ހަޔާ އެޑިއުކޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މާރިޔާ ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު
29 ޖުލައި 2024 - 14:57
ކޮލެޖްތައް ޔުނިވާސިޓީއަކަށް ބަދަލުކުރުމުގައި އެތަނެއް ހިންގާ މުއްދަތަށް ވުރެ ބޮޑަށް ފެންވަރު ރަނގަޅު ތައުލީމް ފޯރުކޮށްދޭތޯ ގާނޫނުގައި ކަށަވަރުކުރުން މުހިއްމު ކަމަށް ރާއްޖޭގެ މަތީ ތައުލީމާ ގުޅޭ އިދާރާތަކުން މިއަދު ބުނެފި އެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން، ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭނީ ކޮލެޖެއް ގޮތުގައި މެދުނުކެނޑި ހިންގާތާ 20 އަހަރު ވުމުންނެވެ. އެކަމަކު މި މުއްދަތު ކުރުކޮށް، މެދުނުކެނޑި ހިންގާތާ 15 އަހަރުވެފައިވާ ނަމަ ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ހަދަން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވަނީ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފަ އެވެ.
މި މައްސަލަ ދިރާސާކުރަަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވުމުން، ބާއްވާ ބައްދަލުވުންތަކަށް މިއަދު ވަނީ ކަމާގުޅޭ އިދާރާތައް ހާޒިރުކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ ވަކި މުއްދަތެއް ވުމުން، އެތަނެއް ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ހެދުމަކީ އެންމެ އެދެވޭ ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. މުއްދަތަށް ވުރެން މުހިއްމީ އެތަނުގައި ފެންވަރު ރަނގަޅު ތައުލީމެއް ދިނުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުން ހުރީ 15 އަހަރަކީ ކޮލެޓީ ތައުލީމުދޭ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ނަމަ [ޔުނިވާސިޓީއަކަށް ބަދަލުކުރަން] ވިސްނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ގާނޫނުގައި މުއްދަތެއް ކަނޑައަޅާ ނަމަ މުހިއްމު ކަމެއްގެ ގޮތުގައި، މިނިސްޓަރު ވިދާޅުވީ، މަތީ ތައުލީމާއި ތަމްރީނު ދިނުމުގައި ކޮލެޓީ ހިފަހައްޓަން ބާރުއަޅާ ގޮތަށް އިސްލާހު ގެންނަން ޖެހެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މިނިސްޓްރީން ބޭނުން ވަނީ ރާއްޖޭގެ އިންސްޓިޓިއުޓްތަކަކީ ކޮލެޓީ ތަންތަނަށް ހެދުމަށެވެ.
ހަޔާ އެޑިއުކޭޝަންގެ މި ހުށަހެޅުންތަކަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ވެސް ތާއީދު ކުރި އެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރު އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ ކޮލެޖެއް، ޔުނިވާސިޓީއަކަށް ބަދަލުކުރާ ނަމަ ކިޔަވައިދޭ ކޯސްތަކުގެ 70 ޕަސެންޓް ވާން ޖެހޭނީ އެތަނެއްގެ އަމިއްލަ ކޯސްތަކަށް ކަމަށެވެ. އަދި އެތަނެއްގައި ކިޔަވައިދިނުމުގެ ޒިންމާއާ ހަވާލުވެ ތިބެން ޖެހޭނީ ދާއިމީ މުވައްޒަފުންނަށް ވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ވައިސް ޗާންސެލަރު އައިޝަތު ވަހީދާ ވިދާޅުވީ 15 އަހަރުން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ގާނޫނަށް ހުށަހަޅަން އުޅޭ އިސްލާހާ މެދު އެތަނުގެ ހިޔާލު ތަފާތު ކަމަށެވެ. ޔުނިވާސިޓީއެއްގެ ގޮތުގައި ހިންގަން އެންމެ ރަނގަޅު މުއްދަތަކީ 20 އަހަރު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ގެނެސްފައިވާ އިސްލާހުގައި އިންޑިކޭޓާ ތަކެއްލާން ބުނެފައި ވާތީ، އެ ބަދަލު ގެނެސްފި ނަމަ ގާނޫނު ވަރަށް އަވަހަށް ބަދަލުކުރަން ޖެހިދާނެ،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވި ގޮތުގައި ގާނޫނަށް ގެންނަން އުޅޭ އިސްލާހާ މެދު އެ އޮތޯރިޓީން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ. ކިޔަވައިދޭތާ 15 އަހަރުވުމުން، ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ހަދަން އެ އޮތޯރިޓީން ތާއީދު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ކިޔަވައިދިނުމުގެ ހާލަތަށް ރިއާޔަތްކޮށް އަހަރު މުހިންމު. އަޅުގަނޑު މި ސަޖެސްޓު ކުރަނީ ކުރިން އޮތް ގޮތަށް 20 އަހަރުގެ ގޮތުގައި ބާއްވަން. ނުވަތަ 15 އަހަރު ހަމަވުމުން ދެން އަންނަ ފަސް އަހަރަކީ ޔުނިވާސިޓީއަކަށް ބަދަލުވާން ދެން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރާ އަހަރުތަކަށް ހަދަން،" ފިޒާނާ ވިދާޅުވި އެވެ.
