ސަސްގެ 19 އަަހަރުންދަށުގެ ޓީމުގެ ކޯޗު އާފިއު މުހައްމަދު ހަމީދު: އޭނާ ބުނީ ރާއްޖޭގެ ފުޓްބޯޅަ ދިރިދިރި އެބައޮތް ކަމަށް --- ފޮޓޯ: އެފްއޭއެމް
01 ޖުލައި 2024 - 12:18
ރާއްޖޭގެ ފުޓްބޯޅަ މަރުނުވެ، ދިރިދިރި އެބައޮތް ކަމަށް، ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗު އާފިއު މުހައްމަދު ހަމީދު (އާފީ) ބުނެފި އެވެ.
އެފްއޭއެމް 19 އަހަރުންދަށުގެ ޔޫތު މުބާރާތުގައި، ސަސްގެ 19 އަހަރުންދަށުގެ ޓީމު ވާދަ ކުރީ އާފީގެ ކޯޗުކަމުގެ ދަށުންނެވެ. މުބާރާތުގެ ފައިނަލްގައި މިރޭ އާފީގެ ސަސް ނުކުންނާނީ އަހްމަދު ނިމާދުގެ ޓީސީއާ ދެކޮޅަށެވެ.
މިރޭގެ ފައިނަލް މެޗާ ބެހޭ ގޮތުން، "މިހާރު" އާ ވާހަކަ ދައްކަމުން ކުރީގެ ޑިފެންޑަރު ބުނީ، ރާއްޖޭގެ ފުޓްބޯޅަ މަރު ނުވެ ދެމެހެއްޓީ އެކަޑަމީތަކުން ކަމަށެވެ.
އޭނާ ވިދާޅުވީ، ފުޓްބޯޅަ ދިރިދިރި އެބައޮތް ކަމަށެވެ.
"ފުޓްބޯޅަ ދިރިދިރި އެބައޮތް. އެކަން މި މުބާރާތުން ވެސް ފެނިގެންދިޔަ. ރާއްޖޭގެ ފުޓްބޯޅައިގެ އުންމީދު މި މުބާރާތުން ފެނުނީ،" އޭއެފްސީ އޭ ލައިސެންސް ކޯޗިން ކޯހުގެ ތިއަރީ ބައި ދާދި ފަހުން ފުރިހަމަ ކުރި އާފީ ބުންޏެވެ.
ވެލެންސިއާގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރި އާފީ ބުނީ ރާއްޖޭގެ ފުޓްބޯޅައިގައި އުމުރުފުރާގެ ދަށު ކެޓަގަރީތަކުގައި މާ ރަނގަޅު ކުޅުންތެރިން އެބަތިބި ކަމަށެވެ.
"މިއަށް ވުރެ [19 އަހަރުން ދަށުގެ] ހަގު އުމުރުފުރާތަކުގައި އަދި އެބަތިބި ހުނަރުގެ ގޮތުން މާ ރަނގަޅު ކުޅުންތެރިން ވެސް. ހުނަރަށް ބަލައިފިއްޔާ ފުޓްބޯޅައިގައި އަދި ވެސް އުންމީދު އެބައޮތް،" ވިކްޓަރީ އާއި ނިއު ރޭޑިއަންޓަށް ވެސް ކުރިން ކުޅުނު ކުޅުންތެރިޔާ ބުންޏެވެ.
"ދެން ބޭނުން ވަނީ މީގެ ތެރެއިން އެންމެ ރަނގަޅު ޓެލެންޓްތައް ފުރާނަލާއި ޓީމެއްގެ ގޮތުގައި ދޭތެރެދޭތެރެއިން އިންޓަނޭޝަނަލް މެޗުތައް ކުޅެ ރަނގަޅު ފުޓްބޯޅަ ކުޅެން ފަރިތަ ކުރުވުން."
އޭނާ ވިދާޅުވީ އެފްއޭއެމްގެ ދައުރު އެކަމުގައި ބޮޑު ވާނެ ކަމަށެވެ.
"އެފްއޭގެ އެއްބާރުލުމާ އެކު ވަރަށް ރަނގަޅު މަސައްކަތެއް ކުރެވޭނެ. ގިނަ މެޗުތަކެއް ހޯދައިދީ. އިންޓަނޭޝަނަލް މުބާރާތްތަކުގައި ބައިވެރިވެވޭނެ ގޮތްތަކެއް ހޯދައި ދޭން ޖެހޭނެ،" އޭނާ ބުންޏެވެ.
މުބާރާތަށް، ޓީމުތަކުން ވަނީ ރަށްރަށުގައި ދިރިއުޅޭ ކުދިން ވެސް މާލެ ގެނެސް ޓީމުތަކުގައި ހިމަނައިފަ އެވެ. ފައިނަލުގައި ވާދަކުރާ ޓީސީގައި ރަށްރަށުގައި ދިރިއުޅޭ ކުޅުންތެރިން ގިނަ އެވެ.
އެ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކަން ފުޓްބޯޅައިގެ ތަޖުރިބާކާރަކު ފާހަގަ ކުރި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅޭ މެޗު ފަށާނީ ނުވައެއް ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަބޮއް ސައީދު
02 July 2024
ފުޓުބޯޅަ އަދި ގިނަ ކުޅިވަރުތަށް އުވާލާ. އޭރުން އެންމެ ރަނގަޅު ވާނީ. ތިޔައީ ހަމަ އިސްރާފު ކުރާ ދައުލަތުގެ ފައިސާ.
ގުދުގުދާބެއްޔާ
02 July 2024
ކަލޯ ކޮން މޮޅުވާހަކައެއް ދައްކާކައް! ފުޓްބޯޅަ ދިރި އޮތް ނަމަ ދަނޑުގެ ގޮނޑި ތަކަށް 50 މީހުންވަރު ވަންނަނީ ކީއްވެ! އަހަރުމެން ކުޅުނުއިރު ލެގޫންސް ވެލެންސިޔާ ، އަދި ވިކްޓްރީ ނިއުރޭޑިއަންޓް ގެ މެޗައް ގަޅޮލު ދަނޑު އެއްކޮއްފުރި ޓިކެޓް ބޮޑުއަގުގައި އޮލިންޕަސް ކުރިމަތިން 10ރ ސިޑިބަރިން ލިބޭ ޓިކެޓް 100ރ ގަނެގެން މީހުން ދަނޑައްވަދޭ!
ސައިނީސް
01 July 2024
ހުރިހާ ކުޅިވަރެއް ނުދިރުވެނެ ، ފުޓްސަލް ދިރިވާ
ފުޓްސަލް
02 July 2024
ފުޓްސަލްއަކީ ދިވެހި ފުޓުބޯޅާގެ ހަލާކު