ފެނަކަ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
01 އޯގަސްޓް 2024 - 15:24
މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ވެސް ފެނަކަ ހިންގީ ފައިދާގައި ކަމަށާއި ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރަން ހަރަދުތައް ކުޑަ ކުރުމުގެ މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފެނަކަ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ކުންފުނި ހިންގީ ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެކަމަކު މި ވެރިކަމުގައި، ކުންފުނީގެ ހަރަދު ކުޑަ ކުރަން ފެށި މަސައްކަތްތަކުގެ ސަބަބުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަތަރު މިލިއަން ރުފިޔާގެ ފައިދާވި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 7.4 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވެ އެވެ.
މުއާޒް ވިދާޅުވީ ކުންފުނި ފައިދާގައި ހިންގުނީ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށްގެން ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް އިތުރު ދާއިރާތަކުން ހަރަދުތައް ކުޑަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާ މެނޭޖްމަންޓުން ފެނަކައާ ހަވާލުވި އިރު އެ ކުންފުނީގައި 8،200 މުވައްޒަފުން މަސައްކަތް ކުރި އެވެ. އެކަމަކު އެ ކުންފުނީގައި މިހާރު ތިބީ 7،300 މުވައްޒަފުން ކަމަށް މުއާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުންފުނި "ރައިޓް ސައިޒު" ކުރުމުގެ މަސައްކަތުގެ ދަށުން އެކުންފުންޏަށް މިވަގުތަށް އެކަށީގެންވާ މުވައްޒަފުންގެ އަދަދު ކަނޑައަޅާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 24 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފަ އެވެ. އަދި ކުންފުނި ހިންގަން ޖެހުނީ ސަރުކާރުގެ ވަރަށް ބޮޑު މާލީ އެހީއާ އެކުގަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުންފުނި އަދިވެސް އޮތީ ވަރަށް އުނދަގޫ ހާލަތެއްގަ އެވެ. އެހެންވިޔަސް ކުންފުނީގެ ދަރަނި ކުޑަކޮށް، އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ވެސް ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ އެ ކުންފުނިން 29 ރަށަށް ފެން ދެނީ ބިލް ނުކޮށް ކަމަށާއި، ބިލް ކުރަން ފެށުމުން ވެސް ކޮންމެވެސް ވަރެއްގެ ފައިދާއެއް ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދުކުރާ މިންވަރާ ގާތަށް ވެސް އަޅުގަނޑުމެންގެ ހިދުމަތްތަކުގެ ފެންވަރު މައްޗެއް ނުކުރެވޭ. އެ ސަބަބަކީ، އަޅުގަނޑުމެން ހޯދަން އެބަ ޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ ސްޕެއާ ގަތުމަށްޓަކައި، ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ނެޓްވޯކް އަޕްގްރޭޑް ކުރުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުންފުނީގެ ދަރަނިތައް އަދާކުރަން ކޮންމެ މަހަކު ވެސް ވަކި ވަރެއް ހޭދަކުރަން ޖެހެ އެވެ. އަމާޒަކީ 2027 ވަނަ އަހަރާ ހަމައަށް އެކުންފުނީގެ މިވަގުތު އޮތް 4.3 ބިލިއަން ރުފިޔާގެ ދަރަނި ހަލާސްކުރުން ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންސަލްޓަންޓް ސަޢީދު
02 August 2024
ފެނަކައަށް ފައިދާ ވަނީ ބޭކާރު ޚަރަދު ނުކޮށް، ވައްކަން ނުކޮށް، ޚަރަދު ކުޑަކޮށް ކަންކަން ކުރަން ފެށީމަ. މީގެ ކުރިން ބޮޑުއަގުގަ ކުރަމުންއައި ކަންކަން އެކަންކަމުގެ އަސްލު އަގުގައި ކުރީމަ ދެކޮޅު ޖެހޭގޮތް ވަނީ.
އަސް
02 August 2024
ހާދަ އަވަހަކަށް ފައިދާ ވީ އެހާ ގެއްލުމުގަ ހިންގި ތަނަކުން، އަރަތެއް ތީ، ނުނީ ކުރިން ހިންގީ ގެއްލުމުގައި ކަމަށް ބުނީ އެއީ ދޮގެއް.
ކަރެކްޝަނު
02 August 2024
ބޭކާރު ކޮންޓްރެކްޓަރުންގެ ގޮތުގަ ބޯގިނަ ކުރަން ވެއްދި މީހުންގެ ކޮންޓްރެކްޓް އާ ނުކުރުމުންވެސް ފައިދާވެދާނެ.
ބްލަޑް
02 August 2024
އަރަތެއް ތި! ބިކިއަނުން ގެއްލުން ވަމުން އައި ކުންފުންޏެއް، އަހަރު ުނުވަނީސް ފައިދާ؟
ދޭހަ
02 August 2024
އެއީ އަރަތެއް ނޫން. އަރަތަކީ ދިވެހި ބަހުން ކިޔައި ދިނަސް އޭގެ މާނަ ދޭހަ ނުވުން. ދެ ކުއާޓާރ ގައި ފައިދާގަ ހިންގުގެ މާނަ އެއް ނޫން ކުންފުނި ފައިދާވާން ފެށީއޭ. ދަރަނި މަދުވާނެ ފައިދާގަ ހިންގަންޏާ. އެކަމަކު ކުންފުނީގެ ދަރަނި ސާފު ނުވަނީސް ކުންފުނި ފައިދާވާ ކުންފުންޏަކަށް ނުވާނެ.
އަކްމަލް
02 August 2024
އެމްޑީޕީ އާ ޕީއެންސީ އާ ހުރި ތަފާތަކީ މިއީ
ޖަގޭ
02 August 2024
ޔެސް! ތަފާތަކީ ތީ ވިޔަފާރިއެއްގައި ގައިމު ފައިދާއެއްވާނީ ރަގަޅު އިންވެސްޓެއް ވެފަ އޮތީމަ، އެމްޑީޕީން އައީ މިއިން ޒަމާނެއްގައި އެތަނަށް އިންވެސްޓް ނުކުރާވަރަށް އިންވެސްޓް ކުރަމުން އޭގައި ކަރަޕްޝަނެއް ނެތްވާހަކައެއް ނޫން، ކަރަޕްޝަނޭ ކަރަޕްޝަނޭ ކިޔަނީ ދުވަހަކު އެ ބެލޭ ގޮތެއް ނުވޭ، ކޮންމެ ސަރުކާރެއް ނިމި އާސަރުކާރު އައިސް ހަމަ އެ ބަދިތައް ކިޔަ ކިޔާ ތިބެ ހިންގަނީ ހަމަ ކަރަޕްޝަން
އަސްލަމް ވަހީދު
02 August 2024
އެމްޑީޕީ މީހުންނަށް ފެނޭތަ ؟ މިއީ މީހުން ގައުމު ހިންގާ ގޮތަކި
ހާމިދު ލަތީފް
02 August 2024
އިއްޔެ މަގޭ ކުންފުނީގެ ޕޭމަންޓްވެސް ދީފި. އަސްލު ރަނގަޅު މިދިޔަ ވެރިކަމަށް ވުރެން
ލުބާން
02 August 2024
މުޢާޒު ގެ ލީޑަރޝިޕްގެ ސަބަބުން ފެނަކައިގެ މާލީ ޙާލަތަށް ރަނގަޅު ބަދަލުތަކެއް އަންނަމުންދާކަން ވަރަށް ސާފުކޮށް ފެންނަން އެބަހުރި.
ޝިފާޒްް
02 August 2024
އާ މެނޭޖްމަންޓެއްގެ ދަށުން ފެނަކަ ކޯޕަރޭޝަނުގެ ކުރިއެރުން ވަރަށް ފާހަގަކޮށްލެވޭ. އެތައް އަހަރެއްގެ ގެއްލުމަށްފަހު ފައިދާ ލިބެން ފެށުމަކީ ވަރަށް ރަނގަޅު ކަމެއް
ޓަކި
02 August 2024
ވިޔަ ފާރި އެއްގައި ފައިދާ އާއި ގެއްލުން ވަނީ ކިހިނެތް؟ ރަގަޅު އިންވެސްޓެއް ވެފަ އޮތީމަ ފައިދާ ވާނީ އެހެންނޫން ނަމަ ކިހިނެތް؟؟؟
މޯޑްސް
01 August 2024
ތިގޮތަށް ހަރަދު ކުޑަ ކުރަން އޯކޭ... ގދ. ތިނަދޫ ރައްޔިތުން ގުއިފެނުގަ ފެންވަރާތާ 3 މަސް. ފެންޕްލާންޓް ރަގަޅު ކޮށްލާނެވަރެއްވެސް ނެތް.
ޝައިހާފް
01 August 2024
ސަޕްލަޔަރުންނަށް 300 މިލިއަނަށްވުރެ ގިނައިން މިހާރުވެސްދީފި. މީ އެންމެ 8 މަސްދުވަސް ތެރޭގަ ކުރަމުންދާ ކަންތައް. އެންމެ ލޯ ލާރިއެއްވެސް ޗާޕުނުކޮށް