ރިޕޯޓް

ކުށްވެރިންނަށް އިސްތިއުނާފްގައި ކަފާލާތު ދިނުން: ރަނގަޅު ބަދަލެއްތަ؟

ކުށްވެރިންތަކެއް ޖަލަށް ގެންދަނީ: ކުށްވެރިންނަށް އިސްތިއުނާފް މަރުހަލާ ނިމެންދެން ކަފާލާތު ދެވޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި --- ފޮޓޯ/ކަރެކްޝަންސް

ކުށް ސާބިތުވެފައި ތިބޭ ބޮޑެތި ކުށްވެރިން ޕެރޯލް ނުވަތަ ކްލެމެންސީގެ ތެރެއިން މުޖުތަމައުގެ ތެރެއަށް ކުރިން ދޫވެފައި ހުރީ ހަމައެއްލަމައެއް ނެތި އެވެ. ފުލުހުންނާއި ދައުލަތުގެ ވަކީލުންނާއި ކޯޓުތަކުން އެތައް ވަގުތެއް ހޭދަކޮށްގެން ކުށްވެރިންގެ މައްޗަށް ބޮޑެތި ހުކުމްތައް އިއްވާތާ ދެތިން މަސް ތެރޭގައި އެ މީހުން މުޖުތަމައުގެ ތެރޭގައި މިނިވަންކަމާ އެކު އުޅެ، އިތުރު ކުށްތަކަށް އަރައިގަންނަނީ ނިޒާމުގެ ތެރެއިން ނުހައްގުން އެ މީހުން ދޫކުރާތީ އެވެ.

ނަމަވެސް އޭގެ އަނެއްކޮޅުގައި އޮތީ ކުށެއް ނެތި، ނަމަވެސް ނިޒާމުގެ ތެރެއިން ޖަލު ހުކުމްތައް އަންނަ މީހުންނެވެ. އެފަދަ މީހުން ހުކުމާ އެކު، ކޯޓުން ނެރެގެން ވަގުތުން ޖަލަށް ގެންދާ ހިސާބުން ދިރިއުޅުމުގެ ހުރިހާ ކަމެއްހެން ހުއްޓެ އެވެ. އޭގެ އަހަރުތަކެއް ފަހުން އިސްތިއުނާފް މަރުހަލާގައި ކުށެއް ނެތްކަން ސާބިތުވެގެން މައްސަލަ ނިމޭއިރު، ހުކުމް އޮންނަނީ ތަންފީޒުކޮށް ނިމިފަ އެވެ. ނަމަވެސް އޭގެ ސަބަބުން ދިރިއުޅުމުން ގެއްލުނު ދުވަސްތަކާއި ގެއްލިގެން ފުރުސަތުތައް އިއާދަ ކުރެވޭނެ ގޮތެއް ނެތެވެ.

ރާއްޖޭގައި ޖިނާއީ މައްސަލަތަކުގައި އަބަދުވެސް އަމަލުކުރާ އުސޫލަކީ ކުށް ސާބިތުވުމާ އެކު، ވަގުތުން ހުކުމް ތަންފީޒު ކުރަން ފެށުމެވެ. ސިޔާސީ ބޭފުޅުންނަށް ހުކުމުގެ މުއްދަތުގައި ގޭ ބަންދުގައި ތިބުމުގެ ނަސީބު ލިބުނަސް، އާންމު ރައްޔިތެއް ނަމަ އިސްތިއުނާފް މަރުހަލާ ނިމޭނެ ޒަމާނަކުން ނިމިގެން ނޫން ގޮތަކަށް ޝަރުއީ ނިޒާމުގެ ތެރެއިން އެ މީހަކަށް ކުޑަ ނަމަވެސް ލުޔެއް ނުދެވެ އެވެ. އޭގެ އެއް ސަބަބަކީ ރާއްޖޭގައި މިހާތަނަށް އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދިނުން [ޕޯސްޓް ކޮންވިކްޝަން ބެއިލް] ގެ ނިޒާމެއް ނެތުމެވެ.

"ހުރިހާ ކަމެއް ގުރުބާން ކޮށްގެން ޖަލުގައި ހުންނަތާ ދެ ތިން އަހަރު ފަހުން އިސްތިއުނާފް އެބަ ނިމޭ އޭނާގެ ކުށެއް ނެތް ކަމަށް. އޭރު މި އޮންނަނީ ހުރިހާ އެއްޗެއް ގެއްލިފައި."

މި އުސޫލު ބަދަލުކޮށް، ކުށްވެރިންނަށް އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދެވޭ ގޮތަށް ފުރަތަމަ ފަހަރަށް ގާނޫނަށް އިސްލާހު ގެންނަން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. ޖިނާއީ އިޖުރައާތުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައިވާ ގޮތުން އިސްތިއުނާފް މަރުހަލާ ނިމެންދެން ކަފާލާތު ދެވޭނީ އެގޮތަށް އެދޭ ކޮންމެ މައްސަލައެއް ވަކިވަކިން ބެލުމަށް ފަހު އެވެ. އެކަމަކު، ޖިނާއީ ބޮޑެތި ކުށްތަކުގައި ކަފާލާތު ނުދެވޭނެ ކަމަށް އެ އިސްލާހުގައި ވެ އެވެ. މާނައަކީ އާދައިގެ ކުށްތަކުގައި އިސްތިއުނާފް މަރުހަލާ ނިމެންދެން އެ ހުކުމްތައް ތަންފީޒުކުރަން ޖަލަށް ދާން ނުޖެހި މަޑުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ކުށްވެރިންނަށް ކަފާލާތު ދިނުން މުހިންމު ތަ؟

ޕޯސްޓް ކޮންވިކްޝަން ބެއިލަކީ ކުށް ސާބިތުވެ، ޖަލު ހުކުމެއް އައިސްފައިވީ ނަމަވެސް އިސްތިއުނާފް މަރުހަލާ ނިމެންދެން ކޯޓުން ކަނޑައަޅާ ވަކި ޝަރުތުތަކާ އެކު، އެ މީހަކު މިނިވަންކޮށް ބެހެއްޓުމެވެ. އޭގެ ބޭނުމަކީ އެ ހުކުމެއްގެ ސައްހަކަން ކަށަވަރު ވަންދެން ހުކުމް ތަންފީޒު ނުކޮށް މަޑުކުރުމެވެ. ބައެއް ގައުމުތަކުގައި މި ބާވަތުގެ ކަފާލާތަކީ އިސްތިއުނާފް މަރުހަލާ ނިމެންދެން އޮޓަމެޓިކުން ލިބޭ އޮންނަ ހައްގެކެވެ. އަނެއް ބައި ގައުމުތަކުގައި މިގޮތަށް ކަފާލާތު ދެވެނީ އެގޮތަށް އެދޭ ކޮންމެ މައްސަލައެއް ވަކިވަކިން ބެލުމަށް ފަހު އެވެ.

މިގޮތަށް ކަފާލާތު ދޭ ސަބަބަކީ މީހެއްގެ މައްޗަށް ޖަލު ހުކުމެއް ނުވަތަ ގޭ ބަންދުގެ ހުކުމެއް އައުމަކީ އެ މީހެއްގެ އެތައް ހައްގަކާއި އެތައް ބަޔަކަށް އޭގެ އަސަރުކުރާ ކަމަކަށް ވާތީ އެވެ. މިސާލަކަށް ވަޒީފާ އާއި އާއިލާ އާއި އެހެން ވެސް ޒިންމާތައް ގުރުބާން ކުރުމަށް ފަހު، އިސްތިއުނާފް މަރުހަލާގައި އެ މީހަކީ މައުސޫމް މީހެއްކަން ފަހުން ސާބިތުވާއިރު، ދިރިއުޅުމުގެ ހުރިހާ ކަމެއް އަލުން ސުމަކުން ފަށަން ޖެހުމަކީ އިޔާދަ ނުކުރެވޭނެ ގެއްލުމެކެވެ. އަނެއްކޮޅުން ނުހައްގުން ޖަލުގައި ހޭދަކުރި ދުވަސްތަކަށް ލިބޭނެ ބަދަލެއް ރާއްޖޭގެ ނިޒާމުގައި މިހާތަނަކަށް ނެތެވެ.

ރައްޔިތުންގެ މަޖިލިސް --- ފޮޓޯ/މިހާރު

ރާއްޖޭގައި މީގެ ކުރިން ބައެއް މައްސަލަތަކުގައި މީހުންގެ ކުށެއް ނެތް ކަމަށް އިސްތިއުނާފް މަރުހަލާގައި ނިމޭއިރު، އޮންނަނީ ހުކުމް ތަންފީޒުކޮށް ނިމިފަ އެވެ. އަނެއް ބައި މީހުންގެ އިސްތިއުނާފް ޝަރީއަތް ނުފެށެނީސް ހުކުމް ތަންފީޒުކޮށް ނިމިފައި އެބަހުއްޓެވެ. މިސާލަކަށް، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ހަ މަހަށް ޖަލަށްލާން 2017 ވަނަ އަހަރު ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން ފެށީ އެ ހުކުމް ތަންފީޒުކޮށް ނިމުނު ފަހުންނެވެ. އޭރު މެމްބަރެއްގެ ހައިސިއްޔަތުން މަޖިލީހަށް ވަޑައިގަތުމުގެ ފުރުސަތު ވެސް މަހްލޫފަށް ގެއްލުނު އެއް ސަބަބަކީ އެ ހުކުމުގެ ސަބަބުން ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމެވެ.

ކުރިން ސިޔާސީ ބޭފުޅުންނަށް އެކަނި އޮތް ހައްގެއް

ރާއްޖޭގައި މިގޮތަށް ކަފާލާތު ލިބިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލަށްލި އިދިކޮޅު ސިޔާސީ ބޭފުޅުންނަށް އެކަންޏެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އޭރުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ޖަލު ހުކުމްތައް އިއްވާފައި ވަނިކޮށް، ހައި ކޯޓުން ކުއްލި ގޮތަކަށް އިސްތިއުނާފް ނިމެންދެން އެ ބޭފުޅުން ކަފާލާތުގެ ދަށުން މިނިވަންކުރީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިމުމާ އެކު، ޖެހިގެން އައި ދުވަހު އެވެ.

"މިހާރު މި އޮންނަނީ ހުކުމް ކުރުމާ އެކު ވަގުތުން ކޯޓުން ނެރެގެން އެ މީހާ ޖަލަށް ގެންދިއުން. އެ ހެޔޮ ލޯޝަން ފުޅިއެއް ވަގަށް ނެގި މީހަކަށް ވިޔަސް."

ނަމަވެސް މި ބޭފުޅުންނަށް ކަފާލާތު ދިނުމަށް ފަހު، އޭގެ ފަހުން އަނެއްކާވެސް މިގޮތަށް ކަފާލާތު ދިނުމުގެ ދޮރު އެއްކޮށް ކޯޓުތަކުން ބަންދުކުރި އެވެ. އޭގެ ފަހުން ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމާ ގުޅިގެން ކަފާލާތަށް އެ މަނިކުފާނު އެދިވަޑައިގަތުމުން ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ފަހުން ނިންމާފައި އޮތީ ކުށް ސާބިތުވުމަށް ފަހު، އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދިނުމަކީ ރާއްޖޭގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ ރާއްޖޭގައި އިސްތިއުނާފް މަރުހަލާގައި ކަފާލާތު ހުއްދަވީ އެންމެ ދުވަހަކަށެވެ.

ނަތީޖާއަކަށް ވަނީ ގާނޫނީ ގޮތުން ކިތަންމެ ބޮޑު ގޯހެއް ފެންނަން އޮތް ނަމަވެސް، އިސްތިއުނާފް މަރުހަލާ ނިމެންދެން ޖަލުގައި ތިބެން ޖެހުމެވެ. މިއީ އޭގެ ސަބަބުން ބައެއް ހާލަތްތަކުގައި ފާޅުކަން ބޮޑު ބޭ އިންސާފުތަކެއް ކުރިމަތިވެދާނެ ކަންތައްތަކެކެވެ. ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ނިންމާފައިވަނީ ގާނޫނެއް ނެތީސް، ކޯޓުތަކުން އަމިއްލަ އަށް އެގޮތަށް ކަފާލާތު ދޭން ފަށައިފި ނަމަ އެކި މައްސަލަތަކުގައި ތަފާތު ކުރެވި، ނުބައި ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

އިސްތިއުނާފް މަރުހަލާގެ ކަފާލާތުން އެތައް ކަމަކަށް ހައްލު

ގާނޫނީ ބޭފުޅުން ވެސް ވިދާޅުވާ ގޮތުން އިސްތިއުނާފް މަރުހަލާގައި ކަފާލާތުގެ ދޮރު މިހާތަނަށް ވެސް ބަންދުވެފައި އޮތުމުގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ. ގާނޫނީ ގޮތުން ކިތަންމެ ބުރަދަން ހުރި މައްސަލައެއް ކަމަށް ވިޔަސް، އިސްތިއުނާފް މަރުހަލާތައް ނިމެން އެތައް އަހަރެއް ނަގާއިރު، ފަހުން އެ މީހެއްގެ ކުށެއް ނެތްކަން ސާބިތުވިޔަސް ގެއްލުނު ދުވަސްތައް އިޔާދަ ނުކުރެވޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

"މިހެން ހެދީމަ ޖަލުތައް ތޮއްޖެހުން ވެސް ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ."

"އިސްލާހުވެ، ވަޒީފާއެއް ހޯދައި، ދިރިއުޅުމެއް ފަށާތާ އެތައް އަހަރެއް ފަހުން ބޮޑެތި ޖަލު ހުކުމް އެބަ އާދޭ މާ ކުރީގެ މައްސަލަތަކުގައި. ހުކުމް އައީމާ ހުރިހާ ކަމެއް ގުރުބާން ކޮށްގެން ޖަލުގައި ހުންނަތާ ދެ ތިން އަހަރު ފަހުން އިސްތިއުނާފް އެބަ ނިމޭ އޭނާގެ ކުށެއް ނެތް ކަމަށް. އޭރު އަނެއްކާވެސް މި އޮންނަނީ ހުރިހާ އެއްޗެއް ގެއްލިފައި،" ޖިނާއީ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާ ވަކީލަކު ވިދާޅުވި އެވެ.

"މިކަމާ ހެދި ކުށުގެ ވެށްޓަށް އަލުން އެނބުރި ދާ މީހުން ވެސް މަދެއް ނޫން."

ކަރެކްޝަންސްގެ އޮފިސަރެއް --- ފޮޓޯ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި އިސްތިއުނާފް މަރުހަލާގައި ކަފާލާތުގެ ނިޒާމެއް ގެންނަ ނަމަ ރަނގަޅު ގޮތަކީ އާދައިގެ ކުށްތަކުގައި އިސްތިއުނާފް މަރުހަލާ ނިމެންދެން އޮޓަމެޓިކުން ކަފާލާތު ދެވޭނެ ގޮތަށް ހެދުމެވެ. އޭރުން ޖަލުތައް ތޮއްޖެހުމާއި ހަރަދުތައް ބޮޑުވުން ފަދަ އެތައް މައްސަލައަކަށް ވެސް ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި އޮންނަނީ ހުކުމް ކުރުމާ އެކު، ވަގުތުން ކޯޓުން ނެރެގެން އެ މީހާ ޖަލަށް ގެންދިއުން. އެ ހެޔޮ ލޯޝަން ފުޅިއެއް ވަގަށް ނެގި މީހަކަށް ވިޔަސް. އެކަމަކު އެންމެ ރަނގަޅު ގޮތަކަށް ވާނީ މިފަދަ ކުދި ކުށްތަކުގައި އޮޓަމެޓިކުން އިސްތިއުނާފް މަރުހަލާގައި ކަފާލާތު ލިބޭ ގޮތް ހެދުން،" ކުރިން ވާހަކަ ދެއްކެވި ވަކީލް ވިދާޅުވި އެވެ.

"އެއީ އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތު ލިބޭ ގޮތަށް ހުކުމް ތަންފީޒު ނުކޮށް މަޑުކޮށްލުން. މިހެން ހެދީމާ ޖަލުތައް ތޮއްޖެހުން ވެސް ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ."

މީގެ ސަބަބުން، ނުހައްގު ހުކުމެއް ކަމަށް ބުނެ، ކުރިމަތިވާ ފާޑުކިޔުންތައް މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިގޮތަށް ކަފާލާތު ދިނީމާ ދެން ވަރަށް ފުރުސަތު ކުޑަވާނެ ނުހައްގުން ކުރި ހުކުމެކޭ ނުހައްގު ނުވަތަ ހަރާން ހުކުމެއްގައި ބަންދު ކުރީއޭ ބުނެ ވާހަކަ ދައްކާކަށް. އޭރުން ޖަލަށް ދާން ޖެހޭއިރު އޮންނާނީ އެ ހުރިހާ މަރުހަލާއެއް ނިމި، އޭނާއަކީ ކުށްވެރިއެއް ކަން ޔަގީން ވެފައި،" އޭނާ ވިދާޅުވި އެވެ.

އިސްތިއުނާފް މަރުހަލާގައި ކުށްވެރިންނަށް ކަފާލާތު ދެވޭ ގޮތަށް ހެދުމަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކުރިމަތިވާ ގިނަ ބޭ އިންސާފުތަކަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސްދޭނެ ކަމެކެވެ. އޭގެ ސަބަބުން ދައުލަތުގެ އެތައް ވަސީލަތްތަކާއި ހަރަދުތައް ސަލާމަތް ކުރުމުގެ ފުރުސަތު ވެސް އެބަ ލިބެ އެވެ.

12 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 17%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މައްސަލަ

18 July 2024

މައްސަލަ ލަސްކުރާ ޤާޒީން ބޭރުކުރަންވީ. 2 އަަހަރު އެބަނަގާލަ އަޑުއެހުމަކަށް

The name is already taken The name is available. Register?

އިންކަމް ޖެނެރޭޓަރު

18 July 2024

ސަރުކާރަށް އިންކަމް ހޯދުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެއް.. މިސް ޔޫސް ނުކޮށް ކުރިއަށް ގެންދާތި

The name is already taken The name is available. Register?

ބެއިލް

18 July 2024

ތިޔަ ގާނޫނު ހަދާއިރު ނަންބެލަބަލް އޮފެންސަސް ހުންނަންވާނެކަން ދަންނަންވާނެ. މިހާރުވެސް މިގައުމުގަ ކުށްކުރުން ގިނަކަމުން ކުށްކުރުން އޮބިނޯވެގެން މިއުޅެނީ. ތަރައްޤީވެފަވާ ގައުމުތަކުގަވެސް ބެއިލް ނުލިބޭ ކުށްތައް ހުންނާނެ. ތިކަމުގެ ސަބަބުން މުޖުތަމައުގަ ކުށްކުރުން ގިނަވެގެން ނުވާނެ.

The name is already taken The name is available. Register?

އަބްޑޫޅް +

18 July 2024

"ނަންބެލަބަލް" އޭ؟ މާތްވެގެންވާ އިގިރޭސި ދައުލަތުގެ މާތްވެގެންވާ އިގިރޭސި ބަސް ކަލޭމެންނަށް ދަސްކޮށްދިނީ ތަމަޅައިންތަ؟ އެ ބަހަކީ "ނޮން-ބެއިލަބްލް".

The name is already taken The name is available. Register?

ކޮރަލް

18 July 2024

ފުރަތަަ ކުރަން ވީ ކަމަކީ ޖަލުގައި ހުކުމް ތަންފީޒަ ކުރާ މީޙުންނަށް މަސައްކަތް ކޮށް ފައިސާ ލިބޭނެ ގޮތެއް ހަދަން ވީ އެވެ. ސަރުކާރާ އަދި ކުއްވެރިޔާ އަށް ވެސް ފައިދާ ވާނެ އެވެ. ސަރުކާރުން ބޮޑު ހަރަދއް

The name is already taken The name is available. Register?

ރަނގަޅު އެއްގޮތްވެސް ނެތް

18 July 2024

ހުރިހާވެސް މައްސަލައަކީ ތަޙުޤީޤު ކުރުމުގައި ހުރި ދޯދިޔާކަން. ތަޙުޤީޤު ފުރިހަމަ ނަމަ އިސްތިޢުނާފު މަރުޙަލާ ނިމޭއިރުވެސް އެ ޙުކުން އެގޮތުގައި ތަންފީޒު ކުރަންޖެހޭނެތާ. އެހެންވީމާ އަސްލު ކުއްވެރިއަކު ޖަލުގައި ބެހެއްޓުމާ އަވަހަށް ހުކުން ގުނާ ނިމުމަކީ ރަގަޅުކަމެއް. އެންމެ ބޮޑު ބޭ އިންސާފަކީ، ތަޙުޤީޤު ނުވަތަ ދަށުކޯޓުގެ ނިންމުން ކަޑަވެގެން މީހާ ކުށެއްނެތްކަމަށް ނިމުމުން ދެން އެމީހާ އެހުރިހާ ދުވަހަކު ޖަލުގައި ބަންދުގައި ބެހެއްޓުމުގެ ބޭ އިންސާފު.

The name is already taken The name is available. Register?

ނުފޫޒުވެސް

18 July 2024

ތަޙުޤީޤުގެ ދޯދިޔާކަންވެސް އެބަހުރި. އެކަމަކު ހުރިހާވެސް މައްސަލައަކީ ތަޙުޤީޤު ދޯދިޔާ ވުމޭ ބުނެވޭކަށް ނެތް. ތަޙުޤީޤުގެ އެއްވެސް މައްސަލައެއް ނުޖެހި ހުރި އެތައް މައްސަލައެއްވެސް ކޯޓުން ނިމޭއިރު ތިން ހަތަރު އަހަރު ދިގުދެމިގެން ގޮސްފަ އެބަހުރި. އަދި ތަފާތު ނުފޫޒުތަކުގެ ސަބަބުން މައްސަލަތައް ބަދަލުވެގެން ދާކަމަށްވެސް ފާހަގަކުރެވޭ. ބޮޑެތި ކުށްތަކުގައި ހިމެނޭ މީހުންގެ ފަރާތުން ތަފާތު ނުފޫޒުތައް ފޯރުވާ ހެކިންނަށާއި ފަނޑިޔާރުންނަށްވެސް ނުފޫޒު ފޯރުވާ.

The name is already taken The name is available. Register?

ބުރަތޭރީ

18 July 2024

ރަނގަޅުކަމެއް. ނަމަވެސް ކަފާލާތު ދެވޭމީހުންގެ ތެރޭގައި ކުރިން ކުށުގެ ރެކޯޑް އޮންނަމީހުންނާއި ، ކުށެއް އެއްފަހަރަސްވުރެ ގިނަފަހަރު ތަކުރާރުވާމީހުންނާއި، ގިނާއީ ކުށްތަކާއި ، މަސްތުވާތަކެއްޗާއި، މާރާމާރީއާއި މުދަލަށް ގެއްލުންދޭ ފަރާތްތަކަށް ކަފާލާތުގެ ދަށުން މުޖުތަމައަށް ދޫވެގެންދިއުމަކީ، މުޖުތަމައު އިތުރު ނުރައްކަލަކަށް ހޫށަހެޅިދާނެ ކަމެއް.

The name is already taken The name is available. Register?

ފަރިވާގެ

18 July 2024

98% މީހުންނަށް ކަފާލާތުގެ ޝަރުތުތަކުގެ މަތީގައި ނުތިބެވޭނެ. އެއީ ރާއްޖޭގައި ކުށްކުރަނީ ދާދި އެއްބައެއް. އޭން ކޮންމެ މީހަކީ އެތައް ފަހަރަކު ތަކުރާރުކޮށް ކުށްކުރާ މީހުން. އެމީހުނަކަށް ނުތިބެވޭނެ ކުށެއްކޮށް ނުލައެއް. ތީން ކޮންމެ މީހަކުވެސް ކަފާލާތުގެ ދަށުން ދޫކޮށްލެވޭނީ 1 ފަހަރު. 24 ގަޑިއިރު ނުވަނީސް އެހެން ކުށެއް ކޮށްގެން އެމީހުން ހައްޔަރު ކުރަން ޖެހޭނެ. ދެން ކަފާލާތުގެ ދަށުން ދޫކުރުމުގެ ފުރުޞަތެއް ނޯންނާނެ.

The name is already taken The name is available. Register?

ވާނުވާ ނޭގިފާ

18 July 2024

ރަނގަޅު ކަމެއް. ވާނުވާ ބަންދުވެސް އިސްލާހުކުރޭ.

The name is already taken The name is available. Register?

ގުދުގުދުލީބެއްޔާގެ ތެދުބަސް

18 July 2024

ރާއްޖެފަދަ ފޫގޮއްސާއޮންނަ ގައުމެއްގާ ކަފާތުކުރުމަށްވުރެ "ވާނުވާ" ނޭންގުންވެސް މާ ރަނގަޅު.

The name is already taken The name is available. Register?

ވަރައްވާހަކަ

19 August 2024

މަސްތުވާތަކެއްޗާއި، މާރާމާރީއާއި މުދަލަށް ގެއްލުންދޭ ފަރާތްތަކަށް ކަފާލާތުގެ ދަށުން މުޖުތަމައަށް ދޫވެގެންދިއުމަކީ، މުޖުތަމައު އިތުރު ނުރައްކަލަކަށްވާ އިރު ހެއްކާ އެއްކޮށް ގެންގޮސް ވެސް ނުނިންމޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454