ކަމާ ގުޅޭ އިދާރާތަކުގެ މި ހިޔާލުތައް އަޑު އެހުމަށް ފަހު މިއަދުގެ ކޮމިޓީ ނިންމާލީ އެހެން މުއައްސަސާތަކާ އެކު ވެސް އިތުރަށް މަޝްވަރާކޮށްގެން ގޮތެއް ނިންމަން އެއްބަސްވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބިއްޓެ
30 July 2024
ވިލާ ކޮލެޖަށް 17 އަހަރު ވެފައިވާތީ، އަވަސް އަރުވާލައިގެން ޔުނިވަރސިޓީއަކަށް ހަދަނީ ތޯ
ހޯމް
29 July 2024
ރާއްޖޭގެ އަމިއްލަ އެއްވެސް ތަނަކު ތިބުނާ ފެންވަރެއް ނެތް. މާމޮޅުކަމަށް ކިޔާ ވިލާގެ ހާލަތު ފެނިއްޖެ. ހުސް އެސައިންމަންޓުން ފާސްވެވޭ. ޓެސްޓުގެ ޖަވާބު ދީފަ ޓެސްޓު ހަދަނީ. ޔުނިވާސިޓީއަށް ހަދަނީ ގާސިމު ރުއްސަން.
ރަނގަޅު
29 July 2024
ޔުނިވަރސިޓީ އަކަށް ވާން އެކަށީގެންވާ ޖާގަ ހުންނަންޖެހޭ. ކޮލެޓީ ހުންނަންޖެހޭ. މީސްމީހުންގެ އެޕާރޓްމަންޓަށް ވަދެވޭ ފީލްގައި ޔުނިވަރސިޓީ ހަދައިގެން ފައިދާއެއް ނުވާނެ. ދެން އޮތް ސުވާލަކީ ޕްރައިވެޓް ކޮލެޖުތަކަށް ޔުނިވަރސިޓީއަކަށް ވާން ހަމަ ފުރުޞަތު ދޭންޖެހޭތޯ؟ ކޮލެޖުތައް ޕްރައިވެޓް ވާވަރަކަށް ފައިސާއަށް ބޮޑަށް މިބެލެނީ. އެޑިއުކޭޝަން އެވަރަަށް ފައިސާއަށް ދިއުމުން ކޮލިޓީ ރަނގަޅުކުރެވޭނެ މަގު އެބަ ބަންދުވޭ. ވީމާ މިހާރު ހުރި ޔުނިވަރސިޓީތައް ފުދޭ އަދި.
ހުސޭނުުބެ
29 July 2024
ރާއްޖޭގައި ކޮލެޖްތަކުގެ ގޮތުގައި ހިންގާ ތަންތަނުގައި ވަރަށްފެންވަރު ދަށް. ހިދުމަތްތައް ގާއިމްކޮށްފައި ނުހުރޭ. ހަމަ ހުސް ފޭކް ސެޓްފިކެޓް ވިއްކާ ތަންތަން. ހިންގަމުންދަނީ މީސްމީހުންގެ ގޭގޭގައި އެޕާޓްމެންޓުތައް ކުއްޔަށް ނަގައިގެން އެތަންތަނުގައި. މިހާލަތުގައި އެތަންތަން ހުއްޓައި 15 އަހަރުވުމުން އެތަންތަނަށް ޔުނިވާސިޓީ ދަރަޖަ ދީގެން ދިވެހިރާއްޖޭގެ އަގުވެއްޓުން ފިޔަވާ އިތުރުކަމެއްނުވާނެ. މިއީ ވަރަށް ސަކަރާތް އިސްލާހެއް.
އަބްޑޫޅް +
29 July 2024
މަރިޔަންމާރިޔާގެ ޔުނިވަރުސިޓީ އެއްކަމުގައިވި، މެސީ ޔުނިވަރުސިޓީ، ކޮލެޖަކުން ޔުނިވަރުސިޓީ އަކަށް ބަދަލުވާން 36 އަހަރުނެގި. އެއްވަނަ ދުނިޔޭގަ އެހާ ގިނަ ދުވަސް ނެގިޔަސް، ތިންވަނަ ދުނިޔޭގެ ދޮންކެޔޮ ޖުމްހޫރިއަޔަތެއްގަ ދެތިން ދުވަހުންވެސް އެކަން ވެދާނެ.
އަޑާ
29 July 2024
ރާއްޖޭގެ ތިޔަ ކޮލެޖް، ޔުނިވަރސިޓީތަކުގައި އެއްވެސް ފެންވަރެއްނުހުރޭ. ބަލަނީ ގިނަ ފައިސާ ލިބޭނެ ގޮތެއް. އަނެއްކާ %90 ކުދިން އެސައިންމެންޓްތައް ހަދަނީ އެހެންމީހަކަށް ފައިސާދީގެން. ތިޔަ ތަންތަނަށް ކިޔަވަންދާ ބަައެއް ކުދިން ކިޔަވަން ފަށާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކިޔެވުންމަތިން ފޫހިކޮށްލާ. މިހާރުވެސް ތިޔަ ތަންތަންތަނުގައި ކިޔަވާކުދިންގެ ފެންވަރު ބަލާބަލަ މިއީ ދޮގެއްތޯ؟