ބެލްޖިއަމް 0 - 1 ފްރާންސް
01 ޖުލައި 2024 - 23:08
ޑުސެލްޑޯފް (ޖުލައި 1) – ބެލްޖިއަމްގެ ބައި ގޯލަކުން، ޔޫރޯގެ ފޭވަރިޓުންގެ ނަން ލިބިފައިވާ ފްރާންސް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޑުސެލްޑޯފްގައި ކުޅުނު މެޗު، އެއްވަރުވެެގެން ނިމިގެންދާނެ ކަމަށް ބެލެވުނެވެ. އެކަމަކު ފްރާންސުން ލަނޑު ޖެހީ މެޗުގެ 90 މިނެޓް ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ.
ފްރާންސްގެ އުސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާ ދިފާއު ކުރަން އުޅުމުގެ ތެރޭގައި، ބެލްޖިއަމްގެ ޔޭން ވާޓޮންގެންގެ ފައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވެގެން ގޮސް އެ ބޯޅަ ވަނީ އޭނާގެ އަމިއްލަ ގޯލަށެވެ. ބެލްޖިއަމްގެ ކީޕަރު ކޯން ކަސްޓީލް ވެސް ބޯޅަ އަށް ހަރަކާތް ކުރީ ރަނގަޅު ފަޅި އަށެވެ. އެކަމަކު ވާޓޮންގެން ފައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވުމުން ކީޕަރު ވެސް ކުރާނެ ކަމެއް ނެތެވެ.
ކުއާޓާ ފައިނަލުގައި ފްރާންސް ވާދަކުރަން ޖެހޭނީ، ސްލޮވޭނިއާ ނުވަތަ ޕޯޗުގަލްގެ ތެރެއިން ޓީމަކާ ދެކޮޅަށެވެ.
މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމުގެ ތަރިންނަށް ވެސް ލިބުނެވެ. އަބަދުވެސް ފުރުސަތުތައް ލިބޭ، ނަމަވެސް ލަނޑެއް ޖެހުމުގައި ކާމިޔާބު ހޯދިފައި ނުވާ، ރޮމެލޫ ލުކާކޫ އަށް ވެސް، މިރޭގެ މެޗުގައި ވެސް ބެލްޖިއަމް އަށް ލީޑް ނަގައިދޭން ރަނގަޅު ފުރުސަތެއް ލިބުނެވެ.
ފްރާންސްގެ މާސްކް މޭން، ކިލިއަން އެމްބާޕޭ އަށް ވެސް ދެވަނަ ހާފުގައި ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑި ބްރޮއިނާ، ފްރާންސްގެ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ބޯޅަ ކީޕަރު މައިކް މޭނިއަން ދިފާއު ކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުނެލީ ހަމަ
02 July 2024
އުސްމާން ޑެންބެލޭ އޭ...؟ އޭނަ މި މެޗްގަ ކުޅެންވެސް ނާރާ. ރަނގަޅަށް ލިޔޭ! ބެލްޖިއަމް ގެ ގޯލަށް ބޯޅަ ޖެހީ ރެންޑަލް ކޮލޯ މުއާނީ. އެސޮރު ޖެހި ބޯޅަ ، ބެލްޖިއަމް ޑިފެންޑަރ ވާޓޮންގ ފައިގަ ޖެހިފަ ވަނީ.
ޛުލީނާ
01 July 2024
އުސްމާން ޑެމްބެލޭ (ޖާޒީ ނަންބަރު 11) އެ މެޗުގައި ކުޅެން ނުވެސް އަރާ. އެ ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖާޒީ ނަންބަރު 12 ކޯލޯ މުއާނީ ޖެހި ބޯޅައެއް ބެލްޖިއަމްގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެއް. ރަނގަޅަށް ބަލާފައި އެއްޗެހި ލިޔެބަލަ.
ގްރެމާ
01 July 2024
ސަކަރާތް ނުޖަހާ ރަނގަޅަށް ލިޔޭ! ބައި ގޯލެއް ނޯންނާނެ. ބައިކޮޅަށް ވަންނަ / ޖަހާ ގޯލު ހުންނާނީ.