ކުޅިވަރު

އުލްޔާއަށް ރެކޯޑް ކުރިއެރުންތަކެއް، އޮލިމްޕިކްސް ބޮޑު ޗެލެންޖަށް ތައްޔާރު

02 އޯގަސްޓް 2024 - 17:06

މިއަހަރުގެ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބުމުން، އާއިޝަތު އުލްޔާ ޝާއިގަށް ލިބުނީ މާ ބޮޑު ހިތްވަރެކެވެ. އޮލިމްޕިކްސްގެ ޖާގަ ކަށަވަރުވި ފަހުން މަހެއް ތެރޭ ދެ ފަހަރަށް ގައުމީ ރެކޯޑް އޭނާ މުގުރާލި އެވެ. އުމުރުން 21 އަހަރުގެ ފެތުންތެރިޔާ ހުރީ އޮލިމްޕިކްސްގައި އޭނާ ވާދަކުރާ ހީޓަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ.

އޮލިމްޕިކްސްގައި ވާދަކުރުމުގެ ޖާގަ އުލްޔާ އަށް ލިބުނީ ވޯލްޑް އެކުއަޓިކްސްއިން ގަބޫލުކުރާ މުބާރާތްތަކުން އެންމެ މަތިން ޕޮއިންޓް ހޯދި ދިވެހި އަންހެން އެތުލީޓަށް ވުމުންނެވެ. ފެބްރުއަރީ މަހު ފިލިޕީންސްގައި ބޭއްވި އޭޝިއަން އޭޖް ގުރޫޕް މުބާރާތުގައި 50 މީޓަރު ފްރީސްޓައިލް ލޯންގްކޯސް އިވެންޓްގައި ފަތައިގެން 29.29 ސިކުންތުން އޭނާ ރޭސް ނިންމުމި އެވެ. އެ މުބާރަތަކީ ވޯލްޑް އެކުއަޓިކްސްއިން ގަބޫލު ކުރާ މުބާރާތެކެވެ. އައަމިއްލަ އަތުގައި އޮތް ލޯންގް ކޯސް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްގެންނެވެ.

"އޮލިމްޕިކްސް އަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް. މި މުބާރާތުގައި ރާއްޖެ ތަމްސީލު ކުރަން ލިބުނު ފުރުސަތާ މެދު ވަރަށް ފަހުރުވެރިވޭ،" އުމުރުން އަށް އަހަރުން ފެެށިގެން ފެތުމުގެ މުބާރާތްތަކުގައި ވާދަކުރަމުން އަންނަ އުލްޔާ، އޮލިމްޕިކް ކޮމިޓީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

"އެންމެ ފަހުން އޮތް ކޮލިފިކޭޝަން މުބާރާތަށް ފަހު ސިންގަޕޫރު މުބާރާތުގައި ހުއްޓައި، އޮލިމްޕިކްސްގެ ޖާގާ ލިބުނުކަން އެނގުނީ. އެ ވަގުތުކޮޅު ވަރަށް އުފާވެރި އިހުސާސެއް ކުރެވުނު."

އޮލިމްޕިކްސްގައި އުލްޔާ ވާދަކުރުމަށް ހަމަޖެހިފައި ވަނީ އަންހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގަ އެވެ. އެ ގޭމްސްގައި ފެތުމުގެ ހުރިހާ އިވެންޓްތައް ވެސް ކުރިއަށްެގެންދަނީ ލޯންގް ކޯސް ޕޫލްގައެވެ.

ޖޫން މަހުގެ 22 ގައި، އޮލިމްޕިކްސްގައި ވާދަ ކުރުމުގެ ފުރުސަތު ލިބުނުކަން އިއުލާން ކުރެވިގެންދިޔަ ފަހުން މަސްދުވަސް ތެރޭ އޭނާ ވަނީ ޝޯޓް ކޯސް އިވެންޓުތަކުން ތިން ފަހަރު ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.

ޖޫން 28 ގައި އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ބްރޭކާސް ބިގް ސްޕްލޭޝްގައި އުލްޔާ ވަނީ ދެ ރެކޯޑެއް މުގުރާލައިފަ އެވެ. އެއީ 50 މީޓަރު ފްރީސްޓައިލް އާއި 50 މީޓަރު ބަޓަފްލައި އިވެންޓުންނެވެ.

ފަންސާސް މީޓަރު ބަޓަފްލައި އިވެންޓުން ގައުމީ ރެކޯޑް އާކުރީ 31.76 ސިކުންތުން ފަތައިގެންނެވެ. މީގެ ކުރިން މި ރެކޯޑް އޮތީ މިދިޔަ އަހަރު ބޭއްވުނު ޓައުޓަން ޑީން، މިލްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔާގައި 32.56 ސިކުންތުން ރޭސް ނިންމި މެރާލް އައިން ލަތީފް އަތުގަ އެވެ.

އަދި 50 މީޓަރު ފްރީސްޓައިލް އިވެންޓުގައި 28.81 ސިކުންތުން ފަތައިގެން އޭނާ މުގުރާލީ 2016 ވަނަ އަހަރު އޮތް 13 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި 29.81 ސިކުންތުން ފަތައިގެން އާމިނަތު ޝަޖަން ހެދި ރެކޯޑެވެ.

އެއަށް ފަހު ޖުލައި 20 ވަނަ ދުވަހު އުލްޔާ ވަނީ އޮސްޓްރޭލިއާގައި އޮތް ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާ (ޔޫޑަބްލިއުއޭ) ވެސްޓް ކޯސްޓް ކްލަބް ނައިޓް ނަންބަރު 7 މީޓްގައި، 28.75 ސިކުންތުން ފަތައިގެން 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑް އާކޮށްފަ އެވެ.

އޮލިމްޕިކްސްގައި އުލްޔާ އޭނާގެ ފުރަތަމަ ހީޓުގައި މާދަމާ މެންދުރު ފަތާނެ އެވެ. ޖުމްލަ އަށް ފެތުންތެރިން ވާދަކުރާ ހަތަރުވަނަ ހީޓުގައި އުލްޔާ ފަތާނީ އެއްވަނަ ލޭނުގަ އެވެ..

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454