ސީއެޗްއެސްއީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޙާއްސަ އެސެމްބްލީ އަށް ރައީސް މުއިއްޒު މިއަދު ހެނދުނު ވަޑައިގަތުމުން ބައެއް ކުދިން އެ މަނިކުފާނާ އެކު ސެލްފީއެއް ނަގަނީ.---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
03 ޖުލައި 2024 - 14:58
ކޮންމެ ކަމެއްގައި ވެސް ކާމިޔާބީ ހޯދުމަށް ވަރުގަދަ އަޒުމެއް ގެންގުޅުން މުހިންމު ކަމަށާއި ކާމިޔާބު ވާނީ އަމިއްލަ ނަފުސަށް އިތުބާރުކޮށް، މަސައްކަތް ކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސީއެޗްއެސްއީ އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް އެ ސްކޫލުގައި ހެނދުނު ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަތީ ސާނަވީ އަށް ކިޔެވުމަކީ އިތުރު ފުރުސަތެއް ލިބޭ ކަމެއް ނޫން ކަމަށެވެ.
އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް ކާމިޔާބު ހާސިލު ކުރުމަށް އަމިއްލަ ނަފުސަށް އިތުބާރުކޮށް، އުންމީދު ކަނޑާނުލައި ކެތްތެރިކަމާ އެކު، ނުގުޑާ ފަދަ އަޒުމެއްގައި ދާން ބޭނުންވާ މަންޒިލަށް ދެވެންދެން ގަދައަޅައި މަސައްކަތް ކުރުމަށް ބާރުއަޅުއްވައި އެމަނިކުފާނު ވަނީ ދަރިވަރުންނަށް ނަސޭހަތް ދެއްވައިފަ އެވެ.
މަތީ ސާނަވީ ތައުލީމަކީ މުސްތަގުބަލު ބައްޓަން ކުރުމަށާއި ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށާއި އެ ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ރައީސް ވަނީ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ސީއެޗްއެސްއީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެސެމްބްލީގައި ރައީސްބައިވެރިވަނީ-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
ރައީސް ވިދާޅުވީ ގިނަ ކުދިން މަތީ ތައުލީމު ހާސިލްކުރުމަށް ވަރަށް ބުރަ މަސައްކަތްކޮށް، ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ. ރައީސް މުއިއްޒު ވަނީ މި ސަރުކާރުން އެ ކަންކަމަށް ހައްލު ހޯދައި ދިނުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ކިޔަވައިގެން ނުކުންނަ ކުދިންނަށް ހާއްސަކޮށް ގެދޮރުވެރިކަމާއި އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށް ދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ގައުމީ ލޯބި ކޮންމެ ދަރިވަރެއްގެ ކިބައިގައި ވެސް ހުންނަން ވާނެކަމަށާއި ކޮންމެ ދަރިވަރަކަށް ވެސް ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި ގައުމީ ހިދުމަތަށް އިސްކަންދިނުމަށް ރައީސް ނަސޭހަތްތެރިވެވަޑައިގަތެވެ.
ސީއެޗްއެސްއީއަކީ ރައީސް މުއިއްޒު ވެސް މަތީ ސާނަވީ ތައުލީމު ފުރިހަމަ ކުރެއްވި ސްކޫލް ކަމަށް ވުމުން މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަން އެ މަނިކުފާނު ވަޑައިގަތުމުން ކުދިންގެ ފަރާތުން ސަޕްރައިޒެއް ވެސް ދިނެވެ. އެއީ ރައީސް މުއިއްޒު ސީއެޗްއެސްއީގައި އުޅުއްވި ދުވަސްވަރު ބޭނުން ކުރެއްވި އިންޑެކްސް ނަމްބަރު ބެނާއެއްގައި ޖަހައި އެ މަނިކުފާނަށް އިސްތިގުބާލު ކުރުމެވެ،
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
03 July 2024
ކިހިނެތްތޯ އަމިއްލަ ނަފްސް ދެނެގަންނާނީ މީސުވާލަކީ؟ ޖަވާބަކީ ! އެމީހެއްގެ ހިތާއި ސިކުނޑި އަދި ދުލަށް ރައްކައުތެރިި ކަންދީގެންނެވެ! އިންސާނާއަކީ ކަނޑެއްގެ މިސާލެކެވެ! އެއްކަނޑު އަނެއްކަނޑާ ގުޅިފަވިޔަސް ލޮނާއި ފެނާއި ހޫނާއި ފިނި ތަފާތުވެގެން ވެއެވެ. އެމީހެއްގެ ސަލާމަތްކަން އޮތީ މިފަދައިންނެވެ! އެއީ ، ކޮންމެ ކުށްޖަކުވެސް ތިމާޔަކީ ފުންކަން ނޭންގޭ ކަނޑެއްކަމާއި ތިމާގެ ސަބަބުން އެހެން މީހުންސަލާމަތް ކުރުމަށް ވިސްނައިފިނަމަ އަމާންކަން ވެއެވެ.