އެމެރިކާގެ ރައީސް ޖޯ ބައިޑެން ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
08 ޖުލައި 2024 - 05:36
އެމެރިިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ އިތުރު ދައުރަކަށް އެކަށީގެންުނުވާ ކަމަށް ބުނެ އޭނާގެ ޑިމޮކްރެޓިކް ޕާޓީގެ ތެރެއިން ވާހަކަ ދައްކާ މީހުން އިތުރުވެ ޕްރެޝަރު ބޮޑުވަމުން ދިޔަޔަސް އޭނާ ކެމްޕެއިން ވަރުގަދަކުރަން ފައްޓަވައިފި އެވެ.
އުމުރުން 81 އަހަރުގެ ބައިޑެން، ރިޕަބްލިކަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ރިޔާސީ ބަހުސްގައި ފެނުނު ނިކަމެތި ގޮތުން ބައިޑެން ރިޔާސީ ރޭސް ދޫކޮށްލައްވައި އެހެން ބޭފުޅަކަށް ފުރުސަތު ދެއްވުމަށް އެތައް ބަޔަކު ވަނީ ގޮވާލައިފަ އެވެ.
އެކަމަކު ރިޔާސީ ރޭހުން ވަކިވުން އެއީ ވާނެކަމެއް ނޫން ކަމަށް ވިދާޅުވަމުން ބައިޑެން މި ހަފްތާ ފެއްޓެވީ ވެސް މުހިންމު ސްޓޭޓެއް ކަމަށްވާ ޕެންސިލްވޭނިއާގައި ދެ ރެލީއެއް ބާއްވަމުންނެވެ. އޭގެ ކުރިން ނޭޓޯގެ ލީޑަރުންގެ ސަމިޓްގައި ވެސް ބައިވެރިވެ ވަޑައިގަތެވެ.
މި މަސައްކަތްތަކުގެ ކުރިން ބައިޑެން ވަނީ އޭބީސީ ނިއުސް ނެޓްވޯކަށް ބަހުސްގެ މައްސަލައިގައި އިންޓަވިއުއެއް ދެއްވައިފަ އެވެ. އެކަމަކު އޭގައި ދެއްކެވި ވާހަކައިން ވެސް ޕާޓީތެރޭ އޮތް ކަންބޮޑުވުމާއި ހާސްކަން ފިލައިގެންނެއް ނުދެ އެވެ.
ބައިޑެން ވިދާޅުވަމުން ގެންދަވަނީ ބަހުސްގައި އެހެން ދިމާވީ ރޯގާ ޖެހި ވަރަށް ބޮޑަށް އާލާސްކަންފުޅާ ހުންނެވުމުން ކަމަށާއި ޓްރަމްޕް ބަލިކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު 2020 ގައި ވެސް ޓްރަމްޕް ބަލިކުރީ. އަދި 2024 ގައި ވެސް އަނެއްކާ ޓްރަމްޕް ބަލިކުރާނަން،" ކެމްޕެއިންގެ ސޯޝަލްމީޑިއާ އެކައުންޓްތަކުގައި ކުރެއްވި ޕޯސްޓެއްގައި ބައިޑެން ވިދާޅުވެފައިވެ އެވެ.
އެކަމަކު ގާނޫނު ހަދާ މަޖިލީހުގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލްކުރައްވާ ފަސް މެންބަރަކު މިހާތަނަށް ވަނީ ބައިޑެން ރިޔާސީ ރޭހުން ވަކިވެވަޑައިގެން އެހެން ބޭފުޅަކަށް ފުރުސަތު ދިނުމަށް ގޮވާލައިފަ އެވެ.
ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މައިނޯރިޓީ ލީޑަރު ހަކީމް ޖެފްރީސް ވަނީ މި މައްސަލައިގައި ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނާ އެކު ބައްދަލުވުމެއް ބާއްވަން ނިންމަވައިފަ އެވެ. މިއީ މި ވަގުތު ކުރިއަށް ދާން އެންމެ ރަނގަޅު ގޮތައް ހޯދުމާ މެދު މަޝްވަރާކުރުމުގެ ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަނެއްކޮޅުން ބައިޑެންގެ އަނބިކަނބަލުން ޖިލް ގެންދަވަނީ ބައިޑެން ރިޔާސީ ރޭހުގައި ހުންނެވުމަށް ބާރު އަޅުއްވައި ކެމްޕެއިން އިވެންޓްތައް ރާއްވަވަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލީ
08 July 2024
ހުމްމް. ކިޔޭ ނުކިޔޭ ނޭންގުނަސް ވެރިކަމުގަ ރަނގަޅަށް ބަގުޑި ބެއްދޭތޯ ބަލާތި