ހަބީބް: އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އޭނާ އައްޔަންކުރަން މަޖިލީހުން ވަނީ ރުހުން ދީފައި --- ފޮޓޯ/މިހާރު
31 ޖުލައި 2024 - 13:32
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެޗްއާރްސީއެމުން ހުސްވެފައިވާ މަގާމަށް ހަބީބް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 15 ގަ އެވެ. އެ މައްސަލަ ދިރާސާ ކުރުމަށް ހަވާލުކުރި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ހަބީބް އެ ކޮމިޓީ އަށް ހާޒިރުކޮށް، އޭނާއާ އިންޓަވިއު ކޮށްފަ އެވެ.
އިންޓަވިއު މަރުހަލާގައި ހަބީބަށް ވަނީ 89 ޕަސެންޓް މާކްސް ލިބިވަޑައިގެންފަ އެވެ.
އެހެންކަމުން ހަބީބަކީ އެޗްއާރްސީއެމްގެ މެންބަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ގާބިލް ބޭފުޅެއް ކަމަށް ކަނޑައަޅައި، އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް އެ ކޮމިޓީން ފާސްކުރީ އިއްޔެ އެވެ.
ކޮމިޓީން ނިންމި ގޮތަށް، އެޗްއާރްސީއެމަށް ހަބީބް އައްޔަން ކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 74 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް ތިން މެމްބަރަކު ވޯޓު ދެއްވި އެވެ.
އީސީން އޭނާ ވަކިވެވަޑައިގަތީ ކޮމިޝަންގެ މެމްބަރު ކަމުގައި ދެ ދައުރު ހަމަވުމުންނެވެ. ފަސް އަހަރުގެ ދެ ދައުރު އޭނާ ވަނީ ފުރިހަމަ ކުރައްވައިފަ އެވެ. ގާނޫނުގައިވާ ގޮތުން މެންބަރު ކަމުގައި ފުރިހަމަ ކުރެވޭނީ ދެ ދައުރެވެ. މެމްބަރުކަމާއި އެ ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައި ހަބީބް 21 އަހަރު ހިދުމަތް ކުރެއްވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ހަބީބް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ މާޗު 13، 2013 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ފުރަތަމަ ދައުރު ހަމަވެ ދެ ވަނަ ދައުރަށް އައްޔަން ކުރީ 2019 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔމނ އދރސ
31 July 2024
މި އަޅެ ސަރުކާރަށް ބަލަދު އަރާ މީހުންތަ. ރިޓަޔަރ ކުރީމަވެސް އަދިވެސް މަގާމު ދޭންވީ މި މީހުންނަށް، ކިޔަވާގެންތިބި ޒުވާނުން މަގުމަތީގައި ވަޒީފާއެއް ނުލިބިފައި. ޝޭމް އޮންޔޫ މުއިޒް އެން މަޖްލިސް
އަބަދުއެއްފެމުނުންތަކޭ
01 August 2024
މި ޤައުމަކު ނެތޭ ކިޔަވައިގެން ތިބި ޒުވާނުުންނަކަށް ފުރުސަތެއް.. އެއް ދިމާލުން ރިޓަޔަރ ކުރާ މީހާ ބޮޑު މުސާރަ ލިބޭ އަނެއް ދިމާލަށް. ޢެވެސް ރިޓަޔަރމަންޓު ބެނިފިޓް ލިބޭ ގޮތަށް.. މި ހަބީބަކާ، އާރމީ ޗީފު އަބްދުއްރަހީމަކާ ފުވާދަކާ އަނެއް މީހަކާ އަނެއް މީހަކު މި ރާއްޖޭގަ އަބަދުވެސް މި އުޅެނީ ފެމުނުތަކެއް ހެން.. ހިތްވެސް ފުރޭ ބައެއް ނޫން. ވިޔަފާރި ބޮޑުން ތެރޭގަ ވެސް ސިޔާސީ މަތިފަޑީގަވެސް މިނިވަން މުވައްސަސާތަކުގަ ވެސް ހުސް ފެމުނުން. ސަލާމަތެއް ނެތް
ޙަބީބާ
31 July 2024
ޥިދާޅުވި ގޮތަކަށް ކަންތައް ކޮށްދޭ ވައްތަރުގެ ޗިޕެއް ބޮލުގަ އިންނަ ބޭފުޅެއް ވީމާ ދޫކޮށްލާފަ ބެހެއްޓެން ނެތިގެން ގެނައީ .
ޒާކިރު
31 July 2024
މަރުހަބާ ހަބީބު. މިނިވަން މުއައްސަސާ އަކަށް އެންމެ ނަޒާހަތްތެރި އެއް ބޭފުޅެއްތީ. އުންމީދު ކުރަން އީސީ ހަބީބު "އެޗް އާރު" ހަބީބަށް ބަދަލުވެ އެތަނުގެ ކަންކަން ރަނގަޅަށް ދާނެ ކަމަށް އިނގޭ
މިވެސް ގޮތެއް
31 July 2024
މިއީ ދައުލަތަށް ބަލަދު އަރާ ބޭފުޅެއް. މިވަރުން ފުދޭނެކަމަށް ފެންނަނީ
ނަފީސާ
31 July 2024
މާބޮޑަށް ހިތަށް ތަދުވީތަ. އަޅާނުލާ، ދައުލަތަކީ ކަލޭގެ އެއްޗެއް ނޫން ދޯ
އަހަންމަޑީ
31 July 2024
ތިޔަ ބުނީ ރަނގަޅަށް. އަބަދުވެސް ދައުލަތުން 60 ހާސްހުން މަތީގަ މި މީހުން އުޅެން ޖެހެނީ. ފެންވަރެއް ހުރި ބައެއްވެސް ނޫން. ކަމެއް އެނގޭ ކަމެއް ކުރެވޭ، ނަޒާހަތްތެރި ބައެއްކަން ޔަގީނެއްނޫން. ހުސް ޑްރާމާކުޅެ ރައްޔިތުންނަށް އޮޅުވާލައިގެން ސިޔާސީ މީހުންގެ ހައގުތައް ހިމާޔަތްކުރުމުގަ ތިބޭ ބައެއް.