14 އޯގަސްޓް 2024 - 12:38
ވާސޯ (އޯގަސްޓް 14) – ރެއާލް މެޑްރިޑްގެ އެންމެ މަތީ ފެންވަރުގެ ސްކޮޑަށް، ސައުދީ އަރަބިއާގެ ބިޔަ ހުށަހެޅުންތަކުން އަސަރެއް ނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ސައުދީގެ އަގުބޮޑު ހުށަހެޅުމެއް ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް ހުށަހަޅާފައިވާކަމުގެ އަޑުތަކެއް ފެތުރުނެވެ. ބައެއް މީޑިއާތަކުން އެ ޚަބަރު ރިޕޯޓް ވެސް ކުރި އެވެ.
އަލް ހިލާލުން ހުށަހެޅީ 400 މިލިއަން ޑޮލަރުގެ ޓްރާންސްފާގެ އަގެއް ކަމަށް ބުނެ އެވެ. އެއީ ކުޅިވަރުގެ އެތުލީޓެއްގެ ޓްރާންސްފާ އަށް މިހާތަނަށް ނުކިޔާވަރުގެ ބޮޑު އަގެކެވެ.
އަންޗެލޮޓީ ބުނީ އެފަދަ ހުށަހެޅުމެއް ނެތް ކަމަށެވެ. އަދި ވިނީ ވެސް ހުރީ ރެއާލްގެ ޕްރޮޖެކްޓަށް ސަމާލުކަން ދީގެން ކަމަށް އަންޗެލޮޓީ ބުންޏެވެ.
"އެއީ ދޮގު ވާހަކަތަކެއް. ހަމަ ހަގީގަތެއް ނެތް ވާހަކައެއް ފެތުރީ،" އަންޗެލޮޓީ ބުންޏެވެ.
ރެއާލްގެ މިހާރު އޮތް ޕްރޮޖެކްޓަށް ސައުދީގެ އަގުބޮޑު ހުށަހެޅުންތަކުގެ ނުރައްކާ އެބައޮތްތޯ ސުވާލު ކުރުމުން އިޓަލީގެ ކޯޗު ބުނީ އެފަދަ އެއްވެސް ނުރައްކަލެއް ރެއާލްގެ ސްކޮޑަށް ނެތް ކަމަށެވެ.
"ނޫން. ހަމަ ޔަގީނުން ވެސް ނޫން. އަހަރެމެންގެ ޕްރޮޖެކްޓް އެބައޮތް. އަދި އަހަމެން ކުރިއަށްދާނީ އެ ޕްރޮޖެކްޓާ އެކު. މަތީ ފެންވަރުގެ ސްކޮޑެއް އެބަ އޮތް. މުހިންމު ކުޅުންތެރިންތަކެއް އަހަރެމެން ޓީމު ދޫކޮށް ވެސް ހިނގައްޖެ. އެހެން ކުޅުންތެރިން އަހަރެމެން ގެނެސްފިން، ދެން ޖެހޭނީ މި ސްކޮޑަށް ފަސާހަގޮތަށް ގޭމް ރާވަން،" އަންޗެލޮޓީ ބުންޏެވެ.
އާ ސީޒަނުގައި ރެއާލްގެ ފުރަތަމަ މެޗަކީ މިރޭ ކުޅޭ ޔޫއެފާ ސުޕަ ކަޕްގެ މެޗެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ރެއާލްއާ ދެކޮޅަށް ނުކުންނާނީ ޔޫރޮޕާ ލީގު ކާމިޔާބު ކުރި އެޓަލާންޓާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލީ
14 August 2024
ކުރިއަށް އޮތް މެޗް ގެ ފޯކަސް ދުއްވާލަން ދައްކާ ވާހަކަ!