ސެޕް މެއާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
އޭގެ އަހަރުތަކެއް ފަހުން ޔޫއެފާގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ޕެނެންކާ ބުނެފައި ވަނީ، އެ ޕެނަލްޓީ އަކީ ވަރަށް ގިނަ ގޮތްގޮތުން ވިސްނައިގެން އުފަން ކުރުވި ސްޓައިލެއް ކަމަށެވެ. އޭރު އޭނާ ކުޅުނު ބޮހީމިއަންސް ޕްރާހާގެ ޕްރެކްޓިހަށް ފަހު އެ ޓީމުގެ ކީޕަރު ގޯލްގައި ބަހައްޓައިގެން އެ ސްޓައިލްގެ ޕެނަލްޓީ ޖަހަން އޭނާ ޕްރެކްޓިސް ކުރި ކަމަށަ ޕެނެންކާ ބުނެފައި ވެއެވެ.
"ޓީމުގެ ޓްރޭނިން އަށް ފަހު އަހަރެން، ގޯލްކީޕަރު މަޑުކުރުވައިގެން ޕެނަލްޓީ އަށް ޕްރެކްޓިސް ކުރަނީ. އަހަރެމެން އެކަން ކުރަނީ ބެޓްކޮށްގެން، ނާކާމިޔާބުވާ މީހަކު ޗޮކްލެޓް ބާއެ ނުވަތަ ބުއިމެއް ދޭން ޖެހޭ ގޮތަށް. އޭނާ އަކީ ވަރަށް މޮޅު ގޯލްކީޕަރަކަށް ވުމުން އަހަންނަށް ނާކާމިޔާބުވެ ބަދަލުގައި ދޭން ޖެހޭ ވަރު ބޮޑުވެގެން ދިޔަ. އެހެންވީމާ، ބައެއް ފަހަރު ނިދުމުގެ ކުރިން، މި ޗެލެންޖްގައި އަހަރެން އަތުން ގެއްލުމުންދާ ފައިސާތަކުން އަރައިގަނެވޭނެ ގޮތްތަކާ މެދު ވިސްނާލަން މަސައްކަތް ކުރީ،" ޔޫއެފާ ވެބްސައިޓަށް ޕެނެންކާ ދިން އިންޓަވިއުގައި ބުނެފައި ވެއެވެ.
"މި ގޮތަށް ޕެނަލްޓީ ޖަހާނެ ގޮތުގެ އެ ހިޔާލު ލިބުނީމަ މަޑުމަޑުން ޓެސްޓްކޮށްލަން ޕްރެކްޓިހުގައި އެގޮތަށް ފަރިތަކުރަން ފެށީ. އަރިމަތިން އޮޅިގެންދާ ގޮތަށް. އެގޮތުގައި ބޯޅަ ފޮނުވާލުމުގައި ބޯޅައިގެ ބަރުމިން އިތުރުވާން ފެށީ – ދެން އަހަންނަށް ބެޓް ކާމިޔާބު ވާން ފެށީ. އެންމެ ފަހުން ފައިނަލުގައި ޕެނަލްޓީގައި އެގޮތަށް ލަނޑު ޖަހަން އެންމެ ފަހި އަދި ފަސޭހަގޮތަކަށް ވެގެން ދިޔަ. އެގޮތަކީ އެންމެ ފަސޭހަ ގޮތްކަން އެނގުނު ޕެނަލްޓީން ލަނޑު ޖެހުނީމަ. މިއީ ވަރަށް އާދައިގެ ރެސިޕީއެއް."
މިހާރު އުމުރުން 75 އަހަރުގެ ޕެނެންކާ އަކީ، މިހާރުގެ ޗެކިއާގައި ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ލެޖެންޑެވެ. ކޮވިޑްގެ ތެރޭގައި އޭނާ އަށް ކުރިމަތިވި ސިއްހީ ބައެއް މައްސަލަތަކުގައި ހޮސްޕިޓަލުގައި އެޑްމިޑްކޮށްގެން ފަރުވާ ދޭން ޖެހުނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުވަނދުމާ
23 June 2024
ކޮބާ އެޕެނެލްޓީގެ ވީޑިއޯ
ގެދާނޯމޮސް
23 June 2024
ވީޑިއޯކޮޅު ވައްޓާލިނަމަ ދޯ!
ދޮރުމަތި
23 June 2024
މެސީ ސުއަރޭޒް އަށް ޕާސްދީފަ ޖެހި ޕެނަލްޓީ އެޔީ މިހާތަނަށް ރޭވި އެންމެ މޮޅު ޕެނަލްޓީ.
ޙަންމާ
23 June 2024
ޕެސީ އަށް އިނގެނީ ޕެނަލްޓީ ޖަހަން އެކަނި.
ޕެނަލްޑޯ
24 June 2024
އަހަންނައް ނޭނގެ އެއްކަމެއްވެސް، އަހަރެން ކީޕަރު ގާތުގަ ހުރެގެން މިޖަހާ ގޯލްތަކަކީ އެތާހުރެގެން ބޭރައް ޖަހަން މާ އުނދަގޫވާނެ ބޯޅަތަކެއް. ބަޔަކުންނައް މިކަންކަން ނޭނގޭތީ މަވަރެއް ނެތިގެން އުޅެނީ.