ސިފާމް: އޭނާ އުމުރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓާފައި
29 ޖުލައި 2024 - 14:01
ލ. މުންޑޫގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި، އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވި މީހާ 25 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
މާޗް 2015 ގައި މުންޑޫގައި ހިންގި މާރާމާރީއެއްގައި ޒިޔަދަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެ ރަށު ހީނާވިލާ މުހައްމަދު ޝަނޫނާއި އެ ރަށު ބީޗްވިލާ ސިފާމްގެ މައްޗަށެވެ. އޭގެ ތެރެއިން ޝަނޫންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ، މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވިއިރު، ސިފާމްގެ މައްޗަށް އިއްވީ އެކަމުގައި ބައިވެރިވުމުގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމެކެވެ.
އެ މައްސަލަ ސިފާމްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ސިފާމްގެ މައްޗަށް އަދަބު ކަނޑައަޅަން ޖެހޭނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށް އޭނާގެ ފަރާތުން ބުނެފައި ވިޔަސް، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް އަދަބު ކަނޑައެޅި ކަނޑައެޅުން ރަނގަޅު ކަމަށެވެ. އަދި ކުށުގައި ބައިވެރިވުން މާނަ ކުރުމުގައި ދަށު ކޯޓުން ގާނޫނުލްއުގޫބާތަށް ހަވާލާ ދިނަސް، އަދަބު ކަނޑައެޅުމުގައި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް ބެލޭނެ ކަމަށް ހުކުމުގައި ވެ އެވެ.
ހުކުމުގައިވާ ގޮތުން ޒިޔަދަމަށް ހަމަލާދޭން ފެށުމުން ސަލާމަތްވުމަށްޓަކައި އޭނާ ފިލަން ދުއްވައިގަތުމުން އޭނާގެ ގައިގައި ހިފެހެއްޓީ ސިފާމް ކަން ހެކިންގެ ބަހުން އެނގޭތީ ޒިޔަދަމްގެ މަރުގައި ސިފާމްގެ ބައިވެރިވުން އެބައޮތެވެ. އެހެންވެ، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ސިފާމް 25 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ.
ޝަނޫން މެރުމަށް ހުކުމްކުރި ނަމަވެސް އެ ހުކުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓާ ހިސާބުން އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު އަތީގު
29 July 2024
ތައުބާގެ ދޮރެއް ބަންދެއް ނުވެއެވެ. ނަމާދު ނުކުރާ މީހާ މިއަށް ވުރެ އެތައް ގުނަ ގޯހެވެ
އަހުމަދުގެ ވާތު އަތް
29 July 2024
ކަލޭތީކާކުތަ ‘މިއަށް ވުރެ އެތައް ގުނަ ގޯހޭބުނަން’؟ ކަލެ ކިހިނެއްތަ އެނގެނީ މީނާ ނަމާދުކުރާކަމެއް؟ ތުންބުޅި ދިގުވީމަތަ؟؟ އަނގަ މަޑުންލައިގެން މިސްކިތައް އަރާ ނަމާދު ކޮށްލައިގެން ހުރިއްޔާ ގައި ހިރުވަނީތަ؟؟
ވޯލް
31 July 2024
ދުނިޔޭގައި މީހަކަށް ކުރެވޭނެ އެންމެ ބޮޑު ފާފައަށް ތިޔަ ބުނަނީ ނަމާދު ނުކުރާ މީހާ މާ ގޯހޭ. ނަމާދަކީ މައިރަސްކަލާގެއަށް އޮތް ހައްގެއް އެކަލާންގެ އަކީ ދީލަތިވަންތަ ރަސްކަލާންގެ. އެކަމަކު މީހެއްގެ މަރުގެ ހައްޤު ލިބެނޭ އެމީހާގެ ވާރިސުންނަށް. އެފަދަ މަރަށް އެކަލާންގެވެސް މާފުކޮށް ނުދެއްވާ.
އަބްދުލް ޣަނީ
29 July 2024
ބޯކޮށާލާފަ ތުބުޅި ދިގުވެއްޖެ ދެއްތޯ! ސުވަރުގެ ވެރިޔަކާ ވައްތަރީ! ތައުބާ ވީކަމައް ހަދާފަ މާފުކުރޭ!
ގެދާނޯމޮސް
29 July 2024
ކުރިއަށް އޮތްރިޔާސީ އިންތިޚާބުގައި 25 އަހަރުން ސަލާމަތް ވާން ގިނަވޯޓް ލިބޭނެ ގޮތްހޯދިއްޖެނަމަ މިރާއްޖޭގައި ތީކީ ހާސްވާން ޖެހޭނެ ކަމެއްނޫނެނެވެ! 200 އެތަށް ކުށްވެރިންނެއް އެތިބީ ކުރެއްވި ހެޔޮވެރިކަމުން އާންމުންނަށް ދުއްތުރާ ކުރާވެރިއަކު މައާފު ކޯށްފައެވެ. އިންތިޚާބާ ދިމާކޮށް ގަތުލު އާންމު ގިނަވިޔަސް ސިޔާސީންނާ ގާތް އެބަޔަކަށް ލިބޭނީ 10 ދުވަހެކެވެ. ދެން އުޅޭނީ މަގުތަކުގައެވެ. މީވާ ރާއްޖެއެކެވެ!