އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަމަލާދިން ތޯމަސް މެތިއު ކްރޫކްސް: އޭނާ އަކީ މީހަކާ ގުޅިގެން ހަމަލާ ރޭވި މީހެއް ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވޭ.
30 ޖުލައި 2024 - 05:51
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާ ދިން ސަބަބެއް އަދި އެއީ ބަޔަކު އަޑީގައި ތިބެގެން ދިން ހަމަލާއެއް ކަމެއް ވެސް އަދި މިހާތަނަށް ހޯދިފައި ނުވާ ކަމަށް އެފްބީއައި އިން އިއްޔެ ބުނެފި އެވެ.
އެމެރިކާގެ މައި ތަހުގީގީ އިދާރާއިން ބުނީ މި މަހުގެ 13 ވަނަ ދުވަހު ޓްރަމްޕަށް ދިން ނާކާމިޔާބުވި ހަމަލާއާ އެކު ސީކްރެޓް ސާވިސް އިން ބަޑިޖަަހައި މަރާލި ތޯމަސް މެތިއު ކްރޫކްސް، 20، އަކީ ބަޔަކާ ގުޅިގެން ހަމަލާ ދިން މީހެއް ކަމަށް ނުބެލެވޭ ކަމަށެވެ.
އެފްބީއައި އިން ބުނީ މިހާތަނަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު ކްރޫކްސް ހަމަލާ ރޭވީ އަމިއްލައަށެވެ. އަދި މިއީ އޭނާ ލައްވާ ބަޔަކު ކުރުވި ކަމެއްގެ ގޮތުގައި ބެލެވޭނެ މައުލޫމާތެއް ވެސް ނެތް ކަމަށް ބުންޏެވެ.
އެފްބީއައިގެ ސްޕެޝަލް އެޖެންޓް ކެވިން ރޮޖެކް ވިދާޅުވީ އެ އިދާރާއިން ބަޔާންތައް ނަގަމުން ދާއިރު "ވިކްޓިމް އިންޓަވިއު" އެއް ޓްރަމްޕް ދެއްވަން މިހާރު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ކޮންމެ ތަހުގީގެއްގައި ވެސް އާންމުކޮށް ނަގާ ކަހަލަ ބަޔާނެއް ކަމަށެވެ.
"ބޭނުންވަނީ މިކަމުގައި ޓްރަމްޕަށް ވެސް ފާހަގަކުރެވު ކަންކަން އޭނާގެ ފަރާތުން ސާފުކުރުން،" އެޖެންޓް ވިދާޅުވި އެވެ.
އެފްބީއައި އިން ވަނީ ޓްރަމްޕަށް ހަމަލާދިން ކްރޫކްސްގެ އާއިލާގެ މެންބަރުންނާއި އެކުގައި މަސައްކަތްކުރި މީހުންނާއި ކުރީގެ ޓީޗަރުންނާއި އެކުގައި ކިޔަވަން އުޅުނު މީހުންގެ އިންޓަވިއުތައް ވެސް ނަގައިފަ އެވެ.
"މިހާތަނަށް އެނގުނު ގޮތުގައި އެއީ ވަރަށް ވިސްނުންތޫނު އަދި ބަރާބަރަށް ކޮލެޖަށް ގޮސް އަދި ވަޒީފާގައި ވެސް ވަރަށް ރަނގަޅަށް ދެމިހުރި މީހެއް،" އެޖެންޓް ރޮޖެކް ވިދާޅުވި އެވެ. "އޭނާ އާންމުކޮށް އެކުގައި އުޅެނީ އާއިލާގެ މީހުންނާ އެކުގައި. އެހެންވެ އޭނާގެ އެކުވެރިން ވެސް އަދި ކަންކަމުގައި އޭނާއާ ބައިވެރިވާނެ މީހުން ވެސް މަދު."
އެފްބީއައި އިން ކުރިން ބުނެފައިވާ ގޮތުގައި ކްރޫކްސް ވަނީ 1963 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭރުގެ ރައީސް ޖޯން އެފް ކެނެޑީ އަށް، ލީ ހާވީ އޮސްވާޑް ހަމަލާދީ އަވަހަރާކޮށްލި ހާދިސާގެ މައުލޫމާތު އިންޓަނެޓުން ހޯދައިފަ އެވެ.
"ޖުލައި ހަ ވަނަ ދުވަހު އޭނާ ވަނީ 'އޮސްވާޑް ހުރީ ކެނެޑީއާ ކިހާ ދުރަކު' ތޯ ބެލުމަށް ގޫގުލްގައި ސާޗްކޮށްފައި،" އެފްބީއައިގެ ޑިރެކްޓަރު މިދިޔަ ހަފްތާގައި ކޮންގްރެސްގައި ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް، ގޮވާތަކެއްޗާއި ބައެއް ރައީސުންނަށް ދީފައިވާ ހަމަލާތަކާ ގުޅޭ މައުލޫމާތު ވެސް އޭނާ އިންޓަނެޓުން ހޯދާފައި ހުރި ކަމަށް އެފްބީއައި އިން ބުނެފައިވެ އެވެ.
ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަން ހުންނަވަނިކޮށް ޓްރަމްޕަށް ކްރޫކްސް ހަމަލާ ދިނީ ކައިރީގައި ހުރި ފުރާޅެއްގެ މަތީ އޮށޯވެ އޮވެގެންނެވެ. އޭނާގެ ހަމަލާ އަމާޒުވީ ޓްރަމްޕުގެ ކަންފަތުގެ ކުޑަ ތަންކޮޅަކަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އރނަލިސްޓް
30 July 2024
އެމެރިކާގައި ހިންގާ ޖަރީމާތަކަކީ ހޮލީވުޑް ފިލްމެއް، ޑައިރެކްޓް ކުރަނީ ސަރުކާރުން، މަރުވެދަނީ ކަމާ ނުވެސް ބެހޭ މީހުން.
އެނެލިސްޓް
30 July 2024
ދެން އަދި ދިވެހިރާއްޖޭގައި ކޮންމެވެސް މީހަކަށް ދޭ ހަމަލާއެއްގެ ހަގީގަތް ނުހޯދިގެން ހައިރާންވެ ފުލުހުންގެ ގާބިލުކަމާމެދު ސުވާލުކުރާ ހިސާބަށް ކިހިނެއްދާނީ. ހުރިހާ ހަގީގަތެއް ހާމަވެ ހައްގު ކަށަވަރުވާ ދުވަހު ހުރިހާ ކަމެއް މޮޅަށް ރަނގަޅަށް ސާފުކޮށް އެނގޭނީ. އަހަރުމެން ކިތަންމެ ވަރެއް ކުރިޔަސް ނޭނގޭނެ ހުރިހާކަމެއް. ބޮޑު ފްލައިޓެއް ވަޔަށް ގެއްލުންއިރުވެސް ނޭނގުނު. މެޑެލިން މެކްލެއިން ވީތަނެއްވެސް ނޭނގެ. މެލްކޮމް އެކްސްގެ މަރުގެ ހަގީގަތްވެސް ނުހޯދޭ
ލަމްބާޑާ
30 July 2024
ޖޯން އެފް ކެނެޑީ ގެ ކޭސް އަށް ވީހެން ވާނީ. އެއީ ސީދާ ވެރިކަންކުރަންތިބި ހިޔަޅުތައް ރާވައިގެން ކުރިކަމެއް. އޮޕަރޭޝަން ފެއިލްވީމަ މުސްކުޅި ބައިޑަންބެ އެހުރީ އެއްފަރާތް ކޮށްފަ މިހާރު.
އިސްމާލި
30 July 2024
ހަމަލާ ދިން މީހާ އާއި ޔަހޫދީ ޖަމާއަތް/ކުންފުނިތަކާ ހުރި ގުޅުން ބެލި ބާ؟ އަޑިއިވޭ ގޮތުން ޔަހޫދީންނަށް މަދަދު ދޭ ބްލެކް ރޮކް ކުންފުންޏާ މި މީހާ އާއި ގުޅުމެއް ވޭ.
އެމްސް
30 July 2024
ރާއްޖޭގެ ރަޢިއްޔަތުންގެ މަޖިލިސް ރައީސަކަށް ދިން ޙަމަލާގެވެސް ކޮޅެއް/މެދެއް ނުހޯދައެވެ!