ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އެ ޖަމާއަތުގެ އެއްވުމެއްގައި: އޭނާ ފަސްދާނުލާނީ ހުކުރު ދުވަހު ގަތަރުގައި. -- ފޮޓޯ: އޭއެފްޕީ
31 ޖުލައި 2024 - 22:34
އީރާންގައި އަވަހަރާކޮށްލި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ ޖަނާޒާ އެ ގައުމުގައި ބޭއްވުމަށް ފަހު ފަސްދާނުލާނީ ހުކުރު ދުވަހު ގަތަރުގައި ކަމަށް ހަމާސް އިން މިއަދު ބުނެފި އެވެ.
ހަމާސް އިން ބުނީ ހަނިއްޔާއަށް އިހުތިރާމް އަދާކުރުން އާންމުންނަށް ހުޅުވާލައިގެން ބޭއްވުމަށާއި ރަސްމީ ބައެއް ކަންކަން މާދަމާ އީރާންގެ ވެރިރަށް ތެހެރާންގައި ބާއްވާނެ ކަމަށެވެ. އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ އޭގެ ފަހުން ހަނިއްޔާގެ ހަށިގަނޑު ގަތަރަށް ގެންދާނެ ކަމަށެވެ.
ހަނިއްޔާއަށް ކަށުނަމާދު ކުރާނީ ގަތަރުވެ ވެރިރަށް ދޯހާގައި ހުންނަ އެންމެ ބޮޑު މިސްކިތް ކަމަށްވާ އިމާމް މުހައްމަދު ބިން އަބްދުލްވައްހާބު މިސްކިތުގައި ހުކުރު ނަމާދަށް ފަހުގަ އެވެ. އަދި އޭނާ ފަސްދާނުލާނީ ދޯހާގެ އުތުރުގައި އޮންނަ ލުސައިލްގެ ގަބުރުސްތާނެއްގައި ކަމަށް ވެސް ހަމާސް އިން ބުންޏެވެ.
އެ ޖަމާއަތުން ބުނި ގޮތުގައި، ހަނިއްޔާ ދިރިއުޅުއްވި ގަތަރުގައި ބާއްވާ ކަށުކަމާކެމީގެ ކަންކަމުގައި އަރަބި އަދި އިސްލާމީ އެކި ގައުމުތަކުގެ ވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
އީރާންގެ އާ ރައީސް މަގާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް ހަނިއްޔާ އަވަހާރަކޮށްލީ އޭނާ ހުންނެވި ގެޔަށް ހަމަލާ ދީގެންނެވެ. މިއީ އިޒްރޭލުގެ އަމަލެއް ކަމަށާއި އެކަމުގެ ބަދަލުހިފާނެ ކަމަށް ހަމާސް އާއި އީރާނުން ދަނީ ބުނަމުންނެވެ. އެކަމަކު ހަމަލާއާ ގުޅޭ ގޮތުން އިޒްރޭލުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy