އޭސީސީގެ ރައީސް: ޕީޖީގެ އަމުރާ އެކު ގޯއްޗާއި ފްލެޓްތަކާ ގުޅޭ އަވަސް ތަހުގީގެއް ވަނީ ފަށާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
02 އޮކްޓޯބަރ 2025 - 14:00
ފެނަކައާ ގުޅޭގޮތުން 161 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ކުރި ތަހުގީގުތަކަށްފަހު 21.4 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
ޔުޓިލިޓީ ހިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކަ ކޯޕަރޭޝަނާ ގުޅޭގޮތުން އޮޑިޓަ ޖެނެރަލްގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ރިޕޯޓުން އެ ކުންފުނީގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި ބިޑަށް ނުލައި ބިލިއަނުން ޕްރޮޖެކްޓުތައް ހަވާލުކުރުމާއި ނުއަގުގައި މަސައްކަތްތައް ހަވާލުކުރުން ފަދަ ކަންކަން ހިމެނެ އެވެ.
އެކަމާ ގުޅިގެން އޭސީސީން ނެރުނު ބަޔާނުގައި ބުނީ، އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނަށް ތަހުގީގު ކުރުމުގެ އިހުތިސާސް ލިބެނީ ކޮން މައްސަލަތަކެއްތޯ ބަލައި، ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އޭސީސީން ބުނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގިނަ މައްސަލަތައް އެ ކޮމިޝަނުން މިހާރު ވެސް ތަހުގީގުކުރާ ކަމަށެވެ.
އެގޮތުން، ފެނަކައާ ގުޅޭގޮތުން މިހާރު ވެސް 161 މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އޭގެ ތެރެއިން 13 މައްސަލައެއްގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ އެކު ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ފަށާފައިވާ ކަމަށް އޭސީސީން ބުންޏެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން ފެނަކައާ ގުޅޭ ނުވަ މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުވާކޮށް، އަދި އެއް މައްސަލައެއްގައި ހުކުމް އިއްވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އެ ކުންފުންޏާ ގުޅޭގޮތުން ތަހުގީގުކުރި މައްސަލަތަކުން 21،458،280ރ. އަނބުރާ ހޯދުމަށް ފެނަކައަށް މިހާރު ވަނީ އަންގައިފަ އެވެ.
އެއާއެކު، އެކި މައްސަލަތަކުން 96 ކަމެއް އިސްލާހުކުރުމަށް ފެނަކައަށް ވަނީ އަންގައިފަ އެވެ.
އޭގެ ތެރޭގައި؛
- ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ 49 ކަމެއް
- ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 26 ކަމެއް
- ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 10 ކަމެއް
- ކުންފުނިން އަމިއްލަ ތަހުގީގުކުރުމަށް 8 ކަމެއް
ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު (ފެނަކަ ސައީދު) ހުންނެވިއިރު ހިންގި ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ވަނީ އިއްވައިފަ އެވެ. އަދި އިތުރު މައްސަލައެއްގައި ވެސް އޭނާއަށް ދައުވާ އުފުލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެރީ ޓަޔާރޑް ޝަނޫނު
02 October 2025
ފެނަަކައިން މިވެރިކަން ނިމޭއިރު ދައުލަތަށް ލިބޭ ގެއްލުން މިފަހަރު 4 ބިލިޔަނަށް އަރާނެއެވެ. ނާޖާއިޒް ފައިދާ ނެގުމާއި ކަމަށް ކުފޫ ހަމަނުވާ އެތެއްބަޔަކަށް ވަޒީފާ ދިނުމާއި ޚިދުމަތް ހޯދާފައި ލާރިނުދެއްކުމާއި އެމްޑީގެ ރަހުމަތްތެރިންނަށް ފެނަކަ ތިޖޫރީން މުށްޖަހާފައި ކެއުމުގެ އެތެއް ފުރުޞަތެއް މިހާރުވަނީ ހުޅުވާލާފައެވެ. ވެރީ ޓަޔާޑް ނަޖާހްގެ ކަންތަށް މީގެ ކުރީން ހުރި އެއްވެސް އެމްޑީއަކާއި ނުބައްދަލެވެ.
ޢިބޫ
02 October 2025
ކިތަށް އަހަރުންތޯ މައްސަލައެއް ބަލާނިމޭނީ؟
އާބަކުރުކަތީބު
02 October 2025
މިހިރަ އަދަދުތަކުންނާއި ކޮމެންޓްތަކުން އެނގެނީ ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ނުބައި ނުލަފާކަން. އިސްލާމުންނޭ ކިއެއް ކަމަކު މި މީހުންގެ ހިތުގައި އީމާންތެރި ކަމެއް ނެތްކަން. މަރުވާނެ ކަން ހަނދާނުގައި ހުންނަ މީހުން ނެތްކަން.
ބުރުޖަހާ
02 October 2025
ކުންފުންޏާ ގުޅޭގޮތުން ތަހުގީގުކުރި މައްސަލަތަކުން 21،458،280ރ. އަނބުރާ ހޯދުމަށް އެނގީމަ އެ އެންގުމަށް ވާނެ ތަބާވަން
އިއްތިފާގު
02 October 2025
މިއަދު ތިވާހަކަދައްކަނީ ކީއްވެ؟
އެދުރު1
02 October 2025
ކޮންމެ އިރަކު ދައްކައިގެން ވެސް މި ސާރކަލް ހުއްޓުވަން ޖެހޭ . ލޭޓް އިޒް ބެޓެރ ދެން ނެވަރ.
ރަމީލާ
02 October 2025
މިހާރު ފެނަކައިން ކޮރަޕްޝަން ހިންގާކަމާއި އެއްވެސްވަރަކަށް އިއުލާން ނުކޮށް ވަޒީފާދޭކަމާއި، ސީދާ ޑިޕާޓްމަންޓްތަކުގެ ވެރިން ފެނަކަ ޕްރޮކިޔުމަންޓް ޕޮލިސީއަށް ނުބަލާ ރައްޓެހިން ލައްވާ ކުންފުނި ހަދައިގެން ވިޔަފާރިކުރަަން ފުރުޞަތުދީގެން ތިޔަ ތިބީ ކީއްވެފައިތޯއެވެ. އެއިރުވެސް އަހަރުމެން ސްޓާފުން މިވާހަކަ ދެއްކީމެވެ. ކުރާނެކަމެއް ކުރާން ދީގެން ތިބީއެވެ.
ރަޝްމާ
02 October 2025
ފެނަކައާއި ގުޅޭ ކޮރަޕްޝަން ބަލަން މިހާރު ހިންގާ ކޮރަޕްޝަން ނުބަލާ 5 އަހަރު ފަހުން އަނެއްކާ ތިޔަހެން ގޮވަންތޯ އަހަރުމެން ތިބެންވީ؟؟ ބަލަ މިހާރު ރައްޓެހިންނާއި އެކުވެރިންނަށް ވަޒީފާދީގެން އިންޖީނު ނުއަގުގައި ގަނެ މިހާރުގެ ހުރި މީހާ ހިތުހުރި ކަމެއް ކުރާއިރު ކުރީންވެސް ތިޔަކަން ކުރާކަން އެނގި އެތެއްބަޔަކު ތިޔަވާހަަކަ ދެއްކީމައިވެސް އަޅާ ނުލާއި ތިބިހެން އެންޓިކޮރަޕްޝަންގެ މީހުން އެމީހުންގެ ވަޒީފާ ހިމާޔަތުގައި ތިބީއެވެ. ތިޔައީ އުވާލަންވީ ތަނެކެވެ.
ގަމާރޭ
02 October 2025
މީ ވވވ ސިޔާސީ މީހެއް މިގައުމުގެ ހަޔާތުގާވެސް މިވަރު މީހަކުނުދެކެން މަގާމާހެދި މަރުދަންޖެހެނީ
އައިސަން
02 October 2025
މީ އަޅެ ކީއްކުރަން މުސާރަ ދީފަ ތިބި ބޭކާރު ބޯތަކެއްތަ؟
ގޮނުއަނގަ
02 October 2025
ހުކުމް ކުރާނީ މައްސަލަ ހުށަހަޅާ ގޮތަކަށް. މިފަހުން ހުކުމް ކުރި އެއްވެސް މައްސަލައެއްގައި ފައިސާ ހޯދަދޭކަށް ހުކުމެއް ނުކުރޭ. އެމީހަކު ޖަލަށް ލެވުނީމާ ނިމުނީ.