އެމެރިކާގެ ރައީސް ޖޯ ބައިޑެން: އޭނާ ގެންދަވަނީ ރިޔާސީ ރޭހުން ވަކިވުމުގެ ގޮވާލުންތަކަށް ދެކޮޅުހައްދަވަމުން. -- ފޮޓޯ: އޭއެފްޕީ
21 ޖުލައި 2024 - 05:35
އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ ރޭހުން ވަކިވެވަޑައިގެން، އެހެން ބޭފުޅަކަށް ފުރުސަތު ދެއްވުމަށް އޭނާގެ ޑިމޮކްރެޓިކް ޕާޓީ ތެރެއިން ގޮވާލާ މީހުންގެ އަދަދު ގިނަވެ ޕްރެޝަރު ބޮޑުވެފައި ވަނިކޮށް ބައިޑެން އަނެއްކާވެސް ރައްދު ދެއްވައިފި އެވެ.
ނޮވެމްބަރު މަހު އޮންނަ އިންތިހާބުގެ ކެމްޕެއިންގައި އުޅުއްވަނިކޮށް ކޮވިޑަށް ޕޮޒިޓިވްވެ މިހާރު ގޭގައި އެކަހެރިކޮށްފައިވާ 81 އަހަރުގެ ބައިޑެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފުރުސަތު ބޮޑު ކަމަށާއި އިންތިހާބުކުރަންވީ ކާކުކަން ސާފުކޮށް އެނގޭ ކަމަށެވެ،
"ފުރުސަތު ބޮޑު، ހޮވަންވީ ކާކުކަން ސާފުކޮށް އެނގޭ. އަހަރެމެން އެންމެން އެކީ ނުކުމެ މިކަން ކާމިޔާބުކުރާނަން،" ބައިޑެންގެ ބަޔާނުގައިވެ އެވެ.
ކޮވިޑްގެ އަލާމާތްތައް މިހާރު ކުޑަވެފައިވާ ކަމަށާއި އަންނަ ހަފްތާގައި އަލުން ކެމްޕެއިން ފެށޭނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
ރިޕަބްލިކަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ބޭއްވި ރިޔާސީ ބަހުސްގައި ބައިޑެންއަށް ކުރިމަތިވި ލަދާ އެކު އޭނާ އިންތިހާބުގައި ވާދަ ނުކުރުމަށް ގޮވާލާ އަޑު ކުއްލިއަކަށް ގަދަވި އެވެ. އަދި މިހާރު ޕާޓީ ތެރެއިން، ގާނޫނު ހަދާ މަޖިލީހުގެ ދެ މެންބަރަކު ވެސް ފާޅުގައި ބައިޑެންއާ ދެކޮޅަށް ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.
ޕާޓީގެ ބޭރުން، ޕާޓީއަށް ފަންޑުކުރާ އެކި ފަރާތްތަކުން ވެސް ބައިޑެންގެ ގާބިލްކަމާ މެދު ސުވާލު އުފައްދައި ބައިޑެން އެއްފަރާތަކަށް ޖެހިވަޑައިގަތުމަށް ދަނީ ގޮވާލަމުންނެވެ.
ޓްރަމްޕަށް އިންތިހާބު ކާމިޔާބުވެދާނެ ކަމުގެ ކަންބޮޑުވުން ޑިމޮކްރެޓުންގެ ތެރޭގައި އޮތް އިރު އެންބީސީ ނިއުސް ނެޓްވޯކުން ވަނީ ބައިޑެންގެ އާއިލާއިން ވެސް މިކަމާ މެދު މަޝްވަރާކޮށް ބައިޑެން ރިޔާސީ ރޭހުން ވަކިވެއްޖެ ނަމަ ދެން ވާނެ ގޮތަކާ މެދު މަޝްވަރާކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު އާއިލާއިން އަދި ވަކި ގޮތެއް ނުނިންމާ ކަމަށްވެ އެވެ.
ބައިޑެން ވަކިވެވަޑައިގެންފި ނަމަ ރިޔާސީ ކެންޑިޑޭޓަކަށް ވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ނައިބު ރައީސް ކަމަލާ ހެރިސް ހުކުރު ދުވަހު ވަނީ ޕާޓީއަށް ފަންޑުކުރާ މީހުންނާ އެކު ކުއްލި ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާނާޝީޒު
21 July 2024
ޑިމޮކްރެސީ ކިޔަވާން މިޖެހެނީ މިވެރިން އަތުން، ދެން ވާނެގޮތްވިސްނ
ހެހެ.
21 July 2024
ސަންދޯކަށް އަޅާއިރުވެސް ބުނާނެ އަދި މަބޭނުމޭ އެއްދައުރު.