02 އޯގަސްޓް 2024 - 06:45
އެންމެ ފަހުގެ ގްލޯބަލް ސުޕާ ހައިވޭ ކަމަށްވާ ބައިނަލްއަގުވާމި ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ރާއްޖޭގައި އިއްޔެ އިފުތިތާހުކޮށްފި އެވެ.
ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމަކީ ދެކުނު އިރުމަތީ އޭޝިއާ އާއި މެދުއިރުމަތި އަދި ހުޅަނގު ޔޫރަޕް ގުޅުވައިލަދޭ ގްލޯބަލް ސުޕާ-ހައިވޭއެކެވެ. ކަނޑުއަޑިން ގުޅާލާ ގޮތަށް، ކޭބަލް ޓެކްނޮލޮޖީން ފަރުމާ ކޮށްފައިވާ މި ސިސްޓަމް ސިންގަޕޫރުން ފެށިގެން ފްރާންސާ ދެމެދު 11 ގައުމެއްގައި އަޅާނެ އެވެ. ދިގުމިނުގައި 19،200 ކިލޯ މީޓަރު ހުންނަ މި ސަބްމެރިން ކޭބަލް ސިސްޓަމްގެ ޓްރާންސްމިޝަން ސްޕީޑް ފަށާނީ ވެސް 100 ޓީބީޕީއެސް އިންނެވެ.
މިއީ ރާއްޖޭގެ މުވާސަލާތީ ތާރީހުގައި ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ސިސްޓަމް ކޮންސޯޓިއަމްގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ރާއްޖޭގެ ޑިޖިޓަލް ހިދުމަތް ދޭ ކުންފުންޏަކުން ބައިވެރިވާ ފުރަތަމަ ފަހަރެވެ.
ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ރާއްޖޭގައި ރަސްމީކޮށް އިފްތިތާހު ކޮށްފައި ވަނީ ހުޅުމާލެ 2 ގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ސިޓީސް، ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މި ކޭބަލުގެ ސަބަބުން މުވާސަލާތީ ވިއުގަ ހަރުދަނާވެ، ރާއްޖެ އަށް އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ކުރިއެރުން ލިބޭނެ ކަމަށެވެ.
"މިއަދު އިފްތިތާހުކުރެވިގެން މިދިޔަ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލްއާ އެކު ދުނިޔޭގެ އެކި މައި އިންޓަނެޓް އެކްސްޖޭންޖް ޕޮއިންޓްތަކަށް ދިވެހިރާއްޖެ އަށް އެކްސެސް ލިބޭނެ. މީގެ ސަބަބުން އެއްވެސް އިތުރު ގައުމަކަށް ބަރޯސާ ނުވެ، ދުނިޔޭގެ ޑިޖިޓަލް ނެޓްވޯކާއި ރާއްޖެއާ ސީދާ ގުޅުވާލާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދިރާގަކީ އަބަދުވެސް ރާއްޖޭގެ ޑިޖިޓަލް މާހައުލު ކުރިއަރުވައި، އިންގިލާބި ބަދަލުތައް ގެނައުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެއް ކަމަށެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުގެ ޑިޖިޓަލް ނެޓްވޯކު ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަކީ ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ހަބެއްގެ ގޮތުގައި ރާއްޖެ ގާއިމްކޮށް، ރާއްޖޭގެ މުވާސަލާތީ ވިއުގަ އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ ގުޅުމުގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޑިޖިޓަލް ޓްރާންސްފޮމޭޝަނާ އެއްވަރަށް ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް އެންމެ ފަހުގެ ޓެކްނޮލޮޖީތައް ފޯރުކޮށްދިނުން. މިއީ މިފަދަ ގޮތަކަށް ރާއްޖޭގެ ކޭބަލް ބައިނަލްއަގުވާމީ ސިސްޓަމަކާ ސީދާ ގުޅާލެވޭ ފުރަތަމަ ފަހަރު،" އޭނާ ވިދާޅުވި އެވެ.
"މިއާ އެކު ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީގެ ސްޕީޑް އިތުރަށް ހަލުވިވެ، ލޭޓެންސީ ކުޑަވެ، މުސްތަގުބަލުގައި ދިރާގުގެ އިންޓަނެޓް ހިދުމަތުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ."
މި ގްލޯބަލް ސިސްޓަމްގެ ފުރިހަމަ ބައިވެރިއަކަށްވުމަށްޓަކައި ދިރާގުން ވަނީ 2021 ވަނަ އަހަރު ދުނިޔޭގެ ބައިނަލްއަގުވާމީ 16 ޓެލްކޯ އަދި ޓެކް ކުންފުންޏެއް ޝާމިލްވާ ކޮންސޯޓިއަމެއްގައި ބައިވެރިވެފަ އެވެ.
ދިރާގުގެ މި ބޮޑު އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ މުހިންމު އިންޓަނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކާއި ރާއްޖެއާ ސީދާ ގުޅައި، ރާއްޖޭގެ ބައިނަލްއަގުވާމީ ކަނެކްޓިވިޓީ އިތުރަށް ހަރުދަނާ ވާނެ އެވެ. އަދި ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅުވެ، މުސްތަގުބަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދޭ ޑިޖިޓަލް ހިދުމަތްތައް މިހާރަށްވުރެ ކުރިއެރުމަށް މަގުފަހިވާނެ ކަމަށް ދިރާގުން ބުންޏެވެ.
ސީ.މީ.ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މަސައްކަތް 2026 ވަނަ އަހަރުގެ ކުރީކޮޅުގައި ނިމޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
02 August 2024
އިންޓަނެޓް ކިތަންމެ ހަލުއްވަސް ސަރުކާރު އޮފީސްތަކުގެ ދުވެލި އަދިވެސް އުޅެނީ ޓެލެކްސް ސްޕީޑްގައެވެ!
އަލީ ސަލީމް އަހްމަދު
02 August 2024
މީގަ އެންމެ ދެރަވަނީ އަހަރުމެން ގުޅެން ބޭނުންވާ ގައުމު، އަދި ރައް، މާތްވެގެންވާ ސައޫދީ ގެ މާއްކާ އާ ރާއްޖެ ދެމެދުގައި މިފާދަ ކޭބަލް އެއް އަދިވެސް ނޭޅޭތީވެ! އެހެންނަމަހީ..
އަހުމަދުު
02 August 2024
ނޭގޭދޯ ސަބްމެރީން ކޭބަލް މަސައްތްކުރާ ގޮތް
އަހްމަދ
02 August 2024
ތިބުނާ ބަދަލުތަށް އަންނާނީ ކޮންދުވަހަކުންބާ ،
ބަބްސް
02 August 2024
އޯޝަން ކަނެކްޓް ގެ އިންޑިޔާ އޭސީޔާ އެކްސްޕްރެސް ކޭބަލް މިޙާރު ކޮބާތަ ، ކާކުތަ އެބޭނުން ކުރަނީ.
ބަބްސް
02 August 2024
ހަބަރު ލިޔާއިރު އިނގިރޭސިން ހުން ބަސްތަށް އިނގިރޭސިން ލިޔާނަމަ ކިޔާމީހުންނަށް ރެފެރެންސް ހަދާލަންވެސް ފަސޭހަވާނެ. ސީ-މީ-ވީ 6 ގެ ބަދަލުގައި SEA-ME-WE 6 ޖެހީމަ ކިހިނެއްތޯވާނީ. ދިރާގުން މިކޭބަލްތަށް އެޅިޔަސް ހަފްތާބަންދުގަ ގުޑާވެސް ނުލާ.
ބަސްތައް
02 August 2024
ބަސްތައް - ބަސްތަކޭ. ޔައުނީ އަލިފު ސުކުން. އެކަމަކު، މީހުންނަށް - މީހުންނަށޭ. ށ ސުކުން ރަނގަޅު.