ޕީއެންސީ ޖަގަހަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްްޒު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
07 ޖުލައި 2024 - 21:59
ދެން އޮންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ އެއްކޮށް ބޭއްވުމަށް ގާނޫނު އަސާސީ އިސްލާހުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށް 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ހަރަދު ކުރަން ޖެހުނުއިރު، ނިމިދިޔަ މަޖިލިސް އިންތިހާބަށް ދައުލަތުން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށެވެ. އަދި އެންމެ ފައިދާ ހުރިގޮތަކީ ދެ އިންތިހާބު އެއްކޮށް ބޭއްވުން ކަމަށާއި އެހެންވެ، އެ ބަދަލު ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ދެ އިންތިހާބު އެކުއެކީގައި ބޭއްވުން ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ. އެހެންވީމަ ގާނޫނު އަސާސީއަށް މިކަމުގައި ގެންނަންޖެހޭ އިސްލާހު މިކަމުގައި އެބައޮތް. ގާނޫނު އަސާސީއަށް މި އިސްލާހު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން." ރައީސް ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑުމެންނަށް އެބަ ސަލާމަތް ކުރެވޭ ރައްޔިތުންގެ ފައިސާއިން 120 މިލިއަން ރުފިޔާ"
"ރައްޔިތުންގެ މިގޮތަށް ނިންމަވައި ދެއްވައިފިއްޔާ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް، ދެން 2028 ވަނަ އަހަރު މި ދެ އިންތިހާބު އެކު އެކީގައި ބޭއްވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތް." އެމަނިކުފާނު ވިދާޅުވި އެވެ.
މިރޭ ޕީއެންސީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމާ ރައީސް ހަވާލުވެ ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށް ވީ ނަމަވެސް، އިންތިހާބުތައް ބާއްވަން ޖެހޭނީ ދައުލަތުގެ ހަރަދުތައް ދެކޮޅު ޖެހޭ ގޮތަކަށް ކަމަށެވެ. އަދި މިހާރު އޮންނަ ގޮތުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އޮންނަނީ ކައިރި ކައިރީގައި ކަމަށް ވާއިރު، ދެ އިންތިހާބު އެއްކޮށް ބޭއްވުމުން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ސަލާމަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑުމެންނަށް އެބަ ސަލާމަތް ކުރެވޭ ރައްޔިތުންގެ ފައިސާއިން 120 މިލިއަން ރުފިޔާ. އެ 120 މިލިއަން ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންކަން ދައުލަތަށް، ސަރުކާރަށް ނިންމައި ދެވޭނެ. އެތައް ކަމެއް ނިންމައިދެވޭނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ ތެރޭގައި ގާނޫނު އަސާސީއަށް އެ އިސްލާހު ގެނައުމަށް ހުށަހަޅުއްވާނެ ކަމަށެވެ.
ގާނޫނު އަސާސީ އޮންނަ ގޮތުން ރައީސާއި މަޖިލިސް މެމްބަރުން އިންތިހާބުކުރާ ގޮތަށް ބަދަލެއް ގެންނަން ފާސްކުރާ އިސްލާހެއް ތަސްދީގު ކުރެއްވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ފަހު އެވެ. އަދި އެ ވޯޓުގައި ރައްޔިތުން އެގޮތަށް ތާއީދު ނުކުރާ ނަމަ އެ ބަދަލު ނުގެނެވޭނެ ކަމަށް ގާނޫނު އަސާސީގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީސައިޑްބޮންޑް
09 July 2024
ހުރިހާ އިންތިޚާބްތަކެއް އެއްފަހަރާ ބާއްވައި ނިންމާލަންވީ
ޙަސަނަނާ
08 July 2024
2 އިންތިހާބެއްނޫން، ލޯކަލް ކައުންސިލް އިންތިހާބު ވެސް އެއްކޮށްލަންވީ
ވަހީދުބެ
08 July 2024
ވެރިކަން ކުރާ ޕާޓީއަށް ރިޔާސީ އިންތިޚާބު ގެއްލޭއިރު، މަޖްލިސް އިންތިޚާބު ވެސް ގެއްލޭނެ. އެއިރުން ވެރިކަމުގައި ތިބޭ މީހުންނަށް ހިތަކަށް ކަންކަން ކުރެވޭނެ.
ހުސެއިން ޝާމް
08 July 2024
މަނިކުފާނު ތިމަސައްކަތް ޕުޅު ކުރައްވަނީ ގެއްލުނު ފައިސާ ހޯދާ ރާއްޖޭގެ ރައްޔިތުން ދަރަނިވެރިކޮށް ޖަލަށް ލުމަށް މަނިކުފާނު އެއްގޮތަކަށް ވެސް ނުވިސްނާ އެބޭފޫލުންނަށް ފައިސާ ހޯދާދެވޭނެ ގޮތަކާ ގުޅޭ ގޮތުން .މަނިކުފާނު ވެރިކަމަށް ގެނައީ މީސްމީހުންގެ މައްސަލަ ބަލާ ޖަލަށް ވައްދާކަށް ނޫން ގޯސްކަމެއް ހުރިއްޔަ އެކަންތައް އިސްލާޙުކޮށް ރައްޔިތުންނަށް ފައިދާބޮޑީ ކޮންގޮތެއްތޯ ބަލާ އެގޮތް ހޯދަދެންޖެހެނީ.
ހުސައިން ވަހީދު
08 July 2024
ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިހާބު އެކުގައި ބޭއްވުމަށް ހުށަހެޅުއްވި ހުށަހެޅުން ރަމްޒުކޮށްދެނީ ވެރިކަމުގެ ނިޒާމު އިސްލާހު ކުރުމަށް މަސައްކަތް ކުރާ ކަމުގެ އަލިގަދަ ހެއްކެއް.
އިސްމާއިލް އުޝާމް
08 July 2024
އިންތިޚާބީ ކަންކަން ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެ މަތިން އެޅުއްވޭނެ ރަނގަޅު ފިޔަވަޅެއް މިއީ
އިގހ
08 July 2024
ރައީސް ޤައުމީ ތަރައްޤީއަށް ބޭނުންވާ ވަޞީލަތްތައް މިހާރަށްވުރެ ރަނގަޅަށް ދޫކުރެވޭނެ އިޞްލާޙުތަކެއް ގެނައުމަކީ ވަރަށް ރަނގަޅަށް ކުރަމުންދާ ކަމެއް.
ހަސަން މުހުސިން
08 July 2024
މިޔާއެކު ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑު ހަރުދަނާކުރެވޭނެ ކަމަށް ވަރަށް ބެލެވޭ.
ހާނިފް އިމްތިޔާޒް
08 July 2024
ނިޒާމީ އިޞްލާޙުތަކަށް އިސްކަންދެއްވުމަކީ ރަނގަޅު ނިންމުމެއް. މިކަހަލަ ހާއްސަކޮށް
އަފްނާން އަލީ
08 July 2024
ޖިލީހާއި ރިޔާސީ އިންތިޚާބު އެކުގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ކުރައްވަމުން ގެންދަވާ މަސައްކަތް އަވަސް ކުރަންޖެހޭ. މިއީ ވަރަށް މުހިއްމު ކަމެއް